އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް: 19 ޕޮއިންޓުގެ ބޮޑު ތަފާތަކުން އިންޑިއާ ބަލިކޮށް ރާއްޖެއަށް ފުރިހަމަ މޮޅެއް

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕު 2026 ގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން--

ހޮންގްކޮންގްގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ކުޅުނު ތިންވަނަ މެޗުގައި މިއަދު އިންޑިއާއާ ވާދަކޮށް 19 ޕޮއިންޓުގެ ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ ދެ މެޗުން ސަރަހައްދީ ގަދަ ދެ ބާރު ކަމަށްވާ ސިންގަޕޫރު އަދި މެލޭޝިއާ އަތުން ބަލިވިނަމަވެސް، އުއްމީދު ކަނޑާނުލައި ކުރި ހިތްވަރުގަދަ މަސައްކަތުން ރާއްޖެއިން އިންޑިއާގެ މައްޗަށް ކުރިހޯދީ 41-60 އިންނެވެ.

މެޗުގެ ހުރިހާ ކުއާޓަރެއްގައިވެސް ރާއްޖޭގެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ކުރިހޯދާފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރު 9-12 އިން، ދެވަނަ ކުއާޓަރު 8-18 އިން، ތިންވަނަ ކުއާޓަރު 13-15 އިން އަދި ފަހު ކުއާޓަރު 11-15 އިން ކާމިޔާބުކުރީ ރާއްޖެއިންނެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕު 2026 ގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން--

އޭޝިއާ ސަރަހައްދުގެ ނެޓްބޯޅައިގެ އެންމެ ވަރުގަދަ ތިން ބާރުގެ ގޮތުގައި ފާހަގަކުރެވެނީ ސިންގަޕޫރު، މެލޭޝިއާ އަދި ސްރީލަންކާއެވެ. 1985 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ގަވާއިދުން އެންމެ އެދެވޭ އަދި ރަނގަޅު ނަތީޖާތަކެއް ނެރެމުންދަނީވެސް މި ތިން ޓީމުންނެވެ.

ރައުންޑް ރޮބިން އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭނެއެވެ. މުބާރާތުގައި ރާއްޖެއަށް ދެން އެންމެ އަވަހަށް އޮތީ އަންގާރަ ދުވަހު ހޮންގްކޮންގާ ދެކޮޅަށް ކުޅޭ މެޗެވެ.

އެއަށްފަހު، ފަސްވަނަ މެޗުގައި މި މަހުގެ 12 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ސްރީލަންކާއާ ދެކޮޅަށެވެ.

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕު 2026 ގައި ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން--

އެންމެފަހުން މި މުބާރާތް ބޭއްވީ 2024 ވަނަ އަހަރު އިންޑިއާގެ ބެންގަލޫރުގައެވެ. އެފަހަރުގެ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވަނީ ކުޅުނު ހަ މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައެވެ. އެގޮތުން ރާއްޖެ ވަނީ ސައުދީ އަރަބިއްޔާ، ޖަޕާން، އިންޑިއާ ބަލިކޮށް ރޭންކިންގައި ހިމެނުނު ހަތް ގައުމުގެ ތެރެއިން ހަތަރުވަނަ ހޯދާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު