ރާއްޖެ ސުޕަ ލީގު ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ސީދާ ތިން ސެޓުން ބ. ގޮއިދޫ ބަލިކޮށް، ވ. ފެލިދޫ އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
ރާއްޖޭގެ ރަށްރަށަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މިއަހަރުގެ ސުޕަ ލީގުގައި ޖުމްލަ ހަތް ރަށަކުން ބައިވެރިވިއެވެ. އެއީ ޗެމްޕިއަން ފެލިދޫ އާއި ރަންނަރއަޕް ގޮއިދޫގެ އިތުރުން ލ. ފޮނަދޫ، ކ. މާފުށި، ކ. ތުލުސްދޫ، ހދ. ހަނިމާދޫ އަދި ތ. ހިރިލަންދޫއެވެ.
ޤައުމީ ފެންވަރުގެ ގިނަ ތަރިންތަކަކާއެކު ވާދަކުރި ފެލިދޫ ޓީމުން ފައިނަލް މެޗުގެ ސެޓުތައް ގެންދިޔައީ 25-21، 25-16 އަދި 25-23 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ފެލިދޫއިން ފެށުނީއްސުރެ ހަތަރު ޕޮއިންޓުގެ ލީޑެއް ދަމަހައްޓަމުން ދިޔަނަމަވެސް، ސެޓުގެ މެދުތެރެއިން ގޮއިދޫއިން ކުޅުން ރަނގަޅުކޮށް 13-13 އިން ނަތީޖާ އެއްވަރުކުރިއެވެ.
ރާއްޖެ ސުޕަ ލީގު 2026 ގެ ފައިނަލް މެޗުގެ ތެރެއިން-- ފޮޓޯ: ކުޅިވަރު ވުޒާރާނަމަވެސް ފެލިދޫގެ ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ހަސަން ނިލާމް (ޕާޓޭ)، ހުސެއިން ވިޝާމް (ބުޅިކެ)، އަލީ ހުޒާމް (ހުޒަންޓޭ)، އާދަމް ފައިރޫޒް އަދި ބިދޭސީ ކުޅުންތެރިޔާ މުރާދު ޖީހާންގެ މޮޅު ކުޅުމާއެކު ފެލިދޫއިން ވަނީ 25-21 އިން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައެވެ.
ދެވަނަ ސެޓުގައި ގޮއިދޫ ޓީމުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އޭގެ ފުރިހަމަ ފައިދާ ނަގައި ފެލިދޫއިން ވަނީ 25-16 އިން ވަރަށް ފަސޭހަކަމާއެކު މި ސެޓު ނަގާފައެވެ.
ތިންވަނަ ސެޓު ފަށައިގެން ވެސް ފެލިދޫއިން ވަނީ ހަ ޕޮއިންޓުގެ ބޮޑު ލީޑެއް ނަގާފައެވެ. ސެޓުގެ ފަހުކޮޅު ގޮއިދޫއިން ކުޅުން ވަރުގަދަކޮށް، ނަތީޖާ ކައިރިކުރި ނަމަވެސް، ފެލިދޫގެ ތަޖުރިބާކާރު ކުޅުންތެރިންގެ ހިތްވަރާއެކު އެ ޓީމުން ވަނީ 25-23 އިން ސެޓު ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލާލާފައެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން:
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިން-- - އެންމެ މޮޅު އައުޓްސައިޑް އެޓޭކަރުން: އަލީ ހުޒާމް (ފެލިދޫ) އަދި ޝަމާއިލް ހުސެއިން (ގޮއިދޫ)
- އެންމެ މޮޅު މިޑިލް ބްލޮކަރުން: މުހައްމަދު ލަހުފާން އަލީ (ގޮއިދޫ) އަދި އިބްރާހީމް ފަޒީލް (ގޮއިދޫ)
- އެންމެ މޮޅު ސެޓަރު: ހުސެއިން ވިޝާމް (ފެލިދޫ)
- އެންމެ މޮޅު އޮޕަސިޓް ޕްލޭޔަރު: ހަސަން ނިލާމް (ފެލިދޫ)
- އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ: މުރާދު ޖީހާން (ފެލިދޫ)
- މުބާރާތުގެ އެންމެ މޮޅު ކޯޗު: މުހައްމަދު ޝަރަފް (ފެލިދޫ)
- މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ (މޯސްޓް ވެލިއުބަލް ޕްލޭޔަރު): ހަސަން ނިލާމް (ފެލިދޫ)
ރާއްޖެ ސުޕަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފެލިދޫ އިން ހޯދިއިރު، މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ލ. މާބައިދޫއެވެ.