109 އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވާ ޝިފާއު ގޭބަންދަށް ބަދަލު ކުރަން ހައިކޯޓުން ދެކޮޅު ހަދައިފި

ހުސެއިން ޝިފާއު

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި، 109 އަހަރަށް ޖަލަށް ލައި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ހުސެއިން ޝިފާއުގެ އިސްތިއުނާފުން ގޮތެއް ކަނޑައެޅެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރަން ހައިކޯޓުން މިއަދު ދެކޮޅު ހަދައިފިއެވެ.

ޝިފާއުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ޖުމުލަ 23 ދައުވާއެއް އުފުލިއިރު، އެ ހުރިހާ ދައުވާއެއް ވެސް ވަނީ އޭނާގެ މައްޗަށް ސާބިތުވެފައެވެ. އެ މައްސަލަތަކާ ގުޅިގެން މިދިޔަ ޑިސެންބަރު މަހުގެ 18ގައި ކްރިމިނަލް ކޯޓުންވަނީ ޝިފާއު 109 އަހަރަށް ޖަލަށްލައިފައެވެ އަދި، ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާއެއް ވެސް ކުރިއެވެ.

މި މައްސަލަތައް ޝިފާއުގެ ފަރާތުން އިސްތިއުނާފުކޮށް، ހައިކޯޓުގައި އެދުނީ ޙުކުމް ތަންފީޒުކުރުން ފަސްކޮށް، ކަފާލާތުގެ ދަށުން އޭނާ ގޭ ބަންދަށް ބަދަލުކޮށްދިނުމަށެވެ. އެގޮތުން ޝިފާއު ޖަލުގައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން އިސްތިއުނާފުކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާއަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ފުރިހަމައަށް ލިބޭނީ އޭނާގެ އަތުގައި ހުރި ލިޔެކިޔުންތައް ހޯދައި ގާނޫނީ ވަކީލާ މަޝްވަރާކުރެވުމުން ކަމަށް އޭނާ ބުނެފައިވެއެވެ. އެ ކަންކަމަށް ރިއާޔަތްކޮށް، ޝިފާއުވަނީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނުވަތަ ކަފާލާތުގެ އުސޫލުގެ ދަށުން ވަގުތީ ގޮތުން އޭނާ ގޭ ބަންދަށް ދޫކޮށްދިނުމަށް އިސްތިއުނާފު މައްސަލައިގެ ތެރެއިން ހައިކޯޓުގައި އެދިފައެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުން އެކަމަކު ނިންމެވީ، ޝިފާޢު ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށްވެސް ނޫން ކަމަށެވެ. އެހެންކަމުން، ޝިފާޢު އެދިފައިވާ ފަދައިން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެންޖެހޭ ގާނޫނީ އަސާސެއް ނެތުމުގެ އިތުރުން، ކަފާލާތުގެ ދަށުން ގޭބަންދަށް ދޫކޮށްދިނުމަށް އަމުރެއް ނެރެންޖެހޭ ގާނޫނީ އަސާސެއް ނެތްކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމެވިއެވެ.

https://sun.mv/215505

ޝިފާއުގެ މައްޗަށް 109 އަހަރުގެ ހުކުމެއް އިއްވި ނަމަވެސް، އެ މައްސަލާގައި ޝިފާއު ލޯންޑާކުރި 123،000 ޑޮލަރު ހުރީ ކޮން ތަނެއްގައިކަން ދައުލަތަށް ބުނެ ނުދެވޭތީ، އެ ފައިސާ ދައުލަތަށް ނަގަން އަމުރު ނުކުރެވޭނެ ކަމަށް މި މައްސަލައިގައި ދަށު ކޯޓުންވަނީ ނިންމާފައެވެ.

ޝިފާއުއަކީ މި ސަރުކާރުން އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ކުރިން އައްޔަންކުރި މީހެކެވެ. އެކަމަކު، އޭނާ ވަނީ ކުއްލިއަކަށް މަގާމުން ވަކިކޮށްފައެވެ. ރައީސް އޮފީހުގެ އިސް ތަރުޖަމާނު ކުރިން ވަނީ އޭނާ ވަކިކުރިކަން ޔަގީން ކޮށްދެއްވައިފައެވެ. އެކަމަކު، ވަކިކުރި ސަބަބެއް ވިދާޅެއްނުވެއެވެ.

comment ކޮމެންޓް