ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވި 59 އަހަރުގެ މީހަކު ލައްކައެއްގެ ޖޫރިމަނާއާއެކު 25 އަހަރަށް ޖަލަށް

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހާ: އޭނާ 25 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައި --- ފޮޓޯ/ ފުލުހުން

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި، 59 އަހަރުގެ މީހަކު 25 އަހަރަށް ޖަލަށްލައި، އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށް އިއްޔެ ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށް ލުމަށް ކޯޓުން އަމުރުކުރީ، ސ.މީދޫ، ދަފްތަރު ނަމްބަރު ހަތެއް, 59 އަހަރުގެ އަބްދުއްވައްހާބު އަހުމަދެވެ.

ފުލުހުން ބުނީ، އޭނާގެ މައްޗަށް ހުކުމްކުރީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅީ ޑިސެމްބަރު އެކެއް، 2021ގައެވެ.އެގޮތުން، މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ޖަނަވަރީ 13، 2022ގައި ކަމަށް ފުލުހުން ބުންޏެވެ.

ފާހަގަކުރެވޭ ގޮތުގައި، މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ވަނީ ޑައިމޯފިން ޓްރެފިކްކުރިކަމުގެ ކުށް ސާބިތުވި މީހަކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލާފައެވެ. އެއީ، އުމުރުން 43 އަހަރުގެ ނ. މިލަދޫ / އަލަމާގެ، އަޙްމަދު ޢަބްދުލްހާދީއެވެ.

https://sun.mv/222203

މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާއިރު، ރާއްޖެއަށް ބައެއް ބާވަތްތަކުގެ މަސްތުވާތަކެތި، ވަކި މިންވަރަކަށް ވުރެ އިތުރަށް އެތެރެ ކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ވަނީ އަމަލުކުރަން ފަށައިފައެވެ.

comment ކޮމެންޓް