މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕުގެ ސްޓޫޑިއޯ ޖާގަ ތަނަވަސްކޮށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ރާއްޖޭގެ ފުރަތަމަ ސްމާޓް ސްޓޫޑިއޯގެ ގޮތުގައި އަލުން ހުޅުވައިފިއެވެ.
މި ސްޓޫޑިއޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން ހަބޭސްއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ސްޕޮންސަރުން ބައިވެރިވިއެވެ.
އެތަނުގެ އާ ފަރުމާއަކީ މިޒަމާނުގެ ސިފަތަކާއި ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްކުރާ ސްމާޓް ފަރުމާއެކެވެ. ހަބޭސް ސްޓޫޑިއޯގެ ދިއްލުމާއި ފިނިކުރުމާއި ހުޅުވުމާއި ތަޅުލުމުގެ އިތުރުން ސަލާމަތީ ކަންކަމާއި ހަކަތަ އިއާދަކުރުމުގެ ހުރިހާ މަސައްކަތެއް އަމިއްލަ ޒާތުގައި ސްމާޓްހޯމް ކޮންޓްރޯލް ސިސްޓަމަކުން ވަނީ އޮޓޮމޭޓްކޮށްފައެވެ.

އެތަނުގެ ފަރުމާކުރުމުގެ އިސް މޭސްތިރިޔާ އަދި ގްރޫޕް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ހަބޭސް މަމްދޫހު ކިޔައިދިން ގޮތުގައި، ސްޓޫޑިއޯއަށް މީހަކު އައުމުގެ ކުރިން 300 މީޓަރަށް ކައިރިވުމާއެކު އެކަން ސްމާޓް ސިސްޓަމަށް ދެނެގަނެވޭނެއެވެ. މިއީ ގޫގަލް މެޕް މެދުވެރިކޮށް ސެޓެލައިޓްގެ ޒަރީއާއިން މަސައްކަތްކުރާ "ޖިއޯ ފެންސިން" ޓެކްނޮލޮޖީގެ އެހީގައި ކުރާ ކަމެކެވެ.
އެކަން ދެނެގަންނަ ވަގުތުން ފެށިގެން ބޭރުގެ ފިނިހޫނުމިނަށް ބަލައި، ސްޓޫޑިއޯގެ ފިނިހޫނުމިން އެންމެ އެކަށޭނަ ވަރަކަށް ބަދަލުކޮށްދެއެވެ. އަދި ތަޅު ހުޅުވުމާއެކު ސިޑި އަމިއްލައަށް ދިއްލި، މައްޗަށް އެރުމުން މަރުހަބާ ކިޔާނެއެވެ. މީގެ އިތުރުން، އަލީގެ ކުލައާއި ފިނިހޫނުމިނަށް ބަދަލެއް ގެންނަން ބޭނުންވާ ހާލަތުގައި ސްމާޓްހޯމް އެސިސްޓެންޓް "ސިރީ" މެދުވެރިކޮށް އަޑުން ކޮންޓްރޯލް ކުރެވޭނެއެވެ.
ކަރަންޓު ކެނޑޭ ހާލަތްތަކަށް ވެސް މި ސްޓޫޑިއޯ ވަނީ ތައްޔާރުކޮށްފައެވެ. މަމްދޫހު ބުނި ގޮތުގައި، ކަރަންޓު ކެނޑުމާއެކު ސްމާޓް ބެކަޕް ސިސްޓަމުން އެކަން ދެނެގަނެ، ޕަވާ ސޭވިން މޯޑަށް ބަދަލުވެއެވެ. އެ ވަގުތު އޭސީއާއި ކޫލަރުތައް ނިއްވާލައި، ކުރަމުންދާ މަސައްކަތް ސޭވްކުރުމަށް ގާތްގަނޑަކަށް އެއް ގަޑިއިރުގެ ވަގުތެއް ދޭނެއެވެ. މި ބެކަޕް ސިސްޓަމަކީ 240 ވޯލްޓްގެ ބެޓެރީ ކެޕޭސިޓީ ހުންނަ، އިރުގެ އަލިން ހަކަތަ އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ސިސްޓަމެކެވެ.
ސަލާމަތީ ގޮތުން ބަލާއިރު، ސްޓޫޑިއޯގައި ވަނީ ފޭޝަލް ރިކޮގްނިޝަން އެކުލެވޭ ސްމާޓް ސިސްޓަމެއް ގާއިމުކޮށްފައެވެ. އާންމުކޮށް ވަންނަ މީހުންގެ މޫނު ދެނެގަނެ، އާ މީހަކު ވަދެއްޖެނަމަ ވެރިންގެ ފޯނަށް ނޮޓިފިކޭޝަން ފޮނުވައެވެ. އަދި "ހިއުމަން ޕްރެޒެންސް ސެންސަރު"ތަކުގެ އެހީގައި މީހުން ހުސްވުމުން ހަކަތަ ދަށްކޮށް ތަން ނިއްވާލާއިރު، ވަދެނުކުމެ އުޅޭ މީހުންގެ މައުލޫމާތު ތިން މަސްދުވަހަށް ރައްކާކުރެއެވެ. މީގެ އިތުރުން، މީހަކު ފިލާ ހުރި ނަމަވެސް ރޭޑާ ޓެކްނޮލޮޖީގެ އެހީގައި 10 ސިކުންތުގެ ތެރޭގައި އެކަން ދެނެގަނެވޭނެއެވެ.
ހަބޭސްގެ ފައުންޑަރު އަދި ވެރިޔާ ހަބޭސް އައްޔަ ކިޔައިދިން ގޮތުގައި، ސްޓޫޑިއޯގެ ވޯކަލް ބޫތާއި ރެކޯޑިން ވަސީލަތްތައް ވެސް ވަނީ އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. މިހާރު އެތަނުގައި ރެކޯޑިން، މިކްސިން، މާސްޓަރިން، ކޮމްޕޯސިން، ވީޑިއޯގްރަފީ އަދި ފޮޓޯގްރަފީގެ އިތުރުން ލައިވް ޝޯތަކާއި ޕޮޑްކާސްޓްތައް ކުރިއަށް ގެންދެވެއެވެ.
ހަބޭސްގެ މެމްބަރުން މުނިފޫހިފިލުވުމަށް ފިލްމު ބެލުމާއި ގޭމް ކުޅުމަށް ހާއްސަ ބޯސް މޮޑެލްގެ ތިއޭޓަރު ސިސްޓަމެއް ގާއިމުކޮށްފައިވާއިރު، ސަގާފީ ހަރަކާތްތަކާއި ބޮޑުބެރަށް ހާއްސަ ބޮޑު ޖާގައެއް ހެދުމުގެ ގޮތުން ގުދަނެއް ވެސް ވަނީ ހަދާފައެވެ.
ސްޓޫޑިއޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވަނީ ސްޓޫޑިއޯގެ ޒަމާނީ ސްމާޓް ސިސްޓަމަށް ތައުރީފުކުރައްވާފައެވެ. ނިޔާޒު ވިދާޅުވި ގޮތުގައި، އުރީދޫ ބިލްޑިންގައި ވެސް ނެތް ބައެއް ޓެކްނޮލޮޖީ ހަބޭސް ސްޓޫޑިއޯގައި ގާއިމުވެފައި ހުރުމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށް އެވޯޑްތަކަށް ހުށަހަޅަންޖެހޭ ވަރުގެ ކަމެކެވެ.
މި ހަފްލާގައި ވަނީ ކުޑަކުޑަ ގުދަނަކުން ފެށިގެން ހަބޭސް ސްޓޫޑިއޯ މިއަދުގެ ހިސާބަށް އައުމަށް މެމްބަރުން ކުރި ބުރަ މަސައްކަތް ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ދައްކާލައި، ޝުކުރު އަދާކޮށްފައެވެ. އަދި އައްޔަ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމަށް އޭނާ ކުރި މަސައްކަތް ފާހަގަކޮށް، ވީޑިއޯ މެދުވެރިކޮށް ހާއްސަ ޝުކުރެއް އަދާކުރިއެވެ.
"ހަބޭސް ސްޓޫޑިއޯއިން ލަވައެއް ހަދަން ބޭނުން ނަމަ ކޮންމެ ބޭފުޅަކަށްވެސް އެފުރުޞަތު އޮންނާނެ. ޅެމާއި، މިއުޒިކާއި، ރިކޯޑިންނއާއި ހުރިހާ ކަމެއް މިތަނުން ކޮށްދޭނަން. ލަވަ ކިޔަން ރަނގަޅު ފެންވަރުގެ ލަވަކިޔުންތެރިންވެސް އަޅުގަނޑުމެންގެ އެބަތިބި. މިތަނުންދޭ ކޮންމެ ހިދުމަތަކަށްވެސް އެދެވޭނެ. ހަބޭސް ބޮޑުބެރު ގްރޫޕްގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮއްލައިގެން ނޫނީ ހަބޭސްގެ ހޮޓްލައިން (7900008) އިންވެސް އަޅުގަނޑުމެންނާ ގުޅޭނެ،" އައްޔަ ބުންޏެވެ.