ތޫފާން ޑޮލްފިންއާ ގުޅިގެން ޗައިނާއިން އެއް މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ޗައިނާގެ އިރުމަތީ ސަރަހައްދުތަކަށް އެރި ބާރުގަދަ ތޫފާން 'ޑޮލްފިން' އާ ގުޅިގެން، ޝަންހާއީ ހިމެނޭ ގޮތަށް އެ ސަރަހައްދުން އެއް މިލިއަނަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

ޗައިނާގެ މޫސުމާ ބެހޭ އިދާރާތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ގަޑިއަކު 150 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހެމުންދާ މި ތޫފާން އެންމެ ފުރަތަމަ އަރާފައިވަނީ އާދީއްތަ ދުވަހު ޒީޖިއާންގް ޕްރޮވިންސަށެވެ. ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި، ދަތުރުފަތުރުގެ ނިޒާމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އެގޮތުން ހޯމަ ދުވަހު ޝަންހާއީން އެކަނިވެސް 1،000 ފްލައިޓް ކެންސަލްކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ޒީޖިއާންގްގެ ވެންޒޯ ސިޓީން ނުވަ ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް، 1،000 އަށް ވުރެ ގިނަ ވަގުތީ ހިޔާ ވަނީ ގާއިމުކޮށްފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޒީޖިއާންގްގެ ބައެއް ސަރަހައްދުތަކަށް 250 މިލިމީޓަރާއި 500 މިލިމީޓަރާ ދެމެދުގެ މިންވަރަކަށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ލަފާކުރެއެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒީޖިއާންގް ޕްރޮވިންސުން ނުވަ އަހަރުގެ ކުއްޖަކު މޫދަށް އޮޔާގޮސްގެން ވަނީ ގެއްލިފައެވެ. ނަމަވެސް މިހާތަނަށް އެއްވެސް މީހަކު މަރުވި ކަމަށް ޗައިނާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، ތޫފާނާ ގުޅޭ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހަދާފައިވާ ދޮގު މައުލޫމާތު ފަތުރަމުންދިޔަ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ޗައިނާއަށް އެރުމުގެ ކުރިން މި ތޫފާނުގެ އަސަރު ފިލިޕީންސަށާއި ޖަޕާނަށްވެސް ވަނީ ކޮށްފައެވެ. ފިލިޕީންސްގެ އޮފީސް އޮފް ސިވިލް ޑިފެންސުން ބުނި ގޮތުގައި، ތޫފާނާ ގުޅިގެން ކުރިމަތިވި ވިއްސާރައިގައި އެ ގައުމުން އަށް މީހަކު ވަނީ މަރުވެފައެވެ. އަދި ޖަޕާނުގެ އޮކިނާވާ ސަރަހައްދުން ފަސް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް