ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ވިކްޓޯރިއާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އުޅުނު ފްލައިޓެއްގައި އިން ކުޑަކުއްޖަކު ގޮނޑީގައި އިށީނދެ ސީޓްބެލްޓް އެޅުމަށް ދެކޮޅުހެދުމުގެ ސަބަބުން އެ ފްލައިޓް ކެންސަލްކޮށްފިއެވެ.
ޕޯޓާ އެއާލައިންސްއިން ބުނި ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ޓޮރޮންޓޯއަށް ދަތުރުކުރަން އޮތް މި ފްލައިޓް ޓާމިނަލުން ނައްޓާލައި ރަންވޭއާ ދިމާއަށް ދަނިކޮށް، ކުއްޖާ ވަނީ ގޮނޑީގައި ކޮޅަށް ތެދުވެފައެވެ. ކުއްޖާގެ ބެލެނިވެރިޔާއާއި ކެބިން ކްރޫން އެތައް ފަހަރަކު މަސައްކަތް ކޮށްގެން ވެސް ކުއްޖާ ގޮނޑީގައި ބޭންދޭ ގޮތް ނުވުމުން، ފްލައިޓް އަނބުރާ ގޭޓަށް ގެންދަން މަޖުބޫރުވީ ކަމަށް އެ އެއާލައިނުން ބުނެފައިވެއެވެ.
ފްލައިޓް އަނބުރާ ގޭޓަށް ގެންގޮސް، އެ ކުއްޖާއާއި ބެލެނިވެރިޔާ އަދި އެ މީހުންގެ ލަގެޖް ވަނީ ފްލައިޓުން ބާލާފައެވެ. ނަމަވެސް، މިކަމާ ގުޅިގެން ލިޔެކިޔުންތައް ފުރިހަމަކުރަން ޖެހުމުން ފްލައިޓް ވަރަށް ބޮޑަށް ޑިލޭވިއެވެ. އެއާލައިނުން ބުނި ގޮތުގައި، ފްލައިޓް އަލުން ފުރަން އުޅުނުއިރު ރޭގަނޑު 12:30 ވެ، ރަންވޭ ބަންދުކުރާ ވަގުތު ޖެހުމުން ދަތުރު ވަނީ ކެންސަލްކުރަން ޖެހިފައެވެ. މީގެ ސަބަބުން ބާކީ ތިބި ފަސިންޖަރުން ވެސް ފްލައިޓުން ބާލައި، އެ ރޭ އެ މީހުންނަށް ޖެހުނީ ބްރިޓިޝް ކޮލަމްބިއާގައި މަޑުކުރާށެވެ.
ކެނެޑާގެ ސީބީސީ ނިއުސްއަށް މައުލޫމާތު ދިން ބައެއް ފަސިންޖަރުން ބުނި ގޮތުގައި، ކުއްޖާއާއި ބެލެނިވެރިޔާ ފްލައިޓުން ބޭލުމަށް ވަރަށް ގިނަ ވަގުތު ނެގިއެވެ. އަދި ފްލައިޓް ކެންސަލްވުމުން އެއާލައިނުން މައުލޫމާތު ދިން ގޮތާމެދު ފަސިންޖަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ޕޯޓާ އެއާލައިންސްއިން ފަސިންޖަރުންގެ ކިބައިން މާފަށް އެދިފައިވާއިރު، ޖެހިގެން އައި ދުވަހު އެހެން ފްލައިޓަކުން އެ މީހުންނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.