ދެ ކިޑްނީ ފެއިލްވެ ފަރުވާ ހޯދަމުން އަންނަ, ޕީއެސްއެމްގެ ނޫސްވެރިޔާ އަހްމަދު ސާއިދުގެ ސިއްހީ ހާލަތު ގޯސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ސާއިދުގެ ގާތް މީހުން "ސަން" އަށް ގޮތުގައި، އޭނާގެ ހާލަތު ގޯސްވީ ޑައިލަސިސް ހެދުމަށްޓަކައި ރޭ ހޮސްޕިޓަލަށް ގޮސް އުޅެނިކޮށެވެ. އެ ވަގުތު އޭނާއަށް އިތުރު ސްޓްރޯކެއް ޖެހިފައިވާ ކަމަށާއި، މިހާރު ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށް އެ މީހުން މައުލޫމާތު ދީފައިވެއެވެ.
"އަދި ހާލަތު ރަނގަޅެއް ނޫން. އެންމެންގެ ހެޔޮ ދުއާއަށް އެދެނީ،" ސާއިދުގެ ގާތް އެކުވެރިޔަކު ބުންޏެވެ.
އެނގިފައިވާ ގޮތުގައި ސާއިދުގެ ހާލަތު ގޯސްވެފައި މިވަނީ، ކިޑްނީ ބަދަލުކުރުމުގެ ފަރުވާއަށް ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ފުރަން ހުރިހާ ކަމެއް ނިންމާފައި ވަނިކޮށެވެ. ގާތް އެކުވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީގައި ކިޑްނީ ޓްރާންސްޕްލާންޓް ހެދުމަށް ޑޯނަރެއް ހޯދުމުގެ މަސައްކަތް އޭނާ ދިޔައީ ކުރަމުންނެވެ.
ސާއިދުގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އޭނާއަށް އެނގުނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެކަން އޭނާއަށް އެނގުނުއިރު ކިޑްނީގެ މަސައްކަތް ހުރީ އެންމެ 13 ޕަސެންޓްގައެވެ. އެ ފަހުން އޭނާ ދިޔައީ ޑައިލަސިސް ހަދައި، ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންނެވެ.
އެ ބޮޑު ބަލީގައި އުޅެމުން ވެސް ސާއިދު ގެންދިޔައީ ނޫސްވެރިކަމުގެ މަސައްކަތް ކުރަމުންނެވެ.
ސަން މީޑިއާއިން 2009 ވަނަ އަހަރު ޕްރެޒެންޓިންނާއި ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނު ސާއިދަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ މަޝްހޫރު ނޫސްވެރިއެކެވެ. ވަކިން ޚާއްސަކޮށް ކޮމެންޓްރީ ދިނުމާއި، ކުޅިވަރު ޕްރޮގްރާމްތައް ހުށަހެޅުމާއި ކުޅިވަރު ޚަބަރުތައް ގެނެސްދިނުމުގައި އޭނާއަކީ ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ.