އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި 15 ނުކުތާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ގަބޫލުނުކޮށް، ފަލަސްތީނުގެ ހަމާސް ޖަމާއަތުން އެއްކޮށް ހަތިޔާރު ބެހެއްޓުމަށް ދާންދެން ޣައްޒާއިން ސިފައިން ނުބާލާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އިސްރާއީލުން އެ ޕްލޭން ގަބޫލުނުކުރާ ކަމަށާއި، ހަމާސްއިން ހަގީގީ މާނައިގައި ހަތިޔާރު ނުބަހައްޓަނީސް ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އެމެރިކާއާއެކު މިކަމާ ގުޅޭގޮތުން މަޝްވަރާކުރަމުންދާ ކަމަށާއި، އެމެރިކާގެ ބައެއް ހިޔާލުތައް ގަބޫލުކުރެވުނު ނަމަވެސް ބައެއް ކަންކަން ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އެކުލަވާލެއްވި "ބޯޑް އޮފް ޕީސް" އިން ހުށަހެޅި މި ޕްލޭނަށް ހަމާސްއިން ވަނީ މިދިޔަ މަހު ރުހުން ދީފައެވެ. އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ޕްލޭންގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ހަމާސްގެ ބަރު ހަތިޔާރުތަކާއި، ހަތިޔާރު އުފައްދާ ތަންތަނުގެ އިތުރުން ބިމުއަޑީގެ ޓަނަލްތައް ނައްތާލުމެވެ. އަދި އޭގެ ފަހުން ޣައްޒާ ހިންގުން ފަލަސްތީނުގެ ޓެކްނޮކްރެޓިކް ކޮމިޓީއަކާ ހަވާލުކުރުން ކަމަށް ވެސް އެ ނޫހުން ބުނެފައިވެއެވެ.
ނަތަންޔާހޫ އިތުރަށް ވިދާޅުވި ގޮތުގައި، އޭނާ ބޮޑުވަޒީރުކަމުގައި ހުންނެވިހާ ހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެދުމަށް ޖާގައެއް ނުދެއްވާނެއެވެ. އަދި އިސްރާއީލުން ބޭނުންވަނީ ހަމާސްގެ ލުއި ހަތިޔާރުތައް ވެސް ހިމެނޭ ގޮތަށް ހުރިހާ ބާވަތެއްގެ ހަތިޔާރެއް ނައްތާލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިދިޔަ އޮކްޓޯބަރު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވި ފަހުން ވެސް އިސްރާއީލުން ދަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މުއްދަތުގެ ތެރޭގައި 1،250 މީހުން ވަނީ މަރުވެފައެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް ޣައްޒާއިން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 73،300 އަށް އަރާފައެވެ.