ކަށި ގޮއްވުމަކީ އާތުރައިޓިސްއަށް މަގުފަހިވާ ކަމެއް ނޫންކަން ދިރާސާތަކުން ދައްކައިފި

އަތުގެ ކަށި ގޮއްވުމަކީ އޭގެ ސަބަބުން ހުޅުތަކަށް ގެއްލުންވެ، އާތުރައިޓިސް ފަދަ ބަލިތަކަށް މަގުފަހިވާ ކަމެއް ނޫންކަން ދިރާސާތަކުން ދައްކައިފިއެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، ކަށި ގޮއްވާއިރު އިވޭ އަޑަކީ ހުޅުތަކުގެ ދޭތެރޭގައި ހުންނަ "ސައިނޯވިއަލް ފްލުއިޑް" ނުވަތަ ދިޔައިގައި އުފެދޭ ގޭސް ބޮކިތައް ފަޅައިގެންދާ އަޑެވެ. މިކަމުގެ ސަބަބުން ހުޅުތަކަށް ދާއިމީ ގެއްލުމެއް ނުލިބޭ ކަމަށް ޑޮކްޓަރުން ފާހަގަކުރެއެވެ.

މިކަން ސާބިތުކުރުމަށް އެމެރިކާގެ ޑޮކްޓަރެއް ކަމަށްވާ ޑޮނަލްޑް އަންގާ ވަނީ 50 އަހަރު ވަންދެން އޭނާގެ ވާތުގެ ކަށި ދުވާލަކު މަދުވެގެން ދެ ފަހަރު ގޮއްވައިފައެވެ. އޭނާ 36،500 އަށް ވުރެ ގިނަ ފަހަރު ކަށި ގޮއްވުމަށްފަހު ހެދި އެކްސްރޭތަކުން ދެއްކި ގޮތުގައި، އޭނާގެ ދެ އަތުގެ ހުޅުތަކުގައިވެސް އާތުރައިޓިސްގެ އެއްވެސް އަލާމާތެއް ނެތެވެ.

މީގެ އިތުރުން، 215 މީހުން ބައިވެރިކޮށްގެން ދާދި ފަހުން ހެދި ދިރާސާއަކުންވެސް ކަށި ގޮއްވުމާއި އާތުރައިޓިސްއާ ގުޅުމެއް ނެތްކަން ވަނީ ކަށަވަރުވެފައެވެ.

ކަށި ގޮއްވުމަކީ ނުރައްކާތެރި ކަމަކަށް ނުވި ނަމަވެސް، ކަރާއި ބުރަކަށީގެ ހުޅުތައް ގޮއްވުމަކީ ނުރައްކާތެރި ކަމެއް ކަމަށް އެމެރިކާގެ ނިއުރޯސާޖަން ޖޭ ޖަގަންނާތަން ބުންޏެވެ. އޭނާ ބުނި ގޮތުގައި، ކަރުގެ ހިސާބުގައި މުހިންމު ނާރުތަކާއި ލޭހޮޅިތައް ހުރުމާއެކު، އަމިއްލައަށް ކަރު ގޮއްވަން އުޅުމުގެ ތެރޭގައި ބޮޑެތި އަނިޔާތައް ލިބުމުގެ ފުރުސަތު އޮވެއެވެ.

ކަށި ގޮއްވުމުގެ ސަބަބުން އަތުގެ ބާރު ދަށްވާ ކަމަށް ކުރިން ބައެއް ދިރާސާތަކުން ލަފާކުރި ނަމަވެސް، 2017 ވަނަ އަހަރު ހެދި ދިރާސާއަކުން އެކަންވެސް ވަނީ ދޮގުކޮށްފައެވެ. ކަށި ގޮއްވުމަކީ އާންމު ގޮތެއްގައި ސިއްހީ ނުރައްކަލެއް ނެތް ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް މެންޗެސްޓާގެ ރޫމަޓޮލޮޖިސްޓް ކިމީ ހައިރިޗް ފާހަގަކުރިއެވެ.

comment ކޮމެންޓް