އުމުރުން 68 އަހަރުގައި މެސީގެ ބައްޕަ މަރުވެއްޖެ

(ކ) ފުރަތަމަ ޖޯޖް މެސީ، މެސީގެ ބައްޕަ އަދި (ވ) ފަރާތުގައި މެސީ... މެސީގެ ބައްޕަ ވަނީ ރޭގެ ވަގުތެއްގައި މަރުވެފަ.. ފޮޓޯ/ ޓޯކް ސްޕޯޓްސް

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ، އުމުރުން 68 އަހަރުގައި މަރުވެއްޖެއެވެ.

އާޖެންޓީނާގެ ރޮސާރިއޯގެ މެޑިކަލް ކްލިނިކެއްގައި މެސީގެ ބައްޕަ ޖޯޖް މެސީ މަރުވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށްފަހު ކަމަށް މެސީގެ އާއިލާއިން ރޮއިޓާސް ނިއުސް އެޖެންސީއަށް ވަނީ ކަށަވަރުކޮށްދީފައެވެ.

އާއިލާއިން ހާމަކުރި ގޮތުގައި، ޖޯޖް މެސީގެ ފަހު ދުވަސްތައް ހޭދަކޮށްފައިވަނީ ރޮސާރިއޯގެ ހޮސްޕިޓަލާއި ގޭގައެވެ. މި މުއްދަތުގައި އޭނާގެ އަނބިމީހާ ސެލިއާ އާއި ދަރިން ކަމަށްވާ ރޮޑްރިގޯ، މަޓިއަސް އަދި މާރިއާ ސޮލް ވަނީ އޭނާގެ ކައިރީގައި ހޭދަކޮށްފައެވެ.

ވޯލްޑް ކަޕަށްފަހު މެސީވެސް ވަނީ އޭނާގެ ކްލަބު އިންޓަ މިއާމީއާ ގުޅުމުގެ ކުރިން ބައްޕައާއެކު ވަގުތު ހޭދަކޮށްފައެވެ.

ޖޯޖް މެސީއަކީ ލިއޮނެލް މެސީގެ ފުޓްބޯޅަ ކެރިއަރުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކަކެވެ. ބާސެލޯނާގެ ކުރީގެ ދުވަސްވަރުން ފެށިގެން އޭނާ ވަނީ މެސީގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކޮށް، މެސީގެ ކެރިއަރުގެ ހުރިހާ ނިންމުންތަކެއްގައި އެހީތެރިވެދީފައެވެ.

މެސީ މީގެ ކުރިން ބުނެފައިވާ ގޮތުގައި، "ކުޑައިރުން ފެށިގެންވެސް އޭނާ އަބަދުވެސް ބޭނުންވަނީ ބައްޕަގެ ރުހުމެވެ. ކޮންމެ މެޗަކަށްފަހު ކުޅުނު ގޮތާމެދު ބައްޕަ ދެކޭގޮތް އަހާ ކަމަށް މެސީ ބުންޏެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕްގައި އަލްޖީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށްފަހު މެސީ ވަނީ ވަރަށް ބޮޑަށް ރޮއެފައެވެ. އޭރު ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ބުނީ އެއީ ފުޓްބޯޅައާ ގުޅުމެއް ނެތް، އާއިލީ ހިތްދަތި ކަމެއްގެ ސަބަބުން އޮހޮރުނު ކަރުނަ ކަމަށެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އާއިލާއިން ވަނީ މެސީގެ ބައްޕަ ޖޯޖް މެސީގެ ސިއްހީ ހާލަތާ ގުޅޭގޮތުން ބަޔާނެއް ނެރެ، އޭނާ ފަރުވާ ހޯދަމުންދާކަން ހާމަކޮށްފައެވެ.

މެސީގެ ފުރަތަމަ ކްލަބު ކަމަށްވާ ނިއުއެލްސް އޯލްޑް ބޯއީސްއިން ވަނީ މެސީގެ ބައްޕަ ޖޯޖް މެސީގެ ވަކިވުމާ ގުޅިގެން ތައުޒިޔާ ފޮނުވާފައެވެ.

އެ ކްލަބުން ބުނި ގޮތުގައި ލިއޮނެލް މެސީގެ ކާމިޔާބީގެ ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި އޭނާގެ ބައްޕަ ޖޯޖްގެ ސާބިތުކަމާއި މަދަދުވެރިކަން ވަނީ ވަރަށް ބޮޑަށް ހިމެނިފައެވެ.

comment ކޮމެންޓް