މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހަށް ވުރެ މި އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެ އައި ބޭރުގެ އުދުހުންތައް ދައުރުވި މިންވަރު ދަށަށް ހިނގައްޖެއެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު 8،807 ފުލައިޓެއް ރާއްޖެ އައެވެ. މި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 8،393 ފުލައިޓެވެ.
އެހެންކަމުން މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު 4.7 އިންސައްތައިގެ ދަށްވުމެކެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުން، މިދިޔަ އަހަރުގެ ހަ މަހާ އަޅާ ބަލާއިރު މި އަހަރު ރާއްޖެ އައި ފުލައިޓުތަކުގެ އަދަދު ދަށަށް ދިޔައީ ތާވަލާ އެއްގޮތަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ފުލައިޓުތަކުގެ އަދަދު ދަށަށް ދިއުމާ ގުޅިގެންނެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ތާވަލުކުރެވިފައިވާ 7،352 ފުލައިޓެއް ރާއްޖެ އައި އިރު، މިދިޔަ އަހަރު އެ މުއްދަތުގައި ތާވަލުކުރެވިފައިވާ 8،088 ފުލައިޓެއް ރާއްޖެ އައިސްފައިވެއެވެ.
ނަމަވެސް ޗާޓަރު ފުލައިޓުތަކާއި ޖެޓުތައް ރާއްޖެ އައި އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާ ބަލާއިރު އިތުރެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ޗާޓަރު ފުލައިޓުތަކާއި ޖެޓުތަކުގެ ތެރެއިން 1،041 ފުލައިޓެއް ރާއްޖެ އައި އިރު މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ ޖުމުލަ 719 ޗާޓަރު ފުލައިޓުތަކާއި ޖެޓުތަކެވެ.
މިދިޔަ ފެބްރުވަރީ މަހުގެ ފަހުކޮޅުން ފެށިގެން މެދުއިރުމަތީ ސަރަހައްދުގައި އަދިވެސް ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ގިނަ ފުލައިޓުތަކެއް އޭރު ކެންސަލްކުރިއެވެ.
އެގޮތުން ހަނގުރާމައިގެ ކުރީކޮޅު ދުބާއީއާއި އަބޫދާބީއާއި ގަލްފުގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން މެދުއިރުމަތީގެ ބޮޑެތި އެއާލައިންތައް ކަމަށްވާ އިއްތިހާދު އެއާވޭސްއާއި އެމިރޭޓްސްއާއި ފްލައިދުބާއީގެ ބައެއް ދަތުރުތައް އޭރު ކެންސަލްކުރިއެވެ. ފާހަގަކުރެވޭ ގޮތުުގައި ރާއްޖެ އަންނަ ގިނަ ފަތުރުވެރިން އާންމު ގޮތެއްގައި ޓްރާންސިޓްކުރަނީ އަބޫދާބީ ނުވަތަ ދުބާއީގައެވެ.
ރާއްޖެ އަންނަން ހަމަޖެހިފައި އޮތް ބައެއް ފުލައިޓުތައް ކެންސަލްކުރުމުގެ ސަބަބުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވެސް ދަށްވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖެއަށް 1.11 މިލިއަން ފަތުރުވެރިން އައިއިރު މި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައީ 1.05 މިލިއަން ފަތުރުވެރިންނެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން ރާއްޖެ އައި ފަތުރުވެރިން ވަނީ އެވަރެޖުކޮށް ހަފުތާއެއްހާ ދުވަސް ހޭދަކޮށްފައެވެ.