ސިޔާމް ހިމެނިވަޑައިގަންނަވާހެން 19 ފަރާތަކަށް މީރާގެ "ރަން ލާރި އެވޯޑް"

މީރާއިން ދިން ރަން ލާރި އެވޯޑު ހަފްލާގެ ތެރެއިން: އާމްދަނީން ނަގާ ޓެކްސްގެ ބައިން ފަރުދުންނަށް އަރުވާ އެވޯޑު ލިބިވަޑައިގަތީ ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދަށް -- ފޮޓޯ: މީރާ

ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ދެއްކި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މީރާއިން ދިން 'ރަން ލާރި އެވޯޑް' އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ހިމެނިވަޑައިގަންނަވާހެން 19 ފަރާތަކަށް އަރުވައިފިއެވެ.

މީރާއިން ބުނި ގޮތުގައި މި އެވޯޑު އަރުވާފައި ވަނީ މީރާގެ 16 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ހަފްލާގައެވެ.

މީރާއިން ބުނި ގޮތުގައި މި އަހަރު މި އެވޯޑު ދީފައި ވަނީ، ޓެކްސްގެ ގާނޫނުތަކުގެ ދަށުން 2025 ވަނަ އަހަރާ ގުޅިގެން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދައްކައިފައިވާ ފަރާތްތަކަށެވެ. އެގޮތުން 12 ގިންތިއަކުން 19 ފަރާތަކަށް ވަނީ "ރަންލާރި" އެވޯޑު ލިބިފައެވެ.

އޭގެ ތެރެއިން ސިޔާމަށް ލިބިވަޑައިގަތީ އާމްދަނީން ނަގާ ޓެކްސްގެ ބައިން ފަރުދުންނަށް އަރުވާ އެވޯޑެވެ.

ސަން ސިޔާމް ގުރޫޕުގެ ދަށުން, ރާއްޖޭގައި އަންނަނީ ވަރަށް ފެންވަރު ރަނގަޅު ފަސް ރިސޯޓެއް ހިންގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާމް ވޯލްޑާއި, އިރުފުއްޓާއި ވިލުރީފުގެ އިތުރުން އިރުވެއްޔާއި އޮޅުވެއްޔެވެ. މީގެ އިތުރުން ސްރީ ލަންކާގައި ވެސް ރިސޯޓެއް ހިންގައެވެ.

ރޭ އެވޯޑު ލިބިފައިވާ އެހެނިހެން ފަރާތްތަކަކީ:

ފަތުރުވެރި ކަމުގެ ދާއިރާގެ ޖީއެސްޓީ އާ ގްރީން ޓެކްސް - ރިޒޯޓު

  • ބެޑް ކެޕޭސިޓީ (150 އަށްވުރެ ދަށް) - ވެލާ އައިލެންޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ 'ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް'
  • ބެޑް ކެޕޭސިޓީ (151 – 250 އާ ދެމެދު) - ސީ.ޕީ.އާރް.ސީ (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑްގެ 'ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް'
  • ބެޑް ކެޕޭސިޓީ (250 އަށްވުރެ މަތި) - އިތާފުށި އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ 'ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް، އިތާފުށި'

ރަން ލާރި އެވޯޑު ލިބުނު އިތުރު ފަރާތްތައް:

  • ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކްސް - ޓޫރިސްޓް ހޮޓާ: މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ޕްރައިވެޓް ލިމިޓެޑްގެ 'ހުޅުލެ އައިލެންޑް ހޮޓެލް'
  • ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ އާ ގްރީން ޓެކްސް - ޓޫރިސްޓް ގެސްޓްހައުސް: ސަމަން ހޮޓެލްސް ޕްރައިވެޓް ލިމިޓެޑްގެ 'އޯޝަން ގްރޭންޑް'
  • ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ އާ ގްރީން ޓެކްސް - ޓޫރިސްޓް އުޅަނދު: ވިލަމެންދޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ 'ގޮމަފުޅު'
  • ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ – ޓްރެވަލް އޭޖެންސީ: އިންޓުއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ފަތުރުވެރި ކަމުގެ ދާއިރާގެ ޖީ.އެސް.ޓީ – އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ފަރާތްތައް: ޓްރާންސް މޯލްޑިވިއަން އެއަރވޭސް ޕްރައިވެޓް ލިމިޓެޑް

ޓޫރިޒަމް ދާއިރާ ފިޔަވައި އެނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ

  • އާމްދަނީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް: އަލްފާޟިލް އަޙްމަދު ނިޔާޒް
  • އާމްދަނީ 30 - 100 މިލިއަން ރުފިޔާއާ ދެމެދު: އިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • އާމްދަނީ 100 - 200 މިލިއަން ރުފިޔާއާ ދެމެދު: ވަރސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
  • އާމްދަނީ 200 މިލިއަން އަށްވުރެ މަތި: ޗައިނާ ހަރބަރ އިންޖިނިއަރިންގ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

މީގެ އިތުރުން އެއާޕޯޓު ޓެކުހާއި ފީގެ ބައިން އެވޯޑު ލިބުނީ އިއްތިހާދު އެއާވޭސް އަށެވެ.

އާމްދަނީން ނަގާ ޓެކްސް – ފަރުދުން ނޫން އެހެން ފަރާތްތައް

  • އާމްދަނީ 30 މިލިއަން ރުފިޔާއަށްވުރެ ދަށް: އެޓްމޮސްފިއަރ ކަނި ރިޒޯޓް ޕްރައިވެޓް ލިމިޓެޑް
  • އާމްދަނީ 30 - 100 މިލިއަން ރުފިޔާއާ ދެމެދު: ކަނޑޫމާ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް
  • އާމްދަނީ 100 - 200 މިލިއަން ރުފިޔާއާ ދެމެދު: ވަރސާ ރިޒޯޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް
  • އާމްދަނީ 200 މިލިއަން އަށްވުރެ މަތި: އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް
  • އާމްދަނީން ނަގާ ޓެކްސް - ބޭންކް: ބޭންކް އޮފް މޯލްޑިވްސް ޕަބްލިކް ލިމިޓެޑް
  • ސަރުކާރު ހިއްސާވާ ކުންފުނި: ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް

މީރާއިން އަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންލާރި އެވޯޑް ދިނުމުގައި ވެސް ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ. އަދި މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެއެވެ. މީގެ އިތުރުން އެވޯޑު ދިނުމުގެ ކުރިން، މި އެވޯޑު ލިބިގަތުމާމެދު އެވޯޑު ހައްގުވާ ފަރާތްތަކުގެ އިއުތިރާޒެއް ނެތްކަން މީރާއިން ވަނީ ކަށަވަރުކޮށްފައެވެ. އަދި ޓެކްސް ދައްކާ އެއްވެސް ފަރާތަކުން އެ ކަމަށް އިއުތިރާޒުކުރާނަމަ، އެ ފަރާތުގެ ބަދަލުގައި މި އެވޯޑު ދެވިފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ދަށުން ދެން ހޮވޭ ޓެކްސް ދައްކާ ފަރާތަކަށެވެ.

މި އެވޯޑްތައް ހަވާލުކޮށްދެއްވާފައި ވަނީ އެ ހަފްލާގެ ޝަރަފުވެރި މެހެމާން، މިނިސްޓާ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް، ޙަސަން ޒަރީރެވެ.

comment ކޮމެންޓް