ވިޖޭ ކައިރިން ވަރިވުމަށް ހުށަހެޅި މައްސަލަ ސަންގީތާ އަނބުރާ ގެނެސްފި

ދެކުނު އިންޑިއާގެ ކުރީގެ އެކްޓަރު ތަލަޕަތީ ވިޖޭ އަންހެނުން ސަންގީތާއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އަދި ކުރީގެ ފިލްމީ ތަރި ސީ ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ) ކައިރިން ވަރިވުމަށް އެދި އަންހެނުން ސަންގީތާ ސޮރްނަލިންގަމް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެނެސްފި ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ވިޖޭ ކައިރިން ވަރިވުމަށް އެދި ސަންގީތާ ހުށަހެޅި މައްސަލަ އަނބުރާ ގެންދިއުމާ ގުޅިގެން، ޗެންގަލްޕަޓޫ ޑިސްޓްރިކްޓް ކޯޓުން މިހާރު ވަނީ އެ މައްސަލަ ނިންމާލާފައެވެ.

މީގެ ކުރިން ސަންގީތާ ވަރިވުމަށް އެދި ކޯޓަށް މައްސަލަ ހުށަހެޅީ ވިޖޭގެ ފަރާތުން ނަފްސާނީ ގޮތުން އިހާނެތިކަން ލިބޭ ކަމަށާއި، ވިޖޭގެ ފަރާތުން ފެނުނު ބޭވަފާތެރިކަމުގެ އަމަލުތަކުގެ ސަބަބުން ކަމަށް ތުހުމަތުކޮށެވެ. މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށްދިޔަ އިރު، ދެ ފަރާތުން ވެސް ކޯޓަށް ހާޒިރުވެފައި ނުވާތީ މީގެ ކުރިން ވަނީ މައްސަލަ ފަސްކޮށްފައެވެ.

ސަންގީތާ މި މައްސަލަ ފުރަތަމަ ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭގެ ފަހުން މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި މައްސަލައިގެ އަޑުއެހުންތައް ފެށި، ޓަމިލް ނާޑޫގެ އެސެމްބްލީ އިންތިޚާބާ ދިމާކޮށް އެކި ފަހަރު މަތިން އަޑުއެހުންތައް ތާވަލުކުރެވުނެވެ.

ވިޖޭ އަދި ސަންގީތާ ދެ ކުދިންނާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

ސްރީލަންކާއަށް ނިސްބަތްވާ ސަންގީތާ ހުށަހެޅި މައްސަލައިގައި ވިޖޭ ބަތަލާއަކާ ގުޅުން ބާއްވާ ކަމަށް ތުހުމަތުކޮށްފައިވާއިރު، ވިޖޭގެ ފަރާތުން އަޅާނުލުމާއި، ނަފްސާނީ ގޮތުން ގޯނާކުރާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގެ ތެރެއިން އޭނާ ވަނީ ކައިވެނި ރޫޅާލުމުގެ އިތުރުން، ދިރިއުޅޭނެ ތަނަކާއި ދާއިމީ ގޮތެއްގައި މާލީ އެހީތެރިކަން ހޯދުމަށް ވެސް އެދިފައެވެ.

ވިޖޭ އާއި ސަންގީތާ ކައިވެނީގެ ގޮތުން ގުޅުނީ 1998 ވަނަ އަހަރު އިނގިރޭސިވިލާތުގަ އެވެ. އޭގެ ފަހުން 1999 ވަނަ އަހަރު ޗެންނާއީގައި ކުލަގަދަ ކައިވެނީގެ ހަފުލާއެއް ބޭއްވިއެވެ. މި ދެމަފިރިންނަށް ދެ ކުދިން ލިބިފައިވެއެވެ.

ވިޖޭ އަކީ ދެކުނު އިންޑިއާގެ އެންމެ ނުފޫޒުގަދަ ފިލްމީ ތަރިންގެތެރޭ ހިމެނޭ މީހަކަށްވީ ނަމަވެސް އަންހެނުން ސަންގީތާ ފާހަގަކުރެވެނީ މީޑިއާތަކާ ވަރަށް ބީރަށްޓެހިކޮށް އުޅޭ މީހެއްގެ ގޮތުގައެވެ. ވަރީގެ މައްސަލައާ ގުޅިގެން މިހާތަނަށް ރަސްމީ ސިފައެއްގައި ވިޖޭ އަދި ސަންގީތާގެ ފަރާތުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް