ސުވަރުގޭގެ އަހުލުވެރިން ތެރެއިން ވުމަށްޓަކައި، އެކަކު އަނެކަކު ދެކެ ލޯބިވާ، އޯގާތެރި ބަޔަކަށް ވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަދު އިއްވި ޚުތުބާގައި ކިޔައިދިނީ، މަޑުމައިތިރިކަން އިސްކުރުމުގެ މުހިންމު ކަމުގެ ވާހަކަތަކެވެ.
އެގޮތުން، ޚުތުބާގައި ބުނީ، އަޅުކަމުގެ އިތުރަށް ދޭދޭ ފަރުދުންނާއި ޖަމާޢަތުގެ މެދުގައި މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤު އިސްކުރުމަށް އިސްލާމްދީން ބާރުއަޅާ ކަމަށެވެ. ނަމަވެސް، މަޑުމައިތިރިކަން ފަދަ އަޚުލާޤީ ރިވެތި ސިފަތަކަކީ މި ދީނުގެ މުހިންމު ބައެއްކަން ދަންނަ މީހުން މިއަދު މަދު ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
ފަރުޟުތަކާއި ސުންނަތް ނަމާދުތަކަށް ރައްކާތެރިވާ މީހުން އަހަރެމެންތެރޭގައި މަދު ނޫން ނަމަވެސް ހެޔޮލަފާ މީހުންގެ ތެރޭގައި ވެސް، މީސްތަކުންނާ މުޢާމަލާތުކުރުމުގައި ހަރުކަށިކަމާއި ދޫނުދިނުމާއި އެހެން މީހުންގެ ކުށްތަކަށް މަޢާފުނުކުރުމުގެ ނުބައި ސިފަ ހުންނަކަން ޚުތުބާގައި ފާހަގަ ކުރިއެވެ.

ދެ މީހަކު ނަމާދަށް ފަހު ފޮޓޯއެއް ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މީހުން ދެބަސްވެ އަރައިރުންވާ ހިނދު ޝަރުޢީ މިންގަނޑު ފަހަނައަޅައިދިއުމާއި ވިޔަފާރީގެ މުޢާމަލާތްތަކުގައި ނިކަމެތީންނަށް ރިޢާޔަތްނުކުރުން ފަދަ ކަންކަން ފެންނަ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
"އަހަރެމެންގެ ލޮބުވެތި ނަބިއްޔާ އެކަލޭގެފާނުގެ އަހުލުވެރީންނާއި އަޞްޙާބުންނާއި އަވަށްޓެރީންނާ މުޢާމަލާތު ކުރެއްވުމުގައި ގެންގުޅުއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ. އަދި ކިއެއްހެއްޔެވެ! ދުޝްމަނުންނާ މުޢާމަލާތުކުރެއްވުމުގައި ވެސް އިސްކުރެއްވީ މަޑުމައިތިރިކަމާއި އޯގާވެރިކަމުގެ ސިފަފުޅެވެ. އަހަރެމެން ނަމޫނާއަކަށް ނަގާންވީ އެ ކަލޭގެފާނުގެ މާތް އަޚުލާޤުފުޅެވެ" ޚުތުބާގައި ބުންޏެވެ.
މީގެއިތުރުން، މީސްތަކުންނާ އޯގާތެރިކޮށް މުއާމަލާތުކުރުމަކީ މާތްﷲ ލޯބިވެވޮޑިގަންނަވާ ސިފައެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ދެ މީހަކު ނަމާދު ކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނައާ ހަވާލާދީ ޚުތުބާގައި ބުނީ، ދީން ޤަބޫލުނުކުރާ ނުބައި ނުލަފާ މީހުންނާ މުޚާޠަބުކުރަން ވެސް އިސްލާމްދީނުގައި އޮންނަނީ މަޑުމައިތިރިކޮށް ކަމަށެވެ.
އެހެންވެ، އަހަރެމެން މުސްލިމުން އެކަކު އަނެކަކާ މުޢާމަލާތު ކުރާއިރު އޯގާވެރިކަމާއި މަޑުމައިތިރިކަމާއި ތަވާޟުޢުވެރިކަން އިސްކުރުން މާ އައުލާކަން ބޮޑުކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. އަދި، ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރުނީ އެ ދީނުގެ އަހުލުވެރީންގެ ރިވެތި އަޚުލާޤާއި ހެޔޮ މުޢާމަލާތުގެ ސަބަބުން ކަމަށް ޚުތުބާގައި ކިޔައިދިނެވެ.
މިއަދުގެ ޚުތުބާ ނިންމާލީ، ރިވެތި ގޮތުގައި މީސްތަކުންނާ މުއާމަލާތުކޮށް، ސުވަރުގޭގެ އަހުލުވެރީންގެ ތެރެއިން ވުމަށް ޓަކައި، އެކަކު އަނެކަކު ދެކެ ލޯބިވާ، އޯގާތެރި ބަޔަކަށް ވުމަށް ނަސޭހަތްތެރިވަމުންނެވެ.