ސަޕްލައި ދޯންޏަކުން މީހުން ސަލާމަތް ކުރަން އުޅެނިކޮށް ގެއްލުނު ތިން މީހުން ހޯދަން، ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
"ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯނި ބުދަ ދުވަހުގެ ރޭ އަޑިއަށް ދިޔައީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތް ކޮށްފައެވެ.
ނަމަވެސް، ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.
އެއީ، ނ. މަނަދުއަށް ނިސްބަތްވާ ސާޖަންޓް އަލީ ނާފިއުއާއި ސިފައިންގެ މީހެއް ކަމަށްވާ އިބްރާހިމް އަހުމަދާއި އަޑިއަށް ދިޔަ ދޯނީގެ ކައްޕި ކަމަށްވާ ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫނެވެ.
އޭގެތެރެއިން، ނާފިއު އިނދެގެން އުޅެނީ ގއ. ވިލިނގިލީ މީހަކާ ކަމަށްވާއިރު، ދެ ދަރީން ވެސް އޭނާގެ އެބަ ތިއްބެވެ. އަދި، އިބްރާހިމް އަހުމަދުގެ ތިން ދަރިން ތިބެއެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަނީ --- ފޮޓޯ/ އެމްއެންޑީއެފް
އެމްއެންޑީއެފުން މިއަދު ބުނީ، ކަނޑާއި ވައިގެ މަގުން އެ މީހުން ހޯދުމަށް ބޮޑު ސަރަަހައްދެއް ބަލާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެ މޯލްޑިވިއަންގެ މަތިންދާބޯޓާއި އެމްއެންޑީއެފް އެއާ ކޯގެ ޔޫއޭވީ ޑްރޯން ބޭނުންކޮށްގެން 881 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައެވެ. އަދި، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް އިމާދުއްދީނާއި ފާސްޓް އިންޓަސެޕްޓަ ކްރާފްޓްތަކާއި ސީއެމްބިއުލޭންސްގެ އިތުރުން ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން ކަނޑުމަގުން 310.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެކަމަކު، މިހާތަނަށް ކުރެވުނު މަސައްކަތުން އެ ތިން މީހުން އަދި ފެނިފައެއް ނުވެއެވެ.
ފަހަކަށް އައިސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ވަސީލަތްތައް ހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.