ވޮޝިންޓަން (6 އޮގަސްޓް 2026): އީރާނަކީ އެހެން ގައުމުތަކާ ޚިލާފު ގައުމެއްކަމަށާއި އީރާން ބޭނުންނުވާގޮތަކަށް އެ ގައުމުގެ ލީޑަރުންގެ "ބޮލަށް ވަނުމަކީ" ނޫނީ އެ ބޭފުޅުންގެ ވިސްނުން ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވިދާޅުވެއްޖެއެވެ.
"އީރާން އާ އެކު އެމެރިކާކުރި ޑިޕްލޮމެޓިކް މުއާމަލާތްތަކުގެ އަލީގައި އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ އީރާނަކީ އެހެން ގައުމުތަކާ އެމެރިކާ މުއާމަލާތްކުރާ ގޮތަށް މުއާމަލާތް ކުރެވޭނެ ގައުމެއްނޫންކަން،" ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވޭންސް ވިދާޅުވިއެވެ.
ވޭންސް ވިދާޅުވިގޮތުގައި އީރާން އާ ޑިޕްލޮމެޓިކް މުއާމަލާތްތައް ކުރެވޭނީ ވަރަށް ވިސްނައިގެން ލަސްލަހުންނެވެ. އީރާނާ ވާހަކަ ދައްކައިގެން ނަތީޖާ އެއް ނެރެވޭނީވެސް ދޫދީގެން އަދި ވަރަށް އުނދަގުލުންނެވެ.
ވޭންސް ވިދާޅުވިގޮތުގައި އެމެރިކާއާ މުއާމަލާތް ކުރުމުގައި އީރާނުގެ ލީޑަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތައް ބޮޑުވުމަކީ އީރާންއާ މުއާމަލާތްކޮށްގެން ނަތީޖާ ނެރެން އެންމެ އުނދަގޫވާ މައްސަލައެވެ.
އީރާނުގައި އެމެރިކާއަށް ކޮންމެވެސް ވަރަކަށް ދޫދޭން ބޭނުންވާ ލީޑަރުން ތިއްބެވި ނަމަވެސް ގިނަ ބޭފުޅުންނަކީ އެމެރިކާއަށް އެއްވެސް ވަރަކަށް އިތުބާރު ނުކުރާ އަދި އެމެރިކާއާ ހަރުކަށިކޮށް އަދި އުދުވާނީކޮށް މުއާމަލާތް ކުރަން ބޭނުންވާ ފަރާތްތައް ކަމަށާއި އީރާން ކަންކަން ނިންމަނީ މިހުރިހާ ފަރާތްތަކެއްގެ ޚިޔާލާއި ވިސްނުން އެއްގޮތްކޮށްގެން ކަމަށްވާތީ އެކަމަށް ވަރަށް ވަގުތުު ނަގާ ކަމަށް ވޭންސް ވިދާޅުވިއެވެ.
އީރާނުގެ ލީޑަރުން ގޮތްނިންމަނީ އެ ގައުމުގެ ސިޔާސީ ވެރިންނާއި އަސްކަރިއްޔާއާއި ތަޖުރިބާކާރުންގެ ޚިޔާލާއި ލަފައާއި ވިސްނުން ހިމަނައިގެން ކަމަށްވާއިރު މިފަރާތްތަކުގެ ވިސްނުން ތަފާތުވުމަކީ އީރާނާ މުއާމަލާތްކޮށް ނަތީޖާ ނެރެން އެމެރިކާއަށް އެންމެ އުނދަގޫވާ ސަބަބުކަމަށް މުހައްލިލުންވެސް ވިދާޅުވެއެވެ.
ވޭންސްގެ ވާހަކަތަކުން އެނގެނީ އެމެރިކާގައި ހަމައެކަނި ރައީސް ޓްރަމްޕް ހުރިހާ ނިންމުންތަކެއް ނިންމަވާ ގޮތަށް އީރާންގައި ނިންމުންތައް ނިންމަނީ އެކަކު ނޫންކަމެވެ. އީރާނުގެ ގައުމީ މަސްލަހަތާ ގުޅިފައިވާ ކަންކަމުގައި ގޮތެއް ނިންމަނީ އެގައުމުގެ ދީނީ މުރުޝީދު ނޫނީ ރައީސްއެއްވެސް ނޫނެވެ.
އީރާނުގެ ވެރިކަމުގެ ނިޒާމު ބައްޓަން ކޮށްފައިވާ ގޮތުން އެމެރިކާއާ މުއާމަލާތް ކުރުންފަދަ އެ ގައުމުގެ ގައުމީ މަސްލަހަތާބެހޭ ބޮޑެތި ހައްސާސް ކަންކަމުގައި ފަހުގެ ނިންމުންތައް ނިންމަނީ ދީނީ މުރުޝިދު އާއި ރައީސުލްޖުމްހޫރިއްޔާ އަދި އަސްކަރިއްޔާގެ އިސްވެރިންނާއި އީރާނުގެ ގައުމީ ސަލާމަތާބެހޭ މަޖިލީހާއި އީރާނުގެ ތަޖުރިބާ ކާރުންގެ މަޖިލީހުގެ ލަފާގެ މަތިންނެވެ.
އީރާނުގެ ވެރިކަމުގެ ނިޒާމަކީ ވަރަށް ބޮޑަށް މުއައްސަސާތަކުގެ މައްޗަށް ބިނާކޮށްފައިވާ ނިޒާމެކެވެ. ވަންމޭން ޝޯ އެއްނޫނެވެ. އެމެރިކާގައި ކަންކަން ނިންމުމުގެ ތަންފީޒީ ހުރިހާ ބާރު އޮންނަނީ އެކެއްގެ އަތްމަތީގައެވެ. އެއީ ރައީސްއެވެ.
ރައީސް ގޮތެއް ނިންމުމަށްފަހު ކޮންގްރެސްއަށް ވަކި މުއްދަތެއްގެ ތެރޭގައި އަންގާގޮތަށެވެ. މިގޮތަށް އަންގަން ޖެހެނީވެސް ގައުމީ ސަލާމަތާ ގުޅިފައިވާ ބޮޑެތި ކަންކަން އެކަންޏެވެ. އެމެރިކާގައި ގައުމަކާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރެވޭނީ ކޮންގްރެސްގެ ހުއްދަ ލިބިގެންކަމަށް ވިޔަސް ހަނގުރާމަ ނޫންކަމަށް ބުނެ ގައުމަކަށް އިސްވެ ހަމަލާދީ 60 ދުވަސްވަންދެން ހަނގުރާމަކުރުމުގެ ބާރު އެމެރިކާގެ ދަސްތޫރުގައި ރައީސްއަށް ދީފައިވެއެވެ.
އަނެއްކޮޅުން ކޮންގްރެސްގެ އަޣްލަބިއްޔަތު ވެރިކަން ކުރާ ޕާޓީއަށް ލިބިފައިވާނަމަ އެމެރިކާގެ ނިޒާމުވަނީ ވަންމޭން ޝޯ ނުވަތަ ޑިކްޓޭޓާރ ޝިޕް އަކަށެވެ.
އެމެރިކާގައި ކަންކަން އަވަހަށް ނިންމާފައި އެކަންކަން އިރުކޮޅެއްގެ ފަހުން ބަދަލުކުރަނީ މިސަބަބާ ގުޅިގެންކަމަށް މުހައްލިލުން ދެކެވަޑައިގަންނަވައެވެ.
އީރާނުގެ ފަރާތުން ފެންނަނީ މިއާ މުޅިން ޚިލާފު މަންޒަރެކެވެ. އީރާނުން އެގައުުމުގެ ނިންމުންތައް އަވަސްއަވަހަށް ބަދަލުކުރާ މަންޒަރު ނުފެންނައިރު އެމެރިކާގެ ސިޔާސަތު ފެންނަނީ އެނބުރޭ ވަހުތާނެއްގެ ގޮތުގައި ކަމަށް މުހައްލިލުން ސިފަކުރައްވައެވެ.