އިގުތިޞާދީ ދަތިތަކާ އެކީގައި ވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދައިދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި އޮތް ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ރަށްރަށުގައި ކުރިއަށްދާ މަޝްރޫއުތައް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްދާ ކަމަށެވެ.
މިގޮތުން، ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ އެތައް މަޝްރޫއުތަކެއް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އިގުތިޞާދީ ހާލަތު ރަނގަޅު ކުރުމާ އެކީގައި އިގުތިޞާދުގައި ބުންވަރު ޖައްސައި، ބުންވަރު އިތުރަށް ވަރުގަދަކޮށްދީ އިގުތިޞާދު އިތުރަށް ފުޅާކޮށްދީ މި ހުރިހާ ކަމެއް ކުރަމުން އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކޮށްދީ، ޒުވާނުން އިކޮނޮމިކަލީ ބާރުވެރިކޮށްދީ އަންހެން ބޭފުޅުން ބާރުވެރިކޮށްދީ މި ހުރިހާ ކަމަކާ އެކީގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް އަޅުގަނޑު ވިދާޅުވީރައީސް ޑރ. މުހައްމަދު މުއިއްޒު
އެ މަނިކުފާނު ވަނީ، ސަރުކާރުގެ ޕްލޭން ބަރާބަރަށް ތަންފީޒު ކުރަމުންދާ ކަމަށާއި 2028ގެ ދެވަނަ ކުއާޓަރާ ހަމައަށް ދާންވާއިރަށް، ވައުދުތައް ފުއްދައިދެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެ މަނިކުފާނު އެ ފަދައިން ވިދާޅުވިއިރު، އެކި ރަށްތަކުގައި މަޝްރޫއުތައް ކުރިއަށްނުދާ ކަމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރެއެވެ. އަދި، އެކި ދާއިރާތަކަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުން ވެސް އެ ކަންބޮޑުވުން ފާޅުކުރައްވައެވެ.

އުކުޅަހުގައި ކުރިއަށް ދިޔަ ޖަގަހަ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަދައްކަވަނީ --- ފޮޓޯ/ ޕީއެންސީ
މީގެ އިތުރުން މި ދުވަސްވަރު އިދިކޮޅު އެމްޑީޕީން އަންނަނީ މަޝްރޫއުތަކާ ގުޅޭ ގޮތުންނާއި ތަކެތީގެ އަގު އުފުލުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ މައްސަލައިގައި އެ ޕާޓީން މުޒާހަރާއަށް ނުކުންނާނެކަން ވެސް ވަނީ އިއުލާންކޮށްފައެވެ.
މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ، ރަނގަޅަށް ޑިމޮކްރެސީ ހިނގާ ހަމަޖެހިފައި ހުރި ގައުމުތަކުގައި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ސަރުކާރު ހިންގާ ޕާޓީއަކުން ވެސް ގައުމަށް ފައިދާ ހުރި ކަންކަމުގައި އެކައްޗެއް ކިޔާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އިދިކޮޅު ސިޔާސީ ފަރާތްތަކުން ޒިންމާދާރު ކަމާއެކު ކަން ކުރާނަމަ، ކުރާނެ ގޮތަކީ އެއީއެވެ.
މި ގައުމުގައި ކަންކަން ހިނގަނީ އެ ގޮތަކަށް ނޫންކަން ހުރިހާ ފަރާތްތަކަށް އެބަ އެނގޭ. އެއްގޮތަކަށް ވެސް ޒިންމާދާރު ކަމެއް ނެތް. އެއްގޮތަކަށް ވެސް ގައުމު އިސްނުކުރޭ. އެއްގޮތަކަށް ވެސް އިޙުލާސްތެރިކަމެއް ވެސް ނުހުރޭރައީސް ޑރ. މުހައްމަދު މުއިއްޒު
އެހެންވެ، އިދިކޮޅު ސިޔާސީ ފަރާތްތަކުން ކަންކަން ކުރާ ގޮތް އަމިއްލައަށް އެނަލައިޒް ކުރަން ޖެހޭ ކަމަށާއި އިދިކޮޅުން ދައްކާ ވާހަކަތަކާއި ކުރެވޭ ކަންކަމުގެ ތެރޭގައި އޮއިވަރު ތެރެއަށް ވަދެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ އޮއިވަރުގެ ތެރެއަށް ވަދެއްޖެނަމަ، ގައުމުގެ ހަމަޖެހުން ނެތިދާނެ ކަމަށެވެ.
ރައީސް އެ ފަދައިން ވިދާޅުވިއިރު، މިއީ އިދިކޮޅު ފަރާތްތަކުގެ ވާހަކަ އެ މަނިކުފާނު ދެއްކެވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ މެއި 21ގައި އެ މަނިކުފާނު ވިދާޅުވީ، ޒިންމާދާރު އިދިކޮޅު އެއްވެސް ބައެއް މި ގައުމުގައި މިވަގުތު ނެތް ކަމަށާއި ޒިންމާދާރު އިދިކޮޅެއް ސަރުކާރުގެ ހުރިހާ ސިޔާސަތުތަކަށް ދެކޮޅު ނަހަދާނެ ކަމަށެވެ.
މި އަހަރަކީ ސަރުކާރަށް އިގުތިސާދީ ގޮތުން ގޮންޖެހުންތައް ބޮޑު އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އޭގެ ތެރޭގައި ރެކޯޑު އަދަދެއްގެ ދަރަންޏެއް ދައްކަން ޖެހުމާއި، އީރާން ހަނގުރާމައިގެ ސަބަބުން އިގުތިސާދަށް އަރާ ލޮޅުންތައް ހިމެނެއެވެ.