ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހުރި ފޮއްޓެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު ހިނގި މި ހާދިސާގައި ގެއްލިފައިވަނީ މާލެ އައި ލޯންޗަކުން ބޭލުމަށްފަހު، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިން ޒޯންއާ ދިމާ ޖެޓީމަތީގައި ބަހައްޓާފައި ހުރި ފޮއްޓެކެވެ. މައްސަލަ ހުށަހެޅި ފަރާތާ ހަވާލާދީ ފުލުހުން ބުނި ގޮތުގައި، އެ ފޮށީގައި ތިން ލައްކައަށް ވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެއެވެ.
މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، ތަހުގީގު ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން ފޮށި ވަގަށް ނެގި މީހާ ދެނެގަނެ، އޭނާ ފޮށި ގެންދިޔަ ތަން ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކޮށްފައިވަނީ ލ. މުންޑޫ، ސެވެންސްޓާ، ޢަލީ ނާޡިމް (44އ) އެވެ.
އޭނާ ހައްޔަރުކޮށް، ވަގަށް ނެގި ފޮށި ހޯދައި ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން 248،500 އަށް ވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މީގެ އިތުރުން، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7،000 ރުފިޔާގެ މޯބައިލް ފޯނެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.