އިނގިރޭސި ކުލަބު ލިވަޕޫލް ދޫކޮށްލުމަށްފަހު މިސްރުގެ މަޝްހޫރު ފޯވާޑް މުޙައްމަދު ސަލާޙް، ތުރުކީގެ ސުޕަ ލީގުގެ ކްލަބް ޓްރެބްޒޮންސްޕޯއަށް ބަދަލުވުމުގެ ރަސްމީ މަޝްވަރާތައް ފަށައިފިއެވެ.
ޓްރެބްޒޮންސްޕޯއިން ނެރުނު ރަސްމީ ބަޔާނެއްގައިވާ ގޮތުން، ކްލަބާއެކު އެންމެ ފަހުގެ ވާހަކަތައް ކުރިއަށްގެންދިއުމަށްޓަކައި މިއަދު ސަލާޙް ތުރުކީއަށް ދާނެއެވެ.
ސަލާޙް ޓްރެބްޒޮންސްޕޯއަށް ބަދަލުވުމުގެ މަޝްވަރާތައް މި ފެށުނީ، ލިވަޕޫލްގައި އޭނާ ހޭދަކުރި ކާމިޔާބު ނުވަ އަހަރަށްފަހު މިދިޔަ ސީޒަން ނިމުމުން އެ ކްލަބާއެކު ހެދި އެއްބަސްވުން ހަމަވުމާ ގުޅިގެންނެވެ.
ލިވަޕޫލުގެ އެންފީލްޑްގައި ހޭދަކުރި މުއްދަތުގައި ސަލާހް ވަނީ އެޓީމަށް ޔުއެފާ ޗެމްޕިއަންސް ލީގާއި، އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ތަށި ހޯދައިދިނުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. ލިވަޕޫލަށް ކުޅުނު 442 މެޗުގައި 257 ގޯލު ޖަހައިގެން އޭނާ ވެފައިވަނީ އެ ކްލަބުގެ ތާރީޚުގައި 3 ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.
އޭގެ އިތުރުން، ސަލާޙް ވަނީ ޕްރިމިއާ ލީގުގައި ޖުމްލަ 193 ގޯލު ޖަހާފައެވެ. އޭގެތެރެއިން 191 ގޯލަކީ އޭނާ ލިވަޕޫލަށް ޖަހައިދިން ގޯލެވެ. ދެން އޭނާ ގޯލު ޖެހީ ޗެލްސީއަށެވެ. މި ގޯލުތަކާއެކު ސަލާޙް ވެފައިވަނީ ޕްރިމިއާ ލީގުގައި 4 ވަނައަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށެވެ.
އޭނާއަށްވުރެ ކުރީގައި އުޅެނީ އިންގްލަންޑުގެ ތިން ކުޅުންތެރިން ކަމަށްވާ އެލަން ޝިއަރާ، ހެރީ ކޭން އަދި ވޭން ރޫނީއެވެ.
އުމުރުން 34 އަހަރުގެ ސަލާހަށް މިދިޔަ ސީޒަނުގައި ލިވަޕޫލް ޓީމުގައި އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނުއިރު، މުޅި ސީޒަނުގައި އޭނާއަށް ޖެހުނީ އެންމެ 7 ގޯލެވެ.
ނަމަވެސް، ޤައުމީ ޓީމާއެކު ނިމިދިޔަ ފީފާ ވޯލްޑް ކަޕްގައި އޭނާ ވަނީ 1934 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މިސްރު ގަދަ 16 އަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.