ތަރައްގީގެ ބައިވެރީން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު: ތަރައްގީގެ ބައިވެރީންދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިގައިވާ މަގްސަދުގައި ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުން ދައުލަތުގެ މާލިއްޔާއަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީވެސް ނުވަތަ ތަރައްގީގެ ބައިވެރީން ދިއްކޮށްލާ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވީ މިއަދު އުކުޅަހުގައި ބޭއްވި ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމާއި އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ރައީސް ވަނީ އަދަށް ވުރެ ވިލުންތެރި ދައުލަތްތަކާއި ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިގުތިސާދުތަކާއި އުންމީދީ މުޖުތަމައުތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށް ނަޒާހަތްތެރިކަން އިތުރުކުރުމާއި ޖަވާބުދާރީކުރުވުމާއި ދެފުށްފެންނަ އުސޫލުތަކާއި އީޖާދުކުރުމުގައި ވުނަކުރުންމަތީ ދެމިތިބެ އިޚުލާސްތެރިކަމާއެކު އެކުގައި މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ހަގީގީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި، ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބަލަހައްޓައި ދެފުށްފެންނަ އުސޫލުތަކާއި ވިލުންތެރިކަމާއި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުންކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން މިއީ ދައުލަތްތަކުގެ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމުވެފައިވާ ދަނޑިވަޅެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު: ތަރައްގީގެ ބައިވެރީންދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިގައިވާ މަގްސަދުގައި ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ --- ފޮޓޯ: ރައީސް އޮފީސް

ރައީސް ވަނީ ރައްޔިތުން ދައުލަތުގެ މާލިއްޔާއަށް ދޫކޮށްލާ ކޮންމެ ޑޮލަރަކީ، އަދި ތަރައްގީގެ ބައިވެރިން ދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަށް ވާންޖެހޭކަމަށް ވިދާޅުވެފައެވެ. ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތު ނޫންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެއީ ގައުމީ އަދި އިސްތިރާޖީ މުދަލެއްކަމަށާއި އެއީ ކުރިއެރުމުގެ އިންޖީނުކަމަށް ވިދާޅުވެފައެވެ.

ސިޑްސް ނުވަތަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ލާސާނީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ރައީސް ވަނީ ސިޑްސްގެ ގިނަ ގައުމުތަކަކީ ދަރަނި މެނޭޖުކުރަމުން މުސްތަގުބަލުގައި ވުނަ ކުރާ ގައުމުތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ދުރު ރާސްތާގެ ހަމަޖެހުމަށް ވިސްނައިގެން ތިބެ ކުއްލި ހާލަތްތަކާ ކުރިމަތިލާ ގައުމުތަކެއްގެ އިތުރުން އިގުތިސާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމައުތައް ހިމާޔަތްކުރަމުންދާ ގައުމުތަކެއްކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ބައިނަލްއަގްވާމީ ނުތަނަވަސްކަމާއި ބޭރުގެ ފިއްތުންތަކާ އެކުގައިވެސް ގައުމުގެ މުސްތަގުބަލަށް ވުނަކުރަމުން ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރަމުންގެންދާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ގުޑް ގަވާނަންސް ނުވަތަ ހިންގުމުގެ ނިޒާމުގެ މުސްތަގުބަލުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ ޖޯގުރަފީ ގޮތުންނާއި ދުރުމިނުގެ ގޮތުން ގާބިލުކަން ނެތުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިލާންޖެހޭ ގިނަ މައްސަލަތަކެއްގެ ހައްލު، ޑިޖިޓަލް ޓްރާންސްފޯމޭޝަނަކުން ލިބިދާނޭކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ޓެކްނޮލޮޖީއަކީ ހަމައެކަނި ސަރުކާރުގެ މަސައްކަތްތައް ޑިޖިޓަލްކުރުމެއް ނޫން. އެއީ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނަންޖެހޭ ކަމެއް. ޑިޖިޓަލް ވަސީލަތްތަކުގެ ސަބަބުން ދެފުށް ފެންނަ މިންވަރު އިތުރުކުރެވިދާނެ. މައުލޫމާތާއި ހިސާބުތަކުގެ އެހީގައި ނިންމުންތައް ރަނގަޅު ކުރެވިދާނެ. އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އާންމު ހިދުމަތްތައް ފުރިހަމަ ކުރެވިދާނެ. އަދި ޑިޖިޓަލް އުމްރާނީ ވަސީލަތްތަކުގެ ސަބަބުން ސަރުކާރާއި ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބަދަހިކުރެވިދާނެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

އެގޮތުން މޯލްޑިވްސް 2.0 މެދުވެރިކޮށް ޒަމާނީ އަދި ރައްޔިތުންނަށް ލުއިފަސޭހަ ޑިޖިޓަލް ދައުލަތެއް ބިނާކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ފަންނިއްޔާތަކީ ހަމައެކަނި އީޖާދީ އެޖެންޑާއެއް ނޫންކަމަށާއި އެއީ ހިންގުން ތަރައްކޮށް ވިލުންތެރިކަމަށް ކުދި ޖަޒީރާތަކަށް ބޭނުންކުރެވިދާނޭ ވަސީލަތެއްކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު: ތަރައްގީގެ ބައިވެރީންދޭ ކޮންމެ ޑޮލަރަކީވެސް ކަނޑައެޅިގައިވާ މަގްސަދުގައި ހޭދަކުރެވޭ އެއްޗަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ --- ފޮޓޯ: ރައީސް އޮފީސް

މި ރަސްމިއްޔާތުގައި ރައީސް ވަނީ ރާއްޖޭގެ އޮޑިޓާ ޖެނެރަލް އޮފީހުގެ 2026-2029 ގެ ސްޓްރެޓީޖިކް ޕްލޭން ވެސް އިފުތިތާހުކޮށްދެއްވާފައެވެ.

އެ ސިމްޕޯޒިއަމްގައި ކުދި ޖަޒީރާ ގައުމުތައް ތަމްސީލުކުރާ އޮޑިޓް މުއައްސަސާތަކުން ބައިވެރިވެ އިލްމު ހިއްސާކޮށް, ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ގައުމުތަކުގެ ގާބިލިއްޔަތު އިތުރުކުރެވޭނޭ ގޮތްތަކާ މެދު ވަނީ މަޝްވަރާކުރައްވާފައެވެ.

comment ކޮމެންޓް