ހުރުމުޒު ކަނޑުއޮޅި އަކީ އެމެރިކާއާބެހޭ ތަނެއްނޫން، އެ ތަނާ ބެހޭ އެއްވެސް މަޝްވަރާއެއް ނުކުރާނަން: އީރާން

އެމެރިކާއާއި އީރާނުގެ ރައީސުން

ތެހެރާން (5 އޮގަސްޓް 2026): ގަލްފުގެ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އެއްބަސްވުމެއްގައި މިއަދު ނޫނީ މާދަމާ އީރާންއާއެކު ސޮއިކުރެވޭނެ ކަމަށް އެމެރިކާ ތަކުރާރުކޮށް ބުނާބުނުން އީރާނުން ދޮގުކޮށްފިއެވެ.

އީރާނުގެ ޕާލަމެންޓްގެ ރައީސް މުހައްމަދު ބާގިރު ގަލީބާވް ވިދާޅުވީ ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާއާ ބެހޭ ތަނެއްނޫންކަމަށެވެ. އަދި އެތަން ހުޅުވުމާއި ބަންދުކުރުމާބެހޭ އެއްވެސް މަޝްވަރާއެއް އީރާނުން އެމެރިކާއާ ނުކުރާނެކަމުގައެވެ.

ގަލީބާވް އާ ހަވާލާދީ އީރާނުގެ ރަސްމީ މީޑިއާ ބުނާގޮތުން ހުރުމުޒު ކަނޑުއޮޅީގައި އީރާނުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް ހުޅުވާލުމުގެ މަޝްވަރާތަކެއް އީރާން ކުރަމުން ގެންދަނީ އީރާންއާއެކު އެކަނޑުއޮޅި ޖޯގްރަފިކަލް ގޮތުން ހިއްސާކުރާ އޮމާން އާއެކުގައެވެ. އޮމާން އާއެކު ކުރާ މަޝްވަރާތައް ކާމިޔާބުކަމަށް ވެސް ގަލީބާވް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އީރާންއާއި އޮމާން ކުރަމުންގެންދާ މަޝްވަރާތައް ބިނާކުރަނީ އޮމާންގެ ސަރަހައްދުން އެ ކަނޑުއޮޅިއަށް ބޯޓުތައް ވަންނަ ގޮތަށާއި އީރާނުގެ ސަރަހައްދުން ނުކުންނަ ގޮތަށެވެ. މިނޫންގޮތަކަށް ހުރުމުޒު ކަނޑުއޮޅި އަށް ނުވަދެވޭ ގޮތަށެވެ.

ހުރުމުޒު ކަނޑުއޮޅި އަލުން ހުޅުވާލުމަށް އެއްބަސްވުމެއް ގައި މިއަދު ނޫނީ މާދަމާ އީރާންއާއެކު ސޮއިކުރެވޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ މަސްއޫލުވެރިން ދައްކަވަމުން ގެންދާ ވާހަކަތަކަށް ރައްދު ދެމުން އީރާނުގެ ރިވޮލިއުޝަނީ ގާޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ އީރާން އާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރިން އޮތް ހާލަތަށް ދެން އެކަނޑުއޮޅި ނުދާނެކަމުގައެވެ. ހުރުމުޒު ކަނޑުއޮޅި އޮންނާނީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި ކަމަށާ އެއީ އީރާނުގެ ގައުމީ ސަލާމަތާ ގުޅިފައިވާ ކަނޑުއޮޅި އެއްކަމާއި އެކަން އެމެރިކާ ޖެހޭނީ ގަބޫލުކުރަން ކަމަށް ވެސް މި ބަޔާން ބުނެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ ވަނީ އީރާނުން ހުރުމުޒު ކަނޑުއޮޅިއާބެހޭ އެއްވެސް މަޝްވަރާއެއް އެމެރިކާއާއެކު ނުކުރާނެކަމަށް ވިދާޅުވެފައެވެ. ސުލްހައިގެ މަގު ޚިޔާރުކުރާނަމަ އެމެރިކާއަށް އޮތީ މިދިޔަ ޖޫންމަހު އެމެރިކާއާއި އީރާނުން ސޮއިކުރި އެމްއޯޔޫ ތަންފީޒު ކުރުންކަމަށް ވެސް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ހުރުމުޒު ކަނޑުއޮޅި ހުޅުވުމާބެހޭގޮތުން އީރާންއާއެކު މަޝްވަރާކުރަމުން ގެންދާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ އިސް މަސްއޫލުވެރިން ވިދާޅުވިނަމަވެސް މީގެކުރިން އެމެރިކާއާއި އީރާން އާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރި ގަތަރުންވެސްވަނީ މިހާރު އީރާނާއި އެމެރިކާއާ ދެމެދު މަޝްވަރާތަކެއް ހިނގާކަން އެނގިފައި ނުވާކަމަށް ބުނެފައެވެ.

ގަތަރުގެ ޚާރިޖީ ވުޒާރާއިން ވަނީ މިވަގުތު އެމެރިކާއާއި އީރާންއާ ދެމެދު މެދުވެރިއެއްގެ އެއްވެސް ދައުރެއް ގަތަރުން އަދާކުރަމުން ނުދާކަން ހާމަކޮށްފައެވެ. ރިޕޯޓްތައް ބުނާގޮތުން ހުރުމުޒު ކަނޑުއޮޅި ހުޅުވުމުގެ އެއްބަސްވުމެއްގައި ދާދިއަވަހަށް އީރާންއާއެކު ސޮއިކުރެވޭނެކަމަށް ބުނެ އެމެރިކާ ވާހަކަ ދެއްކުމުގެ ބޭނުމަކީ ތެލުގެ އަގު ހެޔޮކުރުމަށް މަގުފަހިކުރުމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު