ވަޓްސްއެޕް ޕޯލްތަކަށް ސުންގަޑި ކަނޑައެޅުމުގެ ފީޗާއެއް އިތުރުކޮށްފި

ވަޓްސްއެޕަކީ އެންމެ ގިނަބަޔަކު ބޭނުންކުރާ މެސެޖިން އެޕް ----

ވަޓްސްއެޕް ގްރޫޕްތަކުގައި ނަގާ ޕޯލްތަކަށް ސުންގަޑި (ޑެޑްލައިން) ކަނޑައެޅޭނެ ޚާއްސަ ފީޗަރެއް ހިމެނޭހެން، ގްރޫޕް ޗެޓްތަކުގައި މުޢާމަލާތްކުރުން ފަސޭހަކޮށްދޭ މުހިންމު އައު ބަދަލުތަކެއް ވަޓްސްއެޕުން އާންމުކުރަން ފަށައިފިއެވެ.

މި އައު ބަދަލާއެކު ގްރޫޕްތަކުގައި ނަގާ ޕޯލްތަކަށް ވަކި ވަގުތެއް ކަނޑައެޅުމުން، އެ ވަގުތު ހަމަވުމުން ވޯޓުލުން އޮޓޮމެޓިކުން ބަންދުވާނެއެވެ.

މީގެއިތުރުން، ވޯޓުލީ މީހުންގެ ނަންތައް ސިއްރުކޮށްގެން (އެނޯނިމަސްކޮށް) ވޯޓުލެވޭނެ ގޮތް ހެދުމުގެ އިޚްތިޔާރުވެސް ޕޯލް ހަދާ ފަރާތަށް ލިބިގެންދާނެއެވެ. އަދި ޕޯލް ފޮނުވާތާ 15 މިނެޓުގެ ތެރޭގައި ސުވާލަށް އިސްލާޙު ގެނައުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

އަވަސް މައުލޫމާތުތައް ގްރޫޕުގެ އެންމެންނަށް އެއްފަހަރާ ފޯރުކޮށްދިނުމަށްޓަކައި '@all' ބޭނުންކޮށްގެން މެންޝަން ކުރެވޭނެ ފީޗަރެއްވެސް ވަނީ ހިމަނާފައެވެ. ނަމަވެސް 32 މެންބަރުންނަށްވުރެ ގިނަ މީހުން ތިބޭ ގްރޫޕްތަކުގައި މި ފީޗަރު ބޭނުންކުރެވޭނީ ހަމައެކަނި އެޑްމިން ފަރާތްތަކަށެވެ. ގްރޫޕް މިއުޓްކޮށްފައި އިނަސް މިފަދަ މެސެޖުތަކުގެ ނޮޓިފިކޭޝަން ލިބޭނެއެވެ.

ފީޗާތައް މިހާރު ދަނީ މަޑުމަޑުން ޔޫޒަރުންނަށް ދޫކުރަމުން ---

މީގެއިތުރުން، މިހާރު އޮތް ގްރޫޕެއްގައި ތިބި މެންބަރުން ހިމަނައިގެން ވަކިން އައު ގްރޫޕެއް އަވަހަށް އުފެއްދޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. މިއީ ވަކި ޚާއްޞަ ކަމަކަށް ނުވަތަ ޕްލޭނަކަށް ވަކިން ވާހަކަދައްކަން ބޭނުންވާ ހާލަތްތަކުގައި ބޭނުންތެރި ފީޗަރެކެވެ.

މި އައު ފީޗާތައް މިހާރު ދަނީ މަޑުމަޑުން ޔޫޒަރުންނަށް ދޫކުރަމުންނެވެ. އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ޓެލެގްރާމް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް މި ފީޗާތައް ލިބިގެންދާނެކަމަށް ވަޓްސްއެޕުން މަޢުލޫމާތުދެއެވެ.

ވަޓްސްއެޕަކީ ދުނިޔޭގައި އެންމެ ގިނަ މީހުން ބޭނުންކުރާ މެސެޖިން އެޕްލިކޭޝަނަށް ވާއިރު، މެޓާއިން ދަނީ ބޭނުންކުރާ ފަރާތްތަކުގެ ބޭނުންތަކަށް ބަލައި ގްރޫޕް ޗެޓްތަކުގެ ސެކިއުރިޓީއާއި މަސައްކަތްތައް ހަރުދަނާކުރުމަށް ގަވާއިދުން އައު ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން ފާއިތުވި ތަނުގައި ގްރޫޕްތަކަށް ގިނަ އަދަދެއްގެ މެންބަރުން އެއްފަހަރާ އިތުރުކުރެވޭ ގޮތް ހެދުމާއި، މެސެޖުތަކަށް ރިއެކްޓްކުރުމުގެ އިތުރުން ޗެޓްތަކުގައި ޕޯލް ނެގޭނެ ގޮތް ތަޢާރަފުކުރުން ހިމެނެއެވެ.

އިދާރީ އަދި އަމިއްލަ މުޢާމަލާތްތަކަށް ގްރޫޕް ޗެޓްތައް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، ވަޓްސްއެޕުން މަސައްކަތް ކުރަމުންދަނީ ގްރޫޕްތަކުގެ އިންތިޒާމުތައް އިތުރަށް ފަސޭހަކޮށް، މައުލޫމާތު ބަދަލުކުރުން އަވަސްކޮށްދިނުމަށެވެ.

comment ކޮމެންޓް