މުޅި ރާއްޖެއަށް މިއަދުވެސް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފި

އައްޑުއަށް ބޯކޮށް ވާރޭވެހި ބައެއްމަގުތަކުގައި ފެންބޮޑުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދުވެސް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ނެރެފައިވާ މޫސުމުގެ އިންޒާރުގައި ބުނެފައިވާ ގޮތުގައި، މުޅި ރާއްޖެއަށް ވިއްސާރައިގެ އަސަރު ކުރާނެއެވެ.

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެނީ ތަފާތު ބާރުމިނުގައެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ކަނޑުތަކުގެ ހާލަތަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ރާޅުގެ އުސްމިން ހުންނާނީ ދެކުނުގެ އަތޮޅުތަކުގައި ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދުގައެވެ. އަދި އެހެން ހިސާބުތަކުގައި ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައެވެ.

މުޅި ރާއްޖެއަށް ވިއްސާރަކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ކުރިއަށް އޮތް ވަގުތުތަކުގައިވެސް މޫސުން ގޯސްވާނެތީ، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އަންގާފައެވެ.

comment ކޮމެންޓް