ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު އެމެރިކަން ފެންޓަސީ ޑްރާމާ ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ މުސައްނިފު އަދި "ހައުސް އޮފް ދަ ޑްރެގަން" އުފެއްދުމުގައި އިސްކޮށް އުޅޭ ޖޯޖް އާރްއާރް މާޓިންއަށް ކާމިޔާބީތަކާއެކުވެސް ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާންޖެހުނުކަން ހާމަކޮށްފިއެވެ.
ޖޯޖް މާޓިން މިކަން ހާމަކޮށްފައިވަނީ، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އޭނާ އަމިއްލައަށް ލިޔުނު ފުރަތަމަ ބްލޮގް ޕޯސްޓުގައި، އުމުރުން 77 އަހަރު ފުރުމާ ގުޅޭގޮތުންނާއި މިދިޔަ އަހަރު އޭނާ އުފުލަންޖެހުނު ނަފްސާނީ ތަކުލީފުތަކުގެ ވާހަކަ އާއްމުންނާ ހިއްސާކުރަމުންނެވެ.
ލިޔުންތެރިޔާ މާޓިން ހާމަކުރި ގޮތުގައި، އޭނާގެ ކެރިއަރުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވުނު ނަމަވެސް، ފާއިތުވި އަހަރަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި އެންމެ އުނދަގޫ އެއް ދުވަސްވަރެވެ. އަދި އޭނާ ދިޔައީ މާޔޫސްކަމާއި ނަފްސާނީ ބަލިމަޑުކަމާ ހަނގުރާމަކުރަމުންނެވެ.
"މި އަހަރަކީ ނުހަނު ފިއްތުންތަކާ ކުރިމަތިވި އަހަރެއް. ވަރަށް ގިނަ ކަންތައްތަކެއް އެއްފަހަރާ ހިނގަމުންދިއުމުން ކެތްކުރަން ދަތިވި. އުފާވެރި ކަންތައްތަކާއި ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވީއިރު، ބިރުވެރި ހުވަފެންތަކެއް ފަދަ ހިތާމަވެރި ހާދިސާތައްވެސް ކުރިމަތިވި. ގާތް އެކުވެރިން ވަކިވެގެންދިޔަ. މާޔޫސްކަމާއި ނަފްސާނީ ބަލިމަޑުކަމާ ކުރިމަތިލާންޖެހުނު. އަދި އެންމެ ގޯސް ދުވަސްތައް ކުރިއަށް އޮތީ ކަމަށްވެސް ވެދާނެ،" މާޓިން ލިޔެފައިވެއެވެ.

މާޓިން ލިޔުނު އެމެރިކަން ފެންޓަސީ ޑްރާމާ ސީރީޒް "ގޭމް އޮފް ތުރޯންސް"ގެ މަންޒަރެއް--ފޮޓޯ/ވެރައިޓީ
އުމުރުން ދުވަސްވަމުންދިއުމަކީ ފަސޭހަކަމެއް ނޫންކަން ފާހަގަކުރަމުން އޭނާ ބުނީ، މިދިޔަ ސެޕްޓެމްބަރު މަހު 77 އަހަރު ފުރުނު ނަމަވެސް މުސްކުޅިވުމަކީ އެއްވެސް އުފަލެއް އޮތް ކަމެއް ނޫންކަމަށެވެ. ހަޔާތުގައި ހިތްގައިމު އުފާވެރި ވަގުތުތަކެއްވެސް ތަޖުރިބާ ކުރެވުނުއިރު، ގަބޫލުކުރަނީ އެއީ ދިރިއުޅުމުގެ އާދަ ކަމަށް މާޓިން ބުނެފައިވެއެވެ.
އަމިއްލަ ދިރިއުޅުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މަސައްކަތުގެ މައިދާނުގައި މާޓިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ. އެގޮތުން އެޗްބީއޯއިން އުފެއްދި "އަ ނައިޓް އޮފް ދަ ސެވަން ކިންގްޑަމްސް" ވަނީ އެންމެ މޮޅު ޑްރާމާ ސީރީޒް ހިމެނޭހެން ޖުމްލަ ނުވަ އެމީ އެވޯޑަށް ނޮމިނޭޓްވެފައެވެ. އަދި ރޯޔަލް ޝޭކްސްޕިއަ ކޮމްޕެނީން އުފެއްދި "ގޭމް އޮފް ތުރޯންސް: ދަ މޭޑް ކިންގް" ސްޓޭޖް ޑްރާމާގެ ފުރަތަމަ ދެއްކުންތަކުގެ ހުރިހާ ޓިކެޓެއް ވަނީ ހުސްވެފައެވެ.
މީގެ އިތުރުން "ހައުސް އޮފް ދަ ޑްރެގަން"ގެ ތިންވަނަ ސީޒަން ސްޓްރީމްކުރަން ފަށާފައިވާއިރު، އެ ސީރީޒަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާކަން މާޓިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ.
މިއަހަރުގެ ކުރީކޮޅު 'ދަ ހޮލީވުޑް ރިޕޯޓަ'އަށް ދިން އިންޓަވިއުއެއްގައި މާޓިން ވަނީ އުމުރުން ދުވަސްވުމުން ދިމާވާ ބައެއް ސިއްހީ މައްސަލަތަކާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. އެގޮތުން ބައެއް ފަހަރު ބުރަކަށީގައި ރިއްސާ، ގިނައިރު ކޮޅަށް ހުންނަން ފަސޭހަ ނޫން ކަމަށާއި، އެކަމަކު ވެސް އޭނާގެ ހާލު ރަނގަޅު ކަމަށް އޭރު މާޓިން ވަނީ ބުނެފައެވެ.