މިނިސްޓްރީއާ ގުޅިގެން އޮޅުހިޔާ ހިންގާނެ ފަރާތެއް ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި

އޮޅުހިޔަލަށް ގެންގޮސްފައިވާ ބުޅާތަކެއް: އަނެއްކާވެސް މިނިސްޓްރީއާ ގުޅިގެން އޮޅުހިޔާ ހިންގާނެ ފަރާތެއް ހޯދަނީ -- ފޮޓޯ/ އެނިމަލް ވެލްފެއާ މިނިސްޓްރީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ އެނިމަލް ކެއާ ފެސިލިޓީ (އޮޅުހިޔާ)ގައި ބުޅާ ގެންގުޅޭ ބައި ބެލެހެއްޓުމަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް މިއަދު އިއުލާންކޮށްފިއެވެ.

އޮޅުހިޔާ ހިންގަން ގުޅިގެން މަސައްކަތް ކުރާނެ ބަޔަކު ހޯދަން، އޭރު އޮތް އެނިމަލް ވެލްފެއާ މިނިސްޓްރީން ފުރަތަމަ އިއުލާންކުރީ މިދިޔަ އަހަރުގެ މެއި މަހެވެ. އެއަށްފަހު އެ އިއުލާން ބާތިލުކޮށް، މިދިޔަ އަހަރުގެ ޖުލައި މަހު އަލުން އިއުލާން ނެރުނެވެ.

އެއަށްފަހު މި އަހަރުގެ އޭޕްރިލް މަހު ވަޒީރުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނެވި ބަދަލުތަކުގެ ތެރެއިން، އެނިމަލް ވެލްފެއާ މިނިސްޓްރީ ވަނީ އުވާލައިފައެވެ. އެއާއެކު، އެ މިނިސްޓްރީގެ ޒިންމާތައް ހަވާލުކުރެއްވީ ފިޝަރީސް މިނިސްޓްރީއާއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ވަނީ، އޮޅުހިޔާ އެއް އަަހަރު ދުވަހަށް މިނިސްޓްރީއާ ގުޅިގެން ހިންގާނެ ފަރާތެއް ހޯދާ ކަމަށް ބުނެފައެވެ.

ފުލުހަކު ބުޅާތަކަކާއެކު: އަނެއްކާވެސް މިނިސްޓްރީއާ ގުޅިގެން އޮޅުހިޔާ ހިންގާނެ ފަރާތެއް ހޯދަން ވަނީ އިއުލާންކޮށްފައި ---- ފޮޓޯ: ފުލުހުން

އެ އިއުލާނުގައި ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ 11:00 އާ ހަމައަށް މިނިސްޓްރީއަށް ދިޔުމަށް އެދިފައެވެ.

މީގެ އިތުރުން، މިނިސްޓްރީގެ ނަމްބަރު 3309239 އަދި 3309331 އަށް ގުޅައި އެކަމާބެހޭ މައުލޫމާތު ސާފުކުރެވޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

https://sun.mv/208589

މާލޭގެ އެކި ސަރައްހައްދުތަކުގައި ބުޅާ ގިނަވެފައިވާއިރު، އޭގެ ސަބަބުން މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް ދަތިތަކާ ކުރިމަތިވެއެވެ. މި މައްސަލަ ހައްލުކުރުމަށް ފަރުކޮޅުފުށީގައި ބުޅާ ފެސިލިޓީ ގާއިމުކޮށްފައި ވަނީ އެޗްޑީސީން މާލޭ ސިޓީ ކައުންސިލަށް ދޫކުރި 5،000 އަކަފޫޓުގެ ބިމެއްގައެވެ.

އެ ތަނުގެ މަސައްކަތް ނިމިފައި ވަނިކޮށް، ސިޓީ ކައުންސިލުގެ އަތުން އެ ތަން ނަގައި، މިނިސްޓްރީން އޮޅުހިޔާއާ ހަވާލުވީއެވެ.

މާލެ ސަރައްހައްދުގައި ބުޅާ އިތުރުވެ އާންމު އުދަނގުލަކަށްވުމުގެ ޝަކުވާ އާއި ބުޅަލަށް އަނިޔާކުރުމާއި މެރުމުގެ ޝަކުވާ ވެސް ބޮޑުވެފައި އޮއްވައި އޮޅުހިޔާ ފެސިލިޓީ ގާއިމް ކުރީ އެ މަައްސަލަތަކަށް ހައްލު ހޯދައިދިނުމަށެވެ.

comment ކޮމެންޓް