އިޤުރާރުވީމޭ ލޯބިން - 55

އިޤުރާރުވީމޭ ލޯބިން -

"ރެން..."

ޒަހްރާނަށް ފުންމައިގެން ތެދުވެވުނެވެ.

"އައިރާ... ކިހިނެއްވީ؟" އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިން އައިރާގެ އެއް އަތް ވަނީ ބަނޑުގައި ޖައްސައިލެވިފައެވެ. މޫނުމަތީގައިވަނީ އޭނާ ވޭނެއް ތަޙައްމަލްކުރަމުންދާކަމުގެ އަސަރެވެ. ޒަހްރާނަށް ވަމުންދާ ގޮތް ނަގައިގަނެވުނެވެ. "ތަދުވަނީ؟"

"ހޫމް..." އައިރާއަށް ބުނެވުނެވެ. ރަނގަޅަށް ވާހަކަ ވެސް ދެއްކުންވީ އުނދަގޫކަމަކަށެވެ. ޒަހްރާން އައިރާގެ އަތުގައި ހިފަހައްޓައިލިއެވެ.

"އިރުކޮޅެއް ދީ..." ޒަހްރާން ވެސް ކަންބޮޑުވިއެވެ. އޭނާ އައިރާގެ ނިތުގައި ބޮސް ދީފައި ތެދުވިއެވެ.

"މަންމައަށް މި ގޮވަނީ. މަޑުކުރޭ..." އެހެން ބުނެލައިފައި ގޮސް ނިދަންލައިގެން ހުރި ޓްރެކްޝޫޓް ބަދަލުކޮށްލިއެވެ. ސޯޓަކާއި ޓީޝާޓެއް ގަޔަށް މަހައިލަމުން، ގޮސް ކޮޓަރިން ނުކުތެވެ. މަންމަމެން ކޮޓަރި ހުންނަނީ ތިރީގައެވެ. އެހެންކަމުން ދުވެފައި ކަހަލަ ގޮތަކަށް ސިޑިން ތިރިއަށް ޒަހްރާން ދިޔައެވެ.

"މަންމާ... މަންމާ....." ދޮރުގައި ޓަކި ޖަހަމުން ޒަހްރާން ގޮވަމުންދިޔައެވެ. ނިދިފައި އޮތް ބަސްމާއަށާއި، މުރާދަށް ހޭލެވުނީ އެއްކޮށް ކަހަލަ ގޮތަކަށެވެ.

"ރެން... އަނެއްކާ ކިހިނެއްވީ ބާ؟ އައިރާ..." ބަސްމާއަށް ވެސް ތެދުވެވުނެވެ. ބުރުގާ ބޮލަށް މަހައިލަމުން ގޮސް ދޮރު ހުޅުވައިލުމަށްފަހު ވީގޮތާ ބެހޭގޮތުން ބަސްމާ ސުވާލުކޮށްލިއެވެ.

"އައިރާ... ބަނޑުގައި ރިއްސާތީ..." ޒަހްރާން އެހެން ބުނެލި އިރު މުރާދު ވެސް އައިސް އެ ހިސާބުގައި ހުއްޓިއްޖެއެވެ.

"މަންމަ މި ދަނީ... ދަރިފުޅު ދޭ އައިރާ ކައިރިއަށް." ބަސްމާ ބުނެލިއެވެ. އެއަށް ފަހު އޭނާ ޒަހްރާން ފޮނުވައިލުމަށް ފަހު އެތެރެއަށް ވަދެ އަވަސް އަވަހަށް މޫނު ދޮވެ ހަދައިލައިގެން ހެދުން ބަދަލުކޮށްލިއެވެ. މުރާދު ގާތު ވެސް ތައްޔާރުވެލަން ބުނެފައި ބަސްމާ ގޮސް މައްޗަށް އެރިއެވެ. ޓަކި ޖަހައިލުމަށް ފަހު ދޮރު ހުޅުވައިލި އިރު، ޒަހްރާން އައިރާގެ ބުރުގާ އަޅުވަދެނީއެވެ. އައިރާ ވެސް މިހާރު އިނީ ނިދާ އެއްޗެހި ބަދަލުކޮށްގެން އާދައިގެ ކަޅުކުލައިގެ އަބާޔާއެއްގައެވެ.

"ހޮސްޕިޓަލަށް ދާން ހިނގާ އަވަހަށް." ބަސްމާ ބުނެލިއެވެ. އެ ވަގުތު ބަންގީގެ އަޑު ވެސް ކަންފަތުގައި ޖެހުނެވެ. އަޔާޝް ވެސް ނުކުތީ، މިސްކިތަށް ދިޔުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް، ހުޅުވައިފައި ހުރި ޒަހްރާންގެ ކޮޓަރިއާ އަރާ ހަމަވުމުން، އޭނާއަށް ވެސް ވެގެން އުޅޭ ގޮތް އަންދާޒާކޮށްލެވިއްޖެއެވެ. އެތެރެއަށް ބޯ ދިއްކޮށްލަމުން އަޔާޝް ވާހަކަ ދެއްކިއެވެ.

"ހޮސްޕިޓަލަށްދާންތަ ތިއުޅެނީ. ގޮވާވެސް ނުލަމެއްނު." އޭނައަށް ބުނެވުނެވެ.

"އަދި ދެންމެ މަންމަ ވެސް އެ އައީ." ޒަހްރާން ބުނެލިއެވެ.

"އަހަރެން އެބަ ލަޔާ ގާތު ވެސް ބުނެލަން." އެވަގުތު ލަޔާލީ ވެސް އުޅޭނީ ނަމާދަށް ތެދުވެގެންކަމަށް ވާތީ، އަޔާޝް އެހެން ބުނެލާފައި ގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. އޭރު ލަޔާލީ ފާޚާނާއިން ނުކުންނަނީއެވެ. އެ ޚަބަރު ލަޔާލީއަށް ދީފައި، އަޔާޝް ވެސް ކޮޓަރީގެ ބޭރުގައި މަޑުކޮށްލިއެވެ. އޭރު މަންމައާއި ޒަހްރާންވެގެން އައިރާ ގޮވައިގެން އަންނަނީއެވެ.

ހަޤީޤަތުގައި އައިރާ އެޑްމިޓްކުރަން ހަމަޖެހިފައިވަނީ އަދި ދެ ދުވަސްފަހުންނެވެ.

އައިރާ ގޮވައިގެން ތިރިއަށް ދިޔައިރު، މުރާދު ހުރީ ބޮޑުކޮޓަރީގައެވެ.

"ޑްރައިވަރަށް ގުޅަންވީތަ؟" މުރާދު އަހައިލިއެވެ.

"ނޫނޭ. އަޅުގަނޑު ދުއްވާނީ. ހިނގާ ދަމާ.." ޒަހްރާން ބުނެލިއެވެ. "އީލުކައިރީ ބުނިންތަ؟"

ވަކި ހިސާބަކަށް ގޮސްފައި، ޒަހްރާން ބުނެލިއެވެ. އީލާފް ކައިރީ ނުބުނެ އެންމެން ހިނގައްޖެނަމަ، އޭނަ މައްސަލަ ޖައްސާނެކަން އެނގޭތީއެވެ.

"ބުނެފިން. އެބަ ރެޑީވޭ. މަންމަމެން ގޮސްލާ އައިރާ ގޮވައިގެން. އީލު އައިމަ އަޅުގަނޑާ، އަޔާއާ ދެމީހުން އީލު ގޮވައިގެން މިދަނީ." ލަޔާލީ ބުނެލިއެވެ. އެއާއެކު، ބަސްމާ ބޯ ޖަހައިލިއެވެ.

ޒަހްރާން ޑްރައިވަރުގެ ސީޓަށް އެރިއިރު، މުރާދު ވެސް އެއީ ކުރީ ސީޓަށެވެ. އައިރާ ގޮވައިގެން ފަހަތު ސީޓަށް އެރި ބަސްމާ، އައިރާގެ އުނަގަނޑުގައި އަތް ޖައްސައިލިއެވެ. ޒަހްރާން ކާރު ދުއްވައިލިއެވެ. ވަގުތުގެ ގޮތުން މަގުމަތީގައި ވެސް ދުއްވާއެއްޗެހި ފުދޭވަރަކަށް މަދެވެ. އެހެންކަމުން ހީކުރިވަރަށް ވުރެ އަވަހަށް ހޮސްޕިޓަލާ ހިސާބަށް އާދެވިއްޖެއެވެ.

އެމަރޖެންސީއަށް ދިޔުމާ އެކު ވަގުތުން އައިރާ އެޑްމިޓްކުރެވުނެވެ. އަދި ވިއްސާކޮޓަރިއަށް އޭނާ ބަދަލުކުރެވުނެވެ. އެ ހުރިހައި އިރު ވެސް އައިރާއާ އެންމެ ގާތުގައި ޒަހްރާން ހުއްޓެވެ. ނަމާދުނުކޮށް ހުރީތީ، ކުޑަ ވަގުތުކޮޅަކަށް މަންމަ އެތެރެއަށް ވެއްދުމަށް ފަހު، އޭނާ ހޮސްޕިޓަލުގައި ހުރި މިސްކިތަށް ދާންވެގެން ނުކުމެލިއެވެ. އޭރު އީލާފްއާއި، ލަޔާލީ ވެސް އަތުވެއްޖެއެވެ. މުރާދާއި އަޔާޝް ވެސް ޒަހްރާނާއެކު މިސްކިތަށް ދިޔައެވެ.

މިސްކިތުން އައިތާ ގިނައިރެއް ނުވެ ބަސްމާ ނުކުމެއްޖެއެވެ. ޒަހްރާން އައިރާގެ ގާތަށް ވަނެވެ. ވިހެއުމުގެ ވޭނުގައި އޮތް އައިރާ ފެނި ޒަހްރާން ކަންބޮޑުވިއެވެ. އެ ޙާލުގައި އައިރާ އޮތްއިރު، އެ ދެމީހުންގެ ދަރިން މި ދުނިޔެއަށް އުފަންކުރުމަށްޓަކައި އެ އުފުލަމުންދާ ތަކުލީފުތައް، ފެނުމުން ލޮލަށް ކަރުނަ ވެސް ޖަމާވިއެވެ. އެހެންނަމަވެސް، އޭނާ އައިރާ ދޫކޮށްލައިފައި އެންމެ ފަހަރަކު ވެސް ނުނިކުމެއެވެ. އެ އަތުން ދުލެއް ވެސް ނުކުރެއެވެ. އެ ހުރިހައި އިރު އޭނާ އައިރާއަށް ހިތްވަރުދެމުން ދިޔައެވެ.

ޒަހްރާން ގާތުގައި ހުރުމަކީ އައިރާއަށް ލިބުނު އެންމެ ބޮޑު އުފަލެވެ. އޭނާ ދެކެ އިންތިހާއަށް ލޯބިވާކަން ޒަހްރާންގެ ކޮންމެ އަމަލަކުންމެ އޭނަ އެ ދަނީ ސާބިތުކޮށްދެމުންނެވެ. މަންމައަކު ދަރިއަކު ވިހެއުމަށް އުފުލާ ވޭނާއި ބުރަ އައިރާއަށް ވަރަށް ރަނގަޅަށް ތަޞައްވަރުކޮށްލެވުނެވެ. ދީނުގައި މަންމަގެ މަޤާމު މަތިވެރިކުރައްވާފައިވަނީ ވަރަށް ވެސް ގިނަ ސަބަބުތަކަކަށްޓަކައެވެ. އެ ފަދަ ވޭނެއް އުފުލައިފައި ދުނިޔެއަށް ގެންނަ ދަރިންނާ މެދު އިހުމާލުވާ މަންމައިން އުޅޭކަމީ ވެސް ހައިރާންވާވަރުގެ ކަމެކެވެ. އިރާދުކުރެއްވިއްޔާ އޭނާ އެ ދަރިން ދެކެ އިންތިހާއަށް ލޯބިވާނެއެވެ. ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދޭނެއެވެ. ނުގޮތަކަށް މީހަކު، ބަލައިލާނެ ފުރުޞަތެއް ވެސް ނުދޭނެއެވެ.

އައިރާ ވިހެއީ ބަރާބަރު ހަތްގަޑި ފަނަރައިގައެވެ. ލިބުނީ އަންހެން ކުއްޖަކާއި ފިރިހެންކުއްޖެކެވެ. ހައިރާންކަންލިބުނު ނަމަވެސް، އުފާވިއެވެ. އެމީހުން ކުއްޖާގެ ޖިންސެއް ނުބަލައެވެ. ސްކޭން ކުރި އިރު ޑޮކްޓަރުންގެ ކައިރީގައި ވެސް، ކޮން ކަހަލަ ކުދިންކަން އެނގެން ބޭނުންނޫންކަމަށް އެ ދެމީހުން ވަނީ ބުނެފައެވެ. ބޭނުންވީ އެއީ "ސަޕްރައިޒަކަށް" ވާށެވެ. ހީކޮށްގެން ތިބީ، ދެ އަންހެން ކުދިން ނުވަތަ ދެ ފިރިހެން ކުދިންކަމަށެވެ. އެހެން ނަމަވެސް، ވީ އެހެންނެއް ނޫނެވެ.

*****

އައިރާގެ އަތަށް އެއް ކުއްޖަކު ލައިދިން އިރު، އަނެއް ކުއްޖާ ލައިދިނީ ޒަހްރާންއަތަށެވެ. އެކަކު އަނެކަކަށް ބަލައިލުމަށް ފަހު ފުޅާ ހިނިތުންވުމެއް ހަދިޔާކޮށްލެވުނެވެ. ޒަހްރާނަށް އައިރާގެ ނިތުގައި ބޮސް ދެވުނެވެ. އޭނާ އަތުގައި އޮތް ލޯބި ލޯބި ދަރިފުޅަށް ބަލައިލިއެވެ. އެހިނދު އޭނާގެ ހިތް ހީވީ ފުރިގެން ދިޔަހެންނެވެ. ލޯތްބާއި ކުލުނުގެ އިޙްސާސްތައް އޭގެ އެންމެ ބާރުމިނުގައި އުތުރިއަރައި ބަންޑުން ވިއެވެ. އެ ދަރިފުޅު އޮތީ ލޯބިކޮށް ނިދައިލައިފިއެވެ. ނިތުގައި ބޮސް ދިނުމާއެކު ލޯބިކޮށްލެވުނެވެ.

"ތެންކިއު ބޭބީ..." ޒަހްރާން އައިރާއަށް ބަލައިލިއެވެ. އޭނާ އައިރާގެ އަތުގައި އޮތް ދަރިފުޅުގެ ނިތުގައި ވެސް ބޮސް ދިނެވެ.

ލިބުނީ އަންހެން ކުއްޖަކާއި ފިރިހެންކުއްޖެއްކަން އެނގުމުން، ޢާއިލާއަށް ވެސް ލިބުނު ހައިރާންކަމާ އެއްވަރަށް އުފާ ވިއެވެ.

އައިރާ ޕްރައިވެޓް ރޫމަކަށް ބަދަލުކުރެވުނެވެ. އެންމެން އެއްތަންވުމުން، އުފާވެރިކަން ދެގުނަވިއެވެ. ނިދައިލައިފައިވާ ދެ ކުދިންނަށް ބަލައިލާ ކޮންމެ މީހެއްގެ ހިތްވެސް ފުރިގެންދަނީ ލޯބިންނެވެ.

"އައިރާއާ ދެކުދިންވެސް ވައްތަރީ..." ބަސްމާ ބުންޏެވެ.

"އަސްލު ވެސް، ހީވަނީ ހަމަ ކުޑަކުޑަ އައިރާއެއްހެން." އެ ވާހަކައިގައި ލަޔާލީ ވެސް ބައިވެރިވިއެވެ.

"ދެން ތިބުނީ އަޅުގަނޑަކާ ވައްތަރެއް ނޫނޭތަ؟" ޒަހްރާން ބުނެލިއެވެ. އައިރާއަށް ހެވުނެވެ.

"އެހާ އަވަހަށް ވައްތަރުކިޔަން އެނގޭތަ؟" އީލާފް ފަހަރަކު ކުއްޖަކަށް ފަރުވާތެރިކަމާ އެކު ބަލައިލިއެވެ.

"ބޯއި ބޭބީގެ ބުމަ ވައްތަރީ ގައިމު ކުޑަބެއާ..." އީލާފްގެ ވާހަކައިން އެންމެންގެ ގާތަށް ހިނި އައެވެ.

"ކޮބާ ހީވޭ ކަމެއްހެން." ޒަހްރާން ބުނެލިއެވެ. އެކިއެކި ސަމާސާ ތަކާއި ހިތްގައިމު ވަގުތުކޮޅަކަށް ފަހު، ޒަހްރާން އައިރާއާ ދިމާލަށް އެނބުރުނެވެ.

"އެނދު ކުޑަކޮށް އުސްކޮށްލަ ދީބަލަ." އައިރާ އެދުނެވެ. ޒަހްރާން އެގޮތަށް ކަންތައް ކުރިއެވެ.

*****

ހޮސްޕިޓަލުގައި ހޭދަކުރެވުނު، ދެ ދުވަސް ދިޔައީ ވަރަށް އަމާންއޮމާންކޮށެވެ. އައިރާގެ އިތުރުން ދެ ކުދިންނަށް ވެސް އިތުރު މައްސަލައެއް ދިމައެއްނުވިއެވެ. އެހެންކަމުން، އޭނާ ގެއަށް ދޫކޮށްލެވުނެވެ. ޒަހްރާންއާއި އައިރާއާ ދެމީހުން ގެއަށް އައި އިރު، އެމީހުންނާ އެކު ދެން އައީ ބަސްމާއާ މުރާދެވެ. އެއީ ރޭގަނޑެކެވެ.

ޕޯކިޓޯގައި ކާރު މަޑުކޮށްލުމާ އެކު އެންމެން ފޭބިއެވެ. ބަސްމާ، އެއްކުއްޖަކު އުރައިލައިގެން ހުރިއިރު އަނެއް ކުއްޖާ އުރައިލައިގެން ހުރީ ޒަހްރާނެވެ. ތުއްތު ދަރިފުޅު އަތުތެރޭގައި ގެންގުޅެން ޒަހްރާން ބިރުގަނެއެވެ. ކިރިޔާ ވެސް ބާރަށް ހިފަހައްޓައިލެވިދާނެތީ ޖެހިލުންވެއެވެ. އެހެން ނަމަވެސް، އެކަމަށް ވެސް އޭނާ އާދަވާން އެބަ ޖެހޭތާ އޭ ހިތަށް އެރިއެވެ.

ހަތަރު މީހުން ގޮސް ގެއަށް ވަނުމާ އެކު، ލިބުނީ ހައިރާންކަމެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު