މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އަނެއްކާ ވެސް މާލޭގައި ފެންބޮޑުވުމުން ފެން ހިއްކުމުގެ މަސައްކަތް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްއިން ފަށައިފިއެވެ.
ބޯކޮށް ވާރޭ ވެހުމާއެކު ވެރިކަންކުރާ މާލޭގައި ފެންބޮޑުވާ މައްސަލައަކީ ވަރަށް އާންމު މައްސަލައެކެވެ.
އެމްއެންޑީއެފްއިން މިރޭ ވެސް ވަނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވަމުންދާ ކަަމަށް ބުނެފައެވެ.
https://x.com/MNDF_Official/status/2084623339033919799
މާދަމާގެ ހެނދުނު 6:00 އަށް މެޓް އޮފީހުން މޫސުން ލަފާކޮށް ބުނެފައިވަނީ، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި ގުގުރުންވެސް އެކަށީގެންވާ ކަމަށެެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ބުނެފައެވެ.
ވައިޖެހޭ ބާރުމިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކުގައި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް އެ އިދާރާއިން ވަނީ އަންދާޒާކޮށްފައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދު ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ރާޅުގެ އުސްމިނަށް ބަލާއިރު، ދެކުނުގެ އަތޮޅުތަކުގައި ދެ ފޫޓާއި ހަތަރު ފޫޓަށް އަދި އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަ ފޫޓަށް އަރާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް މިހާރު އަންނަނީ ކުރަމުންނެވެ. ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މޫސުން ވަރަށް ބޮޑަށް ގޯސްވި، ބައެއް ރަށްތަކަށް އުދަ އަރައި، ގެއްލުންތައް ލިބިފައިވެއެވެ.