ހުޅުމާލޭ ފަޅުތެރެ ސާފުކުރުމަކީ ކުންފުނީގެ ޒިންމާއެއް ނޫން: ވެމްކޯ

ހުޅުމާލޭ ފަޅު ތެރެ --- ސަން ފައިލް ފޮޓޯ

ހުޅުމާލޭ ފަޅުތެރެއަށް ކުނިއެޅޭ މައްސަލައިގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއަށް ސުވާލުތަކެއް އަމާޒުވެފައިވަނިކޮށް ހުޅުމާލޭ ފަޅުތެރެ ސާފުކުރުމަކީ އެ ކުންފުނީގެ ޒިންމާއެއް ނޫންކަަމަށް ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭން ކުނި އުކާލުމުގެ މަސައްކަތް ކުރާއިރު، ފަޅުތެރެއަށް ކުނި އެޅޭތީ އެ މައްސަލައިގެ ތަފުސީލުތައް ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)ވަނީ ވެމްކޯއަށް ސުވާލުތަކެއް ހުށަހަޅުއްވައިފައެވެ.

މުޖުތަބާއަށް ކުޑޫ ފޮނުއްވި ސިޓީގައި ވަނީ ހުޅުމާލޭގައި ކުނި އުކާލުމުގެ މަސައްކަތް ކުރާއިރު ބައެއް ކުނި ފަޅުތެރެއަށް އެޅިގެން ތިމާވެށި ތަޣައްޔަރުވަމުންދާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށާއި އެ ކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަކީ ވެމްކޯގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ވިދާޅުވެފައެވެ.

އަދި އެ މައްސަލައިގެ އިތުރު ތަފްސީލު ހޯދުމަށް ވެސް ކުޑޫ ވަނީ އެދިފައެވެ.

https://sun.mv/225510

އެއަށް ރައްދުދެއްވަމުން މުޖުތަބާ ކުރައްވައިފައިވާ ޕޯސްޓެއްގައި ވަނީ، ހުޅުމާލޭ ފަޅުތެރެއާ ވެމްކޯއާ މާ ބޮޑު ގުޅުމެއް ނެތްކަން ފަޅުތެރޭގައި ސަފާރީ ބޯޓު އަޅައިގެން ތިބޭ މީހުންނަށް އެނގޭނެ ކަމަށެވެ. އުކާލާ ޕްލާސްޓިކް ފުޅިއަކީ އެކަމަށް ޚާއްސަ ދެ ޖަމިއްޔާއަކުން ވަރަށް ޒިންމާދާރު ކަމާއެކު ހުޅުމާލެއިން ނަގާ އެއްޗެހިކަން އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

މައިގަނޑު ގޮތެއްގައި ކުނި އުކާލާފައި ހުންނައިރު ޕްލާސްޓިކް ފުޅިއަކީ އެކަމަށް ހާއްސަ ދެ ޖަމިއްޔާއަކުން (ޕާލޭ އާއި އެމްއޯޕީއޭ) އިން ވަރަށް ޒިންމާދާރުކަމާއެކު ހުޅުމާލެއިން ކަލެކްޓްކޮށް ނެޓް ބޭގް އަދި ޖަމްބޯގައި ކަލެކްޓް ކުރާ އެއްޗެއް. ޕްލާސްޓިކް ފުޅި ނަގަނީ ފިއްތާފައި. ނަމަވެސް ހުޅުމާލޭ ފަޅުތެރޭގައި ހުންނަ ފުޅި ހުންނަނީ ނުފިއްތައި. ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު

މުޖުތަބާވަނީ އެއްވެސް ސަފާރީ ބޯޓަކުން ޑައިރެކްޓްކޮށް ވެމްކޯގެ ސައިޓަށް ކުނި ނުގެންދާ ކަމަށާއި އެހެންކަމުން އެ ކުނިތައް ދަނީ ކޮން ތަނަކަށްތޯ ބަލަން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.

ހުޅުމާލޭގެ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަކީ ވެމްކޯގެ ޒިންމާއެއް ނޫން ކަމަށާއި ނަމަވެސް ހަފްތާއަކު ތިން ދުވަހު ފަޅުތެރެއިން ކުނިނަގައި ސާފުކުރުމަށް ވަކި ޑިންގީއެއް ބާއްވައިގެން ރައްޔިތުންނަށް ޓަކައި އެކަން އެ ކުންފުނިން ކުރަމުންގެންދާކަން ވަނީ ފާހަގަކުރައްވައިފައެވެ.

މި ކަންކަމުގައި އެޗްޑީސީއިން ވެމްކޯއަށް ފުރިހަމައަށް އެއްބާރުލުން ދޭކަމަށާއި އެޗްޑީސީއާއި ވެމްކޯ ގުޅީގެން މިހާރު ވެސް ފަޅުތެރެ ސާފުކުރުމުގެ މަސައްކަތެއް ކުރަމުން އަންނަކަން މުޖުތަބާ ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިކަމުގައި ފަޅުތެރެ ބޭނުންކުރާ މީހުންގެ ޒިންމާ ބޮޑު ކަމަށާއި ސުވާލުއުފައްދާ ފަރާތްތަކުން މިއީ ވިސްނާލުން މުހިންމު ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެެ ފަޅަށް ކުނި އެޅޭތީ ކުޑޫ ވެމްކޯއަށް ސުވާލުތަކެއް ހުށަހެޅުއްވިއިރު، މާލެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް ކުނި ބަހައްޓާ މައްސަލަ ވެސް ވަރަށް ބޮޑެވެ. ޚާއްސަކޮށް، ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް މިދިޔަ މަހު 19 ވަނަ ދުވަހު ހިނގައި، ޚިދުމަތްތަކަށް ބުރޫއެރުމުން އެ މައްސަލަ ބޮޑުވިއެވެ.

comment ކޮމެންޓް