ވަޒީފާ އަދާކުރާ އަންހެނުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައާއި އާންމު ތަންތަނުގައި ފުރައްސާރަކުރުމާއި އަބުރަށް އަރައިގަތް މައްސަލަތަކެއް ތަހުގީގުކޮށްދިނުމަށް އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ފުލުހަށް މިއަދު ހުށަހަޅައިފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދަށް އެޑްރެސްކުރައްވައި ކުޑޫ މިއަދު ފޮނުއްވި ސިޓީގައި ވަނީ ވޭތުވެދިޔަ 48 ގަޑިއިރު ތެރޭގައި ސޯޝަލް މީޑީއާގައާއި އާންމު ތަންތަނުގައި ވަޒީފާ އަދާކުރާ އަންހެނުންނަށް އަމާޒުކޮށް ފުރައްސާރަކުރުމާއި އަބުރަށް އަރައިގަތުމުގެ ހިތާމަވެރި ދެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.
ފުރަތަމަ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އަންހެން މުވައްޒަފަކު އޭނާގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް، މަގުމަތިން ދިމާވި ފިރިހެނަކު އެ މުވައްޒަފާ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުރައްސާރަކުރިކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި ދެވަނަ ހާދިސާއަކީ ކަސްޓަމްސްގެ އަންހެން މުވައްޒަފެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ބޭނުންކޮށް، އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތުތަކެއް އަޅުވައި، އޭނާގެ ކަރާމާތާއި އަބުރަށް އުނިކަން ލިބޭ ފަދަ މައުލޫމާތު ފެތުރި މައްސަލައެއް ކަމަށް ކުޑޫގެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި ކުޑޫ ވިދާޅުވީ އެފަދަ އަމަލުތަކަކީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގައި ބަޔާންކުރާ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލުކުރުމުގެ ކުށުން ކުށްވެރިވާ ފަދަ އަމަލުތައް ކަމަށެވެ.
ހަމައެއާއެކު އެފަދަ އަމަލުތަކުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ފަތުރަމުންދާއިރު، އެއްވެސް ފިޔަވަޅެއް ނާޅައި ތިބުމަކީ ފުލުހުންގެ ޒިންމާއާ ޚިލާފުވުން ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް އެ ސިޓީގައި ކުޑޫ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މީހަކު ކުށެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ ނުވަތަ ކުށެއް ހިނގައިގެން އުޅޭކަން އެނގޭ ހާލަތުގައި އެއްވެސް ފަރާތަކުން މައްސަލަ ހުށަނޭޅި ނަމަވެސް ފުލުހުންގެ އަމިއްލަ އިސްނެގުމަށް ވެސް އެފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ގާނޫނުގެ ދަށުން އޮތްކަން ކުޑޫ ފާހަގަކުރެއްވިއެވެ.
މިފަދަ އަމަލުތައް ތަހުގީގުނުކޮށް ދޫކޮށްލުމަކީ މުޖުތަމައުގެ އަމަން އަމާންކަން ގެއްލި ގާނޫނުގެ ސިޔާދަތު ބަލިކަށިވެގެންދާ ކަމެއް. މިފަދަ ނޭދެވޭ އަމަލުތައް ތަކުރާރުވުމަކީ އަންހެނުން ވަޒީފާގެ މާހައުލަށް ނުކުމެ، ބިރުވެރިކަމެއް ނެތި މަސައްކަތް ކުރުމަށް ވެސް އެޅޭ ވަރަށް ބޮޑު ހުރަހެއް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް
ކުޑޫ ވަނީ އެ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ފުލުހުންގެ އިދާރާއަށް ގޮވާލައިފައެެ. އަދި އާންމު ރައްޔިތުންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ފުލުހުންގެ އަސާސީ ވާޖިބެއް ކަމުން، އެ މައްސަލަތައް އަވަސް އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި ބައްލައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.