ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް، އަޙްމަދު މަމްދޫހް މިއަދު ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަގާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސް އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި ކަމަށެވެ.
އޭނާއަށް ހުވާލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ފާތިމަތު މަހީރާ މުހައްމަދެވެ. އޭނާ އެ މަގާމަށް އައްޔަންކުރެއްވީ މި ސަރުކާރުގައި އޭޕްރިލް 2024ގައެވެ. އެ މަގާމު ހުސްވި ސަބަބެއް ކަށަވަރުވެފައިނުވެއެވެ.
މަމްދޫހް ވަނީ ސްރީލަންކާގެ ޔުނިވާސިޓީ އޮފް ކެލަނިޔާއިން ބެޗްލާސް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ.
އޭނާ މީގެ ކުރިން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ނައިބުކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާކުރައްވާފައެވެ. އޭނާ އިކޮނޮމިކް މިނިސްޓްރީގެ ނައިބު ކަމަށް އައްޔަންކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި، އޭޕްރިލް 17، 2018ގައެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މަމްދޫހް އެންމެ ފަހުން ހުންނެވީ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކުގެ ކޮންސަލްޓަންޓެއްގެ ގޮތުގައެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ، ވަޒީފާއާ ގުޅޭ މައްސަލަތައް ބަލައި އިންސާފު ހޯދައިދޭ އިދާރާއެކެވެ.
އެ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަގާމަށް، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން ވަރަށް ފަހުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާ، މިދިޔަ މަހުގެ 21ގައި ވަނީ އައްޔަންކުރައްވައިފައެވެ. އެއީ ޓްރައިބިއުނަލްގެ ރައީސްކަމުގައި ހުންނެވި އިސްޙާގު ހުސައިން، މެއި މަހު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ.