ސެކްޓަރ ލީގުގެ ގަދަ 16 ބުރަށް ލިއޯ، ސިލްވަރ ސޭންޑްސް، އާރްސީސީ އަދި މީޑިއާނެޓް

ކުލަބު މޯލްޑިވްސް ސެކްޓާ ލީގު 2026 ގައި ލިއޯ މޮޅުވި މެޗުގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

ކްލަބް މޯލްޑިވްސް ސެކްޓަރ ލީގު 2026 ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ ލިއޯ އެފްސީ، ސިލްވަރ ސޭންޑްސް، ކުލަބު އާރްސީސީ އަދި މީޑިއާނެޓުން ގަދަ 16 ގެ ޖާގަތައް ކަށަވަރުކޮށްފިއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ސެކްޓަރ ލީގުގައި 20 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ފަސް ގްރޫޕަކަށް ބަހާލާފައިވާއިރު، ކޮންމެ ގްރޫޕެއްގައި ހަތަރު ޓީމު ހިމެނެއެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރީގައި ނިންމާ ތިން ޓީމު ގަދަ 16 އަށް ދަތުރުކުރާއިރު، ފަހު ޖާގަ ލިބޭނީ ފުލަށްދާ ފަސް ޓީމުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމަކަށެވެ.

މި މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ސީގެ މެޗުން ލިއޯ މޮޅުވީ ކުލަބު އެޕޯލޯ އަތުން 4-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ގްރޫޕް ސީގެ އެއްވަނައިގައި އޮތް ލިއޯއިން ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ.

ދެވަނައިގައި އޮތް ބަރޮސް މޯލްޑިވްސް އާއި، ތިންވަނައިގައި އޮތް ކުލަބު އެސްބީއައިއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް އެޕޯލޯއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކުލަބު މޯލްޑިވްސް ސެކްޓާ ލީގު 2026 ގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މި މުބާރާތުގައި ރޭ ކުޅުނު ގްރޫޕް ޑީގެ މެޗުން ސިލްވަރ ސޭންޑްސް ވަނީ 8-3 ގެ ނަތީޖާއަކުން އާރްއޯއެލް ބަލިކޮށްފައެވެ. މި މޮޅާއެކު ގްރޫޕް ޑީގެ އެއްވަނައިގައި އޮތް ސިލްވަރ ސޭންޑްސްއިން ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކުއެވެ.

ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން އެރީނާ ހޮޓެލްސް އާއި، ތިންވަނައިގައި އޮތް އާރްއޯއެލްއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޔޫރޯ ރެކްރިއޭޝަން ކުލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި މުބާރާތުގެ ގްރޫޕް އީގެ ދެ މެޗު ރޭ ކުޅުނުއިރު، ފުރަތަމަ މެޗުން އާރްސީސީ މޮޅުވީ މެޑްޓެކް އަތުން 2-1 ގެ ނަތީޖާއަކުންނެވެ. އަދި މީޑިއާނެޓުން ވަނީ 2-1 ގެ ނަތީޖާއަކުން ޓީމު ވިލާ ބަލިކޮށްފައެވެ. މި ނަތީޖާތަކާއެކު ގްރޫޕް އީން ގަދަ 16 ގެ ޖާގަތައް އާރްސީސީ އާއި މީޑިއާނެޓުން ވަނީ ކަށަވަރުކޮށްފައެވެ.

ގްރޫޕް އީގެ އެއްވަނައިގައި އޮތް އާރްސީސީ އާއި، ދެވަނައިގައި އޮތް މީޑިއާނެޓް ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ. ތިންވަނައިގައި އޮތް މެޑްޓެކާއި، ފުލުގައި އޮތް ވިލާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކުލަބު މޯލްޑިވްސް ސެކްޓާ ލީގު 2026 ގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން-- ފޮޓޯ: ފޮޓޯ މާސްޓާ

މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ އަންގާރަ ދުވަހުގެރެއެވެ. އެރޭގެ 20:10 ގަ ވަގުތުގައި ކުޅޭނީ މިބްސާ އާއި ބިއޮންޑް އާރްސީ ބައްދަލުކުރާ މެޗުގެ އިތުރުން، އެމްއޭޑަބްލިއުސީ އާއި ކުލަބު ވެލިގާ ބައްދަލުކުރާ މެޗެވެ.

އޭގެފަހުން 21:25 ގައި ބައްދަލުކުރާނީ ކުލަބު ހޯކްސް އާއި މާކޯ އާރްސީގެ އިތުރުން، ކުލަބު ލޯކަލްޗަރ އާއި ހެޕީ މާކެޓެވެ.

އެރޭގެ ފަހު މެޗުތައް ތާވަލުކުރެވިފައިވަނީ 22:45 ގައެވެ. މި ވަގުތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެސްބީއައި އާއި ކުލަބު އެޕޯލޯ ބައްދަލުކުރާ މެޗާއި، ލިއޯ އެފްސީ އާއި ބަރޮސް މޯލްޑިވްސް ބައްދަލުކުރާ މެޗެވެ.

މި ހުރިހާ މެޗެއް ސަން ޕްލޭއިން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު