ގިނަ އަދަދެއްގެ މީހުން ގޮވައިގެން ދަތުރުކުރަމުންދިޔަ އިންޑޮނޭޝިއާގެ ފެރީއެއްގައި އަލިފާން ރޯވެ ފަސް މީހުން މަރުވެއްޖެއެވެ.
އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީން ހާމަކޮށްފައިވާ ގޮތުގައި އަލިފާން ރޯވެފައިވަނީ "ކީއެމްޕީ މުޓިއާރާ ސެންޓޯސާ 2" ނަމަކަށް ކިޔާ މީހުން އުފުލާ ފެރީއެއްގައެވެ. އެ ފެރީގައި ރޯވެފައިވަނީ ސުރަބަޔާގައި އޮންނަ ޓަންޖުން ޕެރަކް ބަނދަރުން ފުރައިގެން ސުވަލޭސީ ރަށުގެ މަކައްސާރަށް ދަތުރު ކުރަމުން ދަނިކޮށް, ހެނދުނު 6:00އާއި 7:00އާ ދެމެދުގެ ވަގުތެއްގައި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
އެ އޭޖެންސީން ބުނީ ފެރީ ދަތުރުކުރަމުން ދިޔައީ 271 މީހުންނާއެކު ކަމަށާއި އޭގެ ތެރޭގައި 232 ފަސިންޖަރުންނާއި 39 ކުރޫ މެންބަރުން ހިމެނުނު ކަމަށެވެ. އޭގެ ތެރެއިން ފަސް މީހަކު މަރުވެ، 41 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.
އިންޑޮނޭޝިއާގެ ނޫހެއް ކަމަށްވާ، އައިނިއުސް އިން ދެއްކި ވީޑިއޯތަކުން، ފެރީގައި ރޯވި ވަގުތު، ގިނަ އަދަދެއްގެ މީހުން ފެރީން ފައިބަން މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އަދި ބައެއް މީހުން ލައިފް ޖެކެޓް އަޅައިގެން ލައިފް ބޯޓެއްގައި ތިބި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެެނެގަތުމަށް މިހާރު ވަނީ ތަހުގީގެއް ފަށައިފައެވެ.