އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ދޮގު އަދި ފެންވަރު ދަށް ވީޑިއޯތަކާއި ލިޔުންތައް ނުވަތަ "އޭއައި ސުލޮޕް" ދައުރުވުން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި ސްނެޕްޗެޓުންވެސް ބައިވެރިވެއްޖެއެވެ.
ސްނެޕްޗެޓްގެ މައި ކުންފުނި ސްނެޕުން ހާމަކުރި ގޮތުގައި، އެ ކުންފުނީގެ މަގުބޫލު "ސްޕޮޓްލައިޓް" ފީޑުގައި މުޅިން އޭއައި ބޭނުންކޮށްގެން ހަދާފައިވާ ވީޑިއޯތައް ރެކޮމެންޑްކުރުން ހުއްޓާލައި، އިންސާނުން އަމިއްލައަށް އުފައްދާ އަސްލު އުފެއްދުންތަކަށް އިސްކަންދޭން ވަނީ ނިންމާފައެވެ.
މި ނިންމުމާއެކު ސްނެޕްޗެޓް ވެގެން ގޮސްފައިވަނީ ޔޫޓިއުބާއި، ލިންކްޑްއިން އަދި ސަބްސްޓެކް ފަދަ ޕްލެޓްފޯމްތަކުން އޭއައި ސުލޮޕާ ދެކޮޅަށް ފަށާފައިވާ ހަރަކާތާ ގުޅުނު އެންމެ ފަހުގެ ކުންފުންޏަށެވެ.
ސްނެޕުން މުޅިން އޭއައި މަނާނުކުރި ކަމުގައި ވިޔަސް، އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ވީޑިއޯތައް އަދިވެސް ފީޑުން ފެންނާނެއެވެ. ނަމަވެސް މުޅިން އޭއައިއިން އުފައްދާ ކޮންޓެންޓަކީ އާންމުކޮށް ތަކުރާރުވާ، ފެންވަރު ދަށް އަދި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުން ބަލަން ބޭނުންނުވާ ތަކެތިކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ސްނެޕްޗެޓަކީ ދިވެހި ޒުވާނުންގެ މެދުގައިވެސް އެންމެ މަގުބޫލު އެއް ޕްލެޓްފޯމް ----
މީގެ އިތުރުން ލިންކްޑްއިން އިން ވަނީ އޭއައި މެދުވެރިކޮށް ކުރާ ކޮމެންޓްތައް ހުއްޓުވުމުގެ ގޮތުން، އޭއައި އުފެއްދުންތައް ރިޕޯޓް ކުރެވޭނެ ފީޗާއެއް ތައާރަފުކޮށްފައެވެ. އަދި ޔޫޓިއުބުން ވަނީ އޭއައި ބޭނުންކޮށްގެން އުފައްދާ ފެންވަރު ދަށް އަދި ތަކުރާރުވާ ވީޑިއޯތަކުން ފައިސާ ނުހޯދޭނެ ގޮތަށް އުސޫލުތައް ބަދަލުކޮށްފައެވެ.
ސަބްސްޓެކްގެ ސީއީއޯ ފާހަގަކުރެއްވި ގޮތުގައި ސޯޝަލް މީޑިއާގައި ހުންނަ ލިޔުންތަކުގެ 40 އިންސައްތައަކީ އޭއައި އުފެއްދުންތަކަށް ވުމަކީ އިންޓަނެޓުގައި ތެދު މައުލޫމާތު ވަކިކުރަން ދަތިވާ ކަމެކެވެ.
އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގައި ސައްހަނޫން އަދި ފެންވަރު ދަށް ކޮންޓެންޓް އުފެއްދުން އިތުރުވުމާ ގުޅިގެން، އެފަދަ ތަކެތި ދެނެގަނެ ފީޑުތަކުން މަދުކުރުމަށް ޓެކްނޮލޮޖީ ކުންފުނިތަކުން ދަނީ އައު އެލްގޮރިޒަމްތަކާއި އެލްގޮރިދިމިކް މޮޑެލްތައް ބޭނުންކުރަން ފަށާފައެވެ. ނަމަވެސް، އޭއައި ޓޫލްތައް ކުރިއަރައި، އަސްލާ ތަފާތުކުރަން ދަތި ވީޑިއޯއާއި ލިޔުންތައް އުފެއްދުމުގެ ގާބިލުކަން އިތުރުވަމުންދާތީ، މިފަދަ ކޮންޓެންޓް މުޅިން ހުއްޓުވުމަކީ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ތަޖުރިބާކާރުން ފާހަގަކުރެއެވެ.
މީގެ އިތުރުން، އާންމު ފަރާތްތަކުން ސޯޝަލް މީޑިއާއިން ފެންނަ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްޓަކައި "މީޑިއާ ލިޓަރަސީ" ނުވަތަ މައުލޫމާތު ވަކިކުރަން ދަސްކުރުމުގެ މުހިންމުކަންވެސް ދާއިރާގެ އޮފިޝަލުން އަންނަނީ ފާހަގަކުރައްވަމުންނެވެ.