އަންހެނެއްގެ ޖަންގިޔަލުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗާ، އެހެން މީހަކު ހަވާލުވުމުން ދައުލަތުން މައްސަލަ ދޫކޮށްލައިފިއެވެ.
މިއީ، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ލ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަންހެނަކާއި ފިރިހެނަކު ހައްޔަރު ކުރި މައްސަލައެކެވެ.
ދެހާސް ސައުވީސް ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު ފުލުހުން އެ އަންހެން މީހާ ހައްޔަރުކޮށް، ބަލައި ފާސްކުރިއިރު، އެ އަންހެން މީހާ ލައިގެން ހުރި ޖަންގިޔަލުގެ ތެރެއިން 9.2 ގްރާމްގެ ޑައިމޯފިން ފެނުނެވެ.
އެ ޑައިމޯފިން ހުރީ، އަންހެން މީހާގެ ޖަންގިޔަލުގައި ހަރުކޮށްފައި ހުރި ޕެޑެއްގެ މަތީގައި ޓޭޕް އަޅާފައި ކަމަށް މި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި ހއ. ހޯރަފުށްޓަށް ނިސްބަތްވާ އެ އަންހެން މީހާއާއި ލ. މާވަށު ފިރިހެނެއްގެ މައްޗަށް ދައުލަތުން ދައުވާ އުފުލިއެވެ.
އަންހެން މީހާގެ މައްޗަށް، އުމުރު ދުވަހުގެ ޖަލު ހުކުމަކާއެކު މަދުވެގެން އެއް ލައްކަ ރުފިޔާގެ ޖޫރިމަނާއެއް އަންނަ، ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލިއިރު، ފިރިހެން މީހާގެ މައްޗަށް ހަމަ އެ ދައުވާގެ އިތުރުން ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެއް އުފުލިއެވެ.
މި މައްސަލަތައް، ލ. އަތޮޅު ފޮނަދޫ މެޖިސްޓްރޭޓް ކޯޓަށް ދައުލަތުން ހުށަހެޅީ މިދިޔަ އަހަރުގެ ކުރީކޮޅުއެވެ.
މި މައްސަލަތަކުގެ ޝަރިއަތުގައި، ހައްޔަރު ކުރި ފިރިހެން މީހާ ވަނީ، އަންހެން މީހާގެ ޖަންގިޔަލުގެ ތެރެއިން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ އެއާ ހަވާލުވެފައެވެ. އެގޮތަށް އޭނާ ބުނުމުން، ދައުލަތުން ވަނީ އަންހެން މީހާގެ މައްޗަށް އުފުލި ދައުވާ އިތުރަށް ކުރިއަށް ނުގެންދަން ނިންމައި އެކަން ކޯޓަށް އަންގައިފައެވެ. އަދި ދައުލަތުން އެދުނު އެދުމާ އެއްގޮތަށް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލާފައެވެ.
މި މައްސަލައިގައި ހިމެނޭ ފިރިހެން މީހާގެ މައްޗަށް ދެ ދައުވާ ވެސް ސާބިތުވިއެވެ. ދެ ދައުވާ ވެސް ސާބިތުވީ ފިރިހެން މީހާގެ އިއުތިރާފުންނެވެ. އަދި ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހެދުމުން އޭނާގެ މައްޗަށް އިއްވާފައިވަނީ ލުއި އަދަބެކެވެ.
ކެނެބިސް ބޭނުން ކުރުމުގެ ދައުވާއާ ގުޅިގެން ފިރިހެން މީހާގެ މައްޗަށް އިއްވީ، އެއް އަހަރާއި ފަސް މަހާއި ހަތަރު ދުވަހުގެ ޖަލު ހުކުމެކެވެ. ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ އިއްވީ، 12 އަހަރާއި ހަ މަސް ދުވަހުގެ ހުކުމަކާއެކު ބައި ލައްކަ ރުފިޔާގެ ޖޫރިމަނާއެކެވެ. އެ ފައިސާ ދައްކަން ޖެހެނީ ހަ މަހުންނެވެ.