ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށް ކާންވީ ކޮންއެއްޗެއް؟

ކުޑައިރުއްސުރެ އަޅުގަނޑުމެންނަށް އެންމެ ގިނައިން އިވޭ އެއް ސިއްހީ ލަފަޔަކީ، ކަށިތައް ވަރުގަދަކުރުމަށް ކިރު ބުއިމުގެ މުހިންމު ކަމުގެ ވާހަކައެވެ. ސްކޫލު ދުވަސްވަރުން ފެށިގެން ކެލްސިއަމް ހޯދުމަށް ކިރު ބުއިމަށް ބާރުއަޅާއިރު، އުމުރުން ދުވަސްވުމުން ކަށިތައް ފީވުމުގެ މައްސަލައަކީ އަޅުގަނޑުމެންގެ މުޖުތަމައުގައި އެހާ އާންމުކޮށް ދެކެވޭ ވާހަކައެއް ނޫނެވެ.

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ސައުތުހެމްޕްޓަންގެ ޕްރޮފެސާ ކޭޓް ވޯޑް ފާހަގަކުރި ގޮތުގައި، އުމުރުން ދުވަސްވާއިރު ކަށިތަކުގެ ބާރުގަދަކަން ބިނާވެފައި އޮންނަނީ ކުޑައިރުއްސުރެ އަދި ޒުވާން އުމުރުގައި ކަށިތަކަށް ލިބިދޭ ނިއުޓްރިއެންޓްސްގެ މައްޗަށެވެ. އެހެންކަމުން، ޒުވާން އުމުރުގައި ކަށިތަކަށް ފަރުވާތެރި ނުވެއްޖެނަމަ، ފަހުން ކަށިތައް ބިނދުމުގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާގެ މިންގަނޑުތަކަށް ބިނާކޮށް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 500 މިލިއަނަށް ވުރެ ގިނަ މީހުންނަށް އޮސްޓިއޯޕޮރޯސިސް ނުވަތަ ކަށި ފީވުމުގެ ބަލި ތަހައްމަލުކުރަމުންދެއެވެ. މިއީ ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 19.7 އިންސައްތަ މީހުންނެވެ.

މީގެ އިތުރުން އޮސްޓިއޯޕީނިއާ (ކަށީގެ ޑެންސިޓީ ދަށްވުން) ވެސް ގިނަ ބަޔަކަށް ދިމާވެފައިވެއެވެ. އިނގިރޭސިވިލާތުގެ ރޯޔަލް އޮސްޓިއޯޕޮރޯސިސް ސޮސައިޓީގެ ޖޫލީ ތޮމްސަން ބުނި ގޮތުގައި، މިއީ ގިނަ ފަހަރަށް އެއްވެސް އަލާމާތެއް ނުފެނި ހުރެ، ކަށިގަނޑެއް ބިނދުމުން ނޫނީ ނޭނގޭ ބައްޔެކެވެ.

ހަށިގަނޑުގައި އާ ކަށި އުފެދޭ މިންވަރަށްވުރެ އަވަހަށް ބާ ކަށިތައް ގިރިގެން ދިއުމުގެ ސަބަބުން ކަށިތައް ތުނިވެ، ފަސޭހައިން ބިނދޭ ގޮތް މެދުވެރިވަނީއެވެ. ޚާއްސަކޮށް 55 އަހަރުން މަތީގެ މީހުންގެ އުނަގަނޑުގެ ކަށިގަނޑު ބިނދުމުގެ 10 މިލިއަނަށް ވުރެ ގިނަ ހާދިސާ ކޮންމެ އަހަރަކު ދުނިޔޭގައި ހިނގައެވެ. މީގެ ނަތީޖާ ވަރަށް ހިތާމަވެރިއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 60 އަހަރުން މަތީގެ މީހުންގެ ތެރެއިން އުނަގަނޑުގެ ކަށިގަނޑު ބިނދޭ މީހުންގެ 30 އިންސައްތަ މީހުން، އެ ހާދިސާއަށްފަހު އެއް އަހަރުގެ ތެރޭގައި މަރުވެއެވެ.

މިއީ ހަމައެކަނި އަންހެނުންނަށް ދިމާވާ މައްސަލައެއް ނޫން ކަމަށާއި، ފިރިހެނުންގެ އުމުރު ދިގުވަމުން އަންނަ ވަރަކަށް އެ މީހުންނަށް ވެސް މި ނުރައްކާ ބޮޑުވަމުން އަންނަ ކަމަށް ޓަފްޓްސް ޔުނިވާސިޓީގެ ޕްރޮފެސަރ ބެސް ޑޯސަން-ހިއުސް ފާހަގަކުރިއެވެ.

ކަށިތައް ވަރުގަދަކޮށް ބެހެއްޓުމަށްޓަކައި ކެލްސިއަމް، ވިޓަމިން ޑީ އަދި ޕްރޮޓީން އަކީ އެންމެ މުހިންމު މާއްދާތަކެވެ. މީގެ އިތުރުން ވިޓަމިން ކޭ، މެގްނީޒިއަމް، ޒިންކް އަދި ފޮސްފަރަސް އަކީ ވެސް ކަށިތަކާއި މަސްތަކުގެ ސިއްހަތަށް ބޭނުންތެރި މާއްދާތަކެކެވެ. ކިރުގެ ބާވަތްތަކަކީ ކެލްސިއަމް އިން މުއްސަނދިވެފައިވާ ބާވަތްތަކެއްކަން ގިނަ ބަޔަކަށް އެނގެއެވެ. ދުވިސައްތަ މިލިލީޓަރުގެ ކިރު ތަށްޓަކުން ގާތްގަނޑަކަށް 260 މިލިގްރާމްގެ ކެލްސިއަމް ލިބެއެވެ. ދާދި ފަހުން 7،195 މީހުން ބައިވެރިކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ކިރާއި ޕްރޮޓީން ގިނައިން ބޭނުންކުރި މީހުން ވެއްޓުމުގެ ނުރައްކާ 11 އިންސައްތަ ކުޑަވެފައިވާއިރު، އުނަގަނޑުގެ ކަށިގަނޑު ބިނދުމުގެ ނުރައްކާ 46 އިންސައްތަ ވަނީ ކުޑަވެފައެވެ.

ކެލްސިއަމް ބޭނުންކުރަންވީ މިންވަރަށް ބަލާއިރު، އެކި ގައުމުތަކުގެ ލަފާ ތަފާތެވެ. އިނގިރޭސިވިލާތުގައި އާންމު ބޮޑެތި މީހުންނަށް ދުވާލަކު 700 މިލިގްރާމްގެ ކެލްސިއަމް ބޭނުންކުރުމަށް ލަފާދޭއިރު، އޮސްޓިއޯޕޮރޯސިސްގެ ނުރައްކާ އޮންނަ މީހުންނަށް ލަފާދެނީ 1،000 މިލިގްރާމް ބޭނުންކުރުމަށެވެ. އަދި އިއްދައިން ކެނޑިފައިވާ އަންހެނުން ދުވާލަކު 1،200 މިލިގްރާމް ހޯދުމަށް އިރުޝާދުދެއެވެ. އެމެރިކާގައި ވެސް އުމުރާއި ޖިންސަށް ބަލައި ދުވާލަކު 1،000 އާއި 1،200 މިލިގްރާމާ ދެމެދުގެ މިންވަރަކަށް ކެލްސިއަމް ބޭނުންކުރުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ކިރުގެ ބާވަތްތަކުގެ އިތުރުން ވެސް ކެލްސިއަމް ލިބޭނެ ގިނަ ގޮތްތަކެއް ހުރެއެވެ. މީގެ ތެރޭގައި ސޯޔާ އިން އުފައްދާފައި ހުންނަ ކާނާ ހިމެނެއެވެ. މިސާލަކަށް 100 ގްރާމްގެ ޓޯފޫގައި 200 މިލިގްރާމްގެ ކެލްސިއަމް އެކުލެވިގެންވެއެވެ. އަދި ފާމެންޓްކޮށްގެން ހަދާފައި ހުންނަ ޓެމްޕޭގެ 100 ގްރާމްގައި ގާތްގަނޑަކަށް 111 އިން ފެށިގެން 159 މިލިގްރާމާ ދެމެދުގެ މިންވަރަކަށް ކެލްސިއަމް ހުރެއެވެ. ސޯޔާގައި ހިމެނޭ "އައިސޯފްލޭވޯން" ކިޔާ މާއްދާއަކީ ކަށިތަކުގެ ވަރުގަދަކަން ހިފެހެއްޓުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

އިއްދައިން ކެނޑިފައިވާ 9،000 އަށްވުރެ ގިނަ އަންހެނުން ބައިވެރިކޮށްގެން ހެދި މެޓާ-އެނަލިސިސްއަކުން ދެއްކި ގޮތުގައި، ސޯޔާ އައިސޯފްލޭވޯން ސަޕްލިމެންޓް ބޭނުންކުރި މީހުންގެ މައިބަދައާއި، އުނަގަނޑު އަދި އަތުގެ ކަށިތަކުގެ ޑެންސިޓީއަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވެއެވެ.

ޗިއާ ސީޑްސް ނުވަތަ ޗިއާ އޮށްތަކަކީ ވެސް ކެލްސިއަމް، މެގްނީޒިއަމް އަދި ފޮސްފަރަސް އިން މުއްސަނދިވެފައިވާ ބާވަތެކެވެ. އެންމެ މޭޒުމަތީ ސަމުސަލެއްގެ ޗިއާ ސީޑްސްގައި 95 މިލިގްރާމްގެ ކެލްސިއަމް ހުރެއެވެ. މީގެ އިތުރުން މިއީ އޮމެގާ-3 ފެޓްސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތަކަށް ވުމުން، ހަށިގަނޑުގައި އުފެދޭ ދުޅަތައް ކުޑަކޮށްދިނުމަށް އެހީތެރިވެދެއެވެ. ދިގު މުއްދަތަކަށް ހަށިގަނޑުގައި ދުޅަ އުފެދިފައި ހުރުމަކީ ކަށިތައް އާވުމަށްވުރެ އަވަހަށް ކަށިތައް ފީވުމަށް މަގުފަހިކުރުވާ ކަމެކެވެ. ޖަނަވާރުން ބޭނުންކޮށްގެން ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، އެއް އަހަރު ވަންދެން ޗިއާ ސީޑްސް ކާންދިން މީދާތަކުގެ ކަށިތަކުގެ މިނަރަލް ކޮންޓެންޓް ވަނީ އާދައިގެ ކާނާ ކެއި މީދާތަކަށްވުރެ ރަނގަޅުވެފައެވެ.

ކަށިތަކުގެ ސިއްހަތާ ގުޅޭގޮތުން ވާހަކަދައްކާއިރު ހިއްކި މޭވާގެ މަތިން ގިނަ ބަޔަކު ހަނދާނެއް ނުހުރެއެވެ. ނަމަވެސް އަޕްރިކޮޓް އަދި ފިގްސް ފަދަ ބާވަތްތަކަކީ ކެލްސިއަމް ގިނަ ބާވަތްތަކެކެވެ. ހިއްކާފައި ހުންނަ ދެ ފިގްސްގައި ގާތްގަނޑަކަށް 100 މިލިގްރާމްގެ ކެލްސިއަމް ހުރެއެވެ. އަދި ތާޒާ އޮރެންޖެއްގައި 50 މިލިގްރާމް ހުރެއެވެ. އެއް އަހަރު ވަންދެން ދުވާލަކު 50 ގްރާމްގެ ޕްރޫންސް ކެއި އަންހެނުންގެ ކަށި ފީވާ މިންވަރު، އެ ނުކާ މީހުންނާ އަޅައިބަލާއިރު ދަށް ކަމަށް ދިރާސާއަކުން ދައްކާފައިވެއެވެ. މީގެ އިތުރުން، ދަޅުގައި ބަންދުކޮށްފައި ހުންނަ ސާޑިންސް ފަދަ މަހަކީ ވެސް ކަށިތަކަށް ފައިދާހުރި ކާނާއެކެވެ. 60 ގްރާމްގެ ކުޑަ ސާޑިންސް ދަޅަކުން، ދުވާލަކަށް ބޭނުންވާ ކެލްސިއަމްގެ 30 އިންސައްތަ (ގާތްގަނޑަކަށް 240 މިލިގްރާމް) ލިބިގެންދެއެވެ. މަހުގެ ބާވަތްތަކަކީ ޕްރޮޓީން އާއި ވިޓަމިން ޑީ ވެސް ގިނަ އަދަދަކަށް އެކުލެވޭ ބާވަތްތަކަކަށް ވުމުން، ކެލްސިއަމް ހަށިގަނޑަށް ނެގުމަށް މިއިން އެހީތެރިވެދެއެވެ.

ކާނާގެ ޒަރީއާއިން މި މާއްދާތައް ނުލިބޭނަމަ ސަޕްލިމެންޓް ބޭނުންކުރުމަކީ އޮންނަ އިޚުތިޔާރެކެވެ. ނަމަވެސް ލަންޑަންގެ ގާއިސް ހޮސްޕިޓަލްގެ އޮސްޓިއޯޕޮރޯސިސް ޔުނިޓްގެ ރިސާޗް ފެލޯ އެމީލިއާ މޯ ފާހަގަކުރި ގޮތުގައި، ސަޕްލިމެންޓް ބޭނުންކުރުމުގެ ފައިދާއާ މެދު ދިރާސާކުރާ ފަރާތްތަކުގެ މެދުގައި އަދިވެސް ޚިޔާލުތަފާތުވުންތައް އެބަހުއްޓެވެ. ސިއްހަތު ރަނގަޅު މީހުން ވިޓަމިން ޑީ ސަޕްލިމެންޓް ބޭނުންކުރުމަކުން ކަށި ބިނދުމުގެ ނުރައްކާ ކުޑަނުވާ ކަމަށް ބައެއް ދިރާސާތަކުން ދައްކާއިރު، އުމުރުން ދުވަސްވީ މީހުންނަށް އޭގެ ފައިދާ ކުރާ ކަމަށް އެހެން ދިރާސާތަކުން ދައްކައެވެ.

ދުނިޔޭގެ އާބާދީގެ ގާތްގަނޑަކަށް 15 އިންސައްތަ މީހުންނަކީ ވިޓަމިން ޑީ މަދު މީހުންނެވެ. އާންމުކޮށް ދުވާލަކު ބޭނުންކުރަން ލަފާދެނީ 10 އާއި 15 މައިކްރޯގްރާމާ ދެމެދުގެ މިންވަރެއްގެ ވިޓަމިން ޑީ ސަޕްލިމެންޓެވެ. މިއާ ޚިލާފަށް 100 މައިކްރޯގްރާމަށްވުރެ ގިނައިން ބޭނުންކޮށްފިނަމަ، ވެއްޓުމުގެ ނުރައްކާ ބޮޑުވެދާނެ ކަމަށް ޕްރޮފެސާ ޑޯސަން-ހިއުސް ފާހަގަކުރިއެވެ. މީގެ ސަބަބަކީ މާގިނައިން ވިޓަމިން ޑީ އެތެރެވުމުން، ހަށިގަނޑަށް ބޭނުންކުރެވޭ ވިޓަމިން ޑީގެ މިންވަރު ދަށްކޮށްލާ ހޯމޯންއެއް އުފެއްދުން އިތުރުވުން ކަމަށް ވެދާނެއެވެ.

އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ ތަފާތު ބާވަތްތައް ހިމެނޭ ބެލެންސްޑް ޑައިޓެއް ޚިޔާރުކުރުމާއެކު، ކަސްރަތުކުރުން އާދައަކަށް ހެދުމެވެ. ސަޕްލިމެންޓްތަކަށް ބަރޯސާވުމުގެ ބަދަލުގައި، ދުވަހުގެ ކެއުމުގެ ތެރެއަށް ފެހި ފަތާއި، ކިރުގެ ބާވަތްތަކާއި، މަސް އަދި އޮށްތައް އިތުރުކުރުމަކީ ކަށިތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.

comment ކޮމެންޓް