އުމްރާއިން އެނބުރި އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައިފި

މީހަކު ވީއައިއޭގައި: -- ފޮޓޯ/ އެމްއޭސީއެލް

އުމްރާގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އަންނަ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިކަމަށް އެދިފައިވަނީ، ސްކޫލު ބަންދާއި ޖުލައި 26 ގެ ބަންދާ ދިމާކޮށް އުމްރާއަށް ދިޔަ ގިނަ އަދަދެއްގެ ބަޔަކު އެނބުރި އަންނަން ފެށުމާ ގުޅިގެންނެވެ. އާއްމުކޮށް ހައްޖާއި އުމްރާގެ މާތް އަޅުކަމަށް ފަހު ގިނަ މީހުން އެނބުރި އަންނައިރު ތިބެނީ ވަރަށް ބޮޑަށް ރޯގާޖެހިފައެވެ. އަދި މީހުން އެ އަޅުކަންތަކަށް ފަހު އަންނަ ދުވަސްވަރު ރާއްޖޭގައި ރޯގާތައް ގިނަ ވުމަކީ އާއްމު ކަމެކެވެ.

އުމްރާއިން އެނބުރި އަންނަ މީހުންގެ ކިބައިން ބަލިތައް ފެތުރުުމުގެ ފުރުސަތު ބޮޑުކަމުން، އެޗްޕީއޭއިން ވަނީ ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ. އެޗްޕީއޭއިން ބުނި ގޮތުގައި، އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުމާއި، ކެއްސުމާއި، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ޖެހޭނެއެވެ. އަދި ޑޮކްޓަރަށް ދައްކާއިރު، އުމްރާއިން އެނބުރި އައި މީހެއްކަން ޑޮކްޓަރަށް އެންގުމަށް ވެސް އެ އިދާރާއިން ވަނީ އިރުޝާދު ދީފައެވެ.

https://www.sun.mv/225033

މީގެ އިތުރުން، ޑޮކްޓަރަށް ނުދައްކައި އަމިއްލައަށް އެންޓިބަޔޮޓިކް ފަދަ ބޭސްތައް ބޭނުން ނުކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް ސިއްހީ މާހިރުން ލަފާދެއްވައެވެ.

ރޯގާގެ އަލާމާތްތައް ހުރި ނަމަ ގޭގައި މަޑުކުރުމަށާއި، ކެއްސައި ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ނިވާކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށާއި، ބޭރުތެރެއަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މާސްކު އެޅުމަށް ވެސް އެދިފައިވެއެވެ.

ބަލިވެ އުޅޭ ނަމަ ގިނައިން ދިޔާތަކެތި ބުއިމަށާއި، އެކަށީގެންވާ ވަރަށް އަރާމުކުރުމަށް ވެސް އެޗްޕީއޭގެ އިރުޝާދުތަކުގައި ހިމަނާފައިވެއެވެ. މި ފިޔަވަޅުތަކަކީ އާންމުންގެ ތެރޭގައި ހަލުވިކަމާއެކު ރޯގާ ފެތުރުން ކުޑަކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުތައް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.

ރޯގާ ޖެހިފައިވާ ހާލަތުގައި އެހެން މީހުންނާ ގައިގޯޅިވެ އުޅުމުން ދުރުހެލިވުމަށް އެޗްޕީއޭއިން ވަނީ ޚާއްސަ ގޮތެއްގައި އަންގާފައެވެ. ޚާއްސަކޮށް، ރޯގާ ޖެހިފައިވާ ނަމަ ކުޑަކުދިން އުރައި، އެކުދިންގެ ކައިރިއަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

އޭގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނާއި ދާއިމީ ބަލިތައް ތަހައްމަލުކުރާ މީހުންގެ ކައިރިއަށް ނުދިއުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ދުވަސްވަރު ރާއްޖޭގައި ވެސް އާންމު ރޯގާތައް އިތުރުވަމުންދާތީ، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ އިދާރާއިން ވަނީ ތަކުރާރުކޮށް އަންގާފައެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް 5،565 އަށް ވުރެ ގިނަ މީހުން ވަނީ އުމްރާގެ އަޅުކަމަށް ފުރާފައެވެ. ސްކޫލު ބަންދު ދުވަސްވަރާއި އަހަރުގެ އެކި މުނާސަބަތުތަކާ ދިމާކޮށް އުމްރާއަށް ދިއުމަކީ މިހާރު ދިވެހިންގެ މެދުގައި އާންމު ކަމަކަށް ވެފައިވާއިރު، މިއީ ފަހުގެ ތާރީހެއްގައި އެއް މަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ބަޔަކު އުމްރާއަށް ފުރި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް