ރޮނާލްޑޯއާއި ޖޯޖީނާގެ ކައިވެނި އަންނަ ހަފުތާ ބަންދުގައި

ކްރިސްޓިއާނޯ ރޮނާލްޑޯއާއި ޖޯޖީނާ--

ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއާއި އޭނާގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްގެ ކައިވެނީގެ ރަސްމިއްޔާތު ކުރިއަށްއޮތް ހަފުތާ ބަންދުގައި ބޭއްވުމަށް ވަރަށް ބޮޑަށް ތައްޔާރުވަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯއާއި 32 އަހަރުގެ ޖޯޖީނާ ކައިވެނިކުރުމަށް ހަމަޖެހިފައިވަނީ ރޮނާލްޑޯ އުފަންވެ ބޮޑުވި ޕޯޗުގަލްގެ މެޑީރާގެ ފުންޗާލް ކެތީޑްރަލްގައެވެ.

މީގެކުރިން މި ހަފުލާ ބާއްވާނެކަމަށް އަޑުފެތުރުނީ ޕޯޗުގަލްގެ ސިންތުރާގައި އޮންނަ ޤަދީމީ ސްޓޭޓެއްގައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މެންދުރުފަހު ބާއްވާ ކައިވެނީގެ ރަސްމިއްޔާތަށްފަހު، ކައިވެނީގެ ބޮޑު ހަފުލާ އޮންނާނީ އެ ރަށުގައި ހުންނަ ފަސްތަރީގެ މަޝްހޫރު ސަވޯއީ ޕެލެސް ހޮޓެލްގައެވެ.

މި ހަފުލާއަށްޓަކައި އެ ހޮޓަލުގެ ދެ ފްލޯއެއް ވަނީ އާންމުންނަށް ނުވަދެވޭގޮތަށް ބަންދުކޮށްފައި ކަމަށް ޕޯޗުގަލްގެ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މި ކައިވެނި ފުންޗާލްގައި ބޭއްވުމަކީ 1.2 ބިލިއަނަށްވުރެ ގިނަ ޑޮލަރުގެ މިލްކިއްޔާތެއް އޮތް ރޮނާލްޑޯއަށް ވަރަށް ބޮޑު ނިންމުމެކެވެ. ސަބަބަކީ ފުންޗާލްއަކީ ނިކަމެތިކަމާއެކު އޭނާގެ އާއިލާގެ އެންމެންނާއެކު އެއް ކޮޓަރިއެއްގައި ބޮޑުވި ރަށް ކަމަށްވެފައި، އުމުރުން އެންމެ 11 އަހަރުގައި ފުޓްބޯޅަ ހުވަފެންތަކުގައި ކުލަޖެއްސުމަށްޓަކައި ސްޕޯޓިންގ ލިސްބަންއަށް ބަދަލުވާން އެ ރަށް ދޫކޮށް ދާންޖެހުނު ތަނަށްވާތީއެވެ.

އެ ރަށުގައި ރޮނާލްޑޯގެ ޝަރަފުގައި ހަދާފައިވާ ބުދެއްގެ އިތުރުން އޭނާގެ ނަމުގައި ޚާއްޞަ ހޮޓަލެއްވެސް ހުރެއެވެ. ރޮނާލްޑޯ މީގެކުރިން ޕިއާސް މޯގަންއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ޖޯޖީނާއާ ކައިވެނިކުރުމަކީ އަބަދުވެސް ދެކެމުންއައި ބޮޑު ހުވަފެނެއް ކަމަށެވެ.

ނަމަވެސް ބައެއް ރިޕޯޓުތައް ބުނާގޮތުން ކައިވެނީގެ ވާހަކައަކީ ދޮގު ވާހަކައެކެވެ. ރަސްމީ ސިފައެއްގައި މިކަމަށް ބާރުލިބޭ އެއްވެސް ކަމެއް ރޮނާލްޑޯ އަދި މިހާތަނަށް މީޑިއާގައި ހާމަކޮށްފައެއް ނުވެއެވެ.

މި ދެމަފިރިންގެ ލޯބީގެ ދަތުރު ފެށުނީ 2016 ވަނަ އަހަރު މެޑްރިޑްގެ ގޫޗީ ފިހާރައެއްގައި ޖޯޖީނާ ސޭލްސް އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަނިކޮށް ބައްދަލުވި ހިސާބުންނެވެ. އޭގެފަހުން އަށް އަހަރުވަންދެން ލޯބީގެ ގުޅުން ދެމެހެއްޓުމަށްފަހު، ރޮނާލްޑޯ ޖޯޖީނާއަށް އެންގޭޖްވާން ހުށަހެޅީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެ ދެ މީހުންނަށް ވަނީ ކުދިން ވެސް ލިބިފައެވެ.

ސައުދީ އަރަބިއްޔާގެ އަލް ނަޞްރު ކްލަބަށް އަހަރަކު 175 މިލިއަން ޕައުންޑުގެ ބޮޑު މުސާރައަކަށް ބަދަލުވެ، އެ ޤައުމުގައި ދިރިއުޅެމުންދާ މި ދެމަފިރިން ވަނީ ދާދިފަހުން ޕޯޗުގަލްގައި ޗުއްޓީ ހޭދަކުރަމުން އަގުބޮޑު އެންގޭޖްމަންޓް އަނގޮޓިތައް ސޯޝަލް މީޑިއާގައި ދައްކާލާފައެވެ.

މިއާއެކު މުޅި ދުނިޔޭގެ ސަމާލުކަން މިހާރު ވަނީ ރޮނާލްޑޯގެ އުފަން ރަށުގައި ބާއްވާ އެމީހުންގެ ކައިވެނީގެ އުފާވެރި ރަސްމިއްޔާތަށް ހުއްޓިފައެވެ.

comment ކޮމެންޓް