ރާއްޖޭގެ ހޮސްޕިޓަލެއްގައި ކުޑަދޫ ބުރިކޮށްލި ކަމަށް ބުނާ މައްސަލަ ހައިކޯޓަށް

ހައި ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ޓޮންސިލް އޮޕަރޭޝަނެއް ކުރަން ރާއްޖޭގެ ހޮސްޕިޓަލަކަށް ދިޔުމުން، ކުޑަދޫ ބުރިކޮށްލި ކަމަށް ބުނެ ފަސް މިލިއަނެއްހާ ޑޮލަރު، ބަދަލުގެ ގޮތުގައި ހޯދަން ދައުވާ ކުރި މައްސަލަ ކާމިޔާބު ނުވުމުން، އެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފިއެވެ.

މިއީ 2023 ވަނަ އަހަރުގެ ކުރީކޮޅު، ދިވެހި ފިރިހެނަކު ހޮސްޕިޓަލަކުން ޓޮންސިލް އޮޕަރޭޝަނެއް ކުރިއިރު، އޭނާގެ ކުޑަދޫ، އެ ހޮސްޕިޓަލުން ބުރިކޮށްލާފައިވާ ކަމަށް ބުނެ ބަދަލު ހޯދުމަށް ކުރި ދައުވާއެކެވެ. މި ދައުވާގައި އޭނާ ވަނީ، އެ ހޮސްޕިޓަލުން، މިލިނަކަށްވުރެ ގިނަ ރުފިޔާއާއި، ހަތަރު މިލިއަނަށްވުރެ ގިނަ ޑޮލަރު ހޯދަން ދައުވާކޮށްފައެވެ.

އެހެންނަމަވެސް، ސިވިލް ކޯޓުގައި އެ ހޮސްޕިޓަލާ ދެކޮޅަށް ދައުވާ ކުރި މި މައްސަލަ ދައުވާ ކުރި މީހާއަށް ކާމިޔާބެއް ނުވިއެވެ.

ސިވިލް ކޯޓުގައި މައްސަލަ ކުރިއަށް ނުގެންދެވުމުން، އެ މީހާގެ ފަރާތުންވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އެހެންނަމަވެސް މި މައްސަލަ ހައިކޯޓަށް ބަލައިގަތުމާމެދު އެ ކޯޓުން އަދި ގޮތެއް ނިންމި ކަމެއް އެނގިފައެއް ނުވެއެވެ.

މި މައްސަލަ ސިވިލް ކޯޓުން ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިއީ، އިހުމާލުވުމުގެ ސަބަބުން ހަށިގަނޑަށް ލިބޭ އަނިޔާގެ މައްސަލައިގެ ދައުވާއެކެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ، މި މައްސަލައަކީ މިފަދަ މައްސަލަތަކުގައި ފުރިހަމަ ކުރަން ޖެހޭ އިޖުރާއުތައް ފުރިހަމަކޮށްފައިވާ މައްސަލައެއް ކަމުގައި ނުވާތީ، މައްސަލަ ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.

މި މައްސަލަ ސިވިލް ކޯޓުން ނިންމާފައި ވަނީ އެ ކޯޓުގެ ގާޒީ އަބްދުއްނާސިރު ޝަފީގުއެވެ. މި މައްސަލައިގައި މީގެ ކުރިން ވެސް ކޯޓު މަރުހަލާ ކުރިއަށް ދިޔަ ނަމަވެސް މައްސަލައިގައި ދައުވާ ކުރި ފަރާތަށް ކާމިޔާބުވާ ގޮތް އޮތީ ނުވެފައެވެ.

comment ކޮމެންޓް