އެއީ ރިހާމްއާ އޭނާގެ އަންހެނުން ދާނިޔާ ނޫން އެހެން ދެވަނަ ބައެއް ނޫނެވެ. ރިހާމްގެ ނަޒަރު އައިރާއާ ޒަހްރާނަށް ހުއްޓުނު އިރު ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ދަތުރުކުރީ އައިރާގެ ބަނޑަށެވެ.
ރިހާމްގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. އޭނާއަށް ހުރީ ފެންނަމުން ދިޔަ މަންޒަރު ޤަބޫލުނުކުރެވިފައެވެ. އައިރާއަށް ވެސް ރިހާމްއާ ދާނިޔާއަށް ބަލައިލެވުނެވެ. އޭނާގެ މޫނުމަތިން ފެނުނީ މަސްހުނި އަސަރުތަކެކެވެ. ޒަހްރާން އައިރާގެ ގާތަށް ޖެހިލުމަށް ފަހު، އައިރާގެ އުނަގަނޑުގައި އަތް ޖައްސައިލިއެވެ.
"ބޭބީ..." ޒަހްރާން ގޮވައިލީ ލޯތްބާއެކީއެވެ.
ރިހާމްއަށް ހުއްޓި ހުރެވުނީއެވެ. އޭނާއަށް ކުރިއަށް ފިޔަވަޅު އަޅަން ވެސް ނޭނގުނު ފަދައެވެ. ރިހާމްއަށް އައި ބަދަލުތަކުން، ދާނިޔާއަށް ތުން އަނބުރައިލެވުނެވެ. އޭނާ ރިހާމްގެ އަތަށް ދަމަންފެށިއެވެ.
"ހިނގާބަލަ ރިހާމް." ރިހާމް ސިހުނީ ދެނެވެ. އޭނާ ދާނިޔާއާ އެކު ގޮސް އެތެރެއަށް ވަދެއްޖެއެވެ. ލިފްޓު ދިޔައީ މައްޗަށް ކަމުން، ޒަހްރާނާ އައިރާއަށް އަދި އިރުކޮޅަކު މަޑުކުރަން ޖެހުނެވެ.
"އޯކޭތަ؟" ލިފްޓު އައުމުން ލިފްޓަށް އަރާ ތިރިއަށް ދިޔުމަށް ފަހު ޒަހްރާން އައިރާއާ ސުވާލުކޮށްލިއެވެ. އައިރާ ބޯ ޖަހައިލިއެވެ.
"މާޒީ މަތިން ހަނދާންނުކުރޭ އައިރާ... މިހާރު އެ ދުވަސްތައް އެ ދިޔައީނު." އައިރާގެ މޫނުމަތީގެ އަސަރުތައް ދޭހަކުރަން އުނދަގޫވެފައިވާ ޙާލު ޒަހްރާން ބުންޏެވެ. އައިރާ ޒަހްރާންގެ އަތުގައި ހިފަހައްޓައިލިއެވެ. އެއަށް ފަހު ހީނލަމުން ބޯ ޖަހައިލިއެވެ. ދެމީހުން އެކުގައި ގޮސް ކާރަށް އެރިއެވެ. ޒަހްރާން ކާރު ސްޓާޓްކޮށްލަން އުޅުނު ވަގުތު އައިރާ ވާހަކަ ދެއްކިއެވެ.
"ސޮރީ ރެން... އޭނައާ މެދު އިޙްސާސްތަކެއް ވަނީ ކީ ނޫން. އެކަމަކު މާޒީގެ މަތިން ހަނދާންވީ، އަހަރެން ހަމައެކަނި ލޯބިވަނީ ރެން ދެކެ." އައިރާއަށް ބުނެވުނެވެ. އޭނާ ޒަހްރާނަށް ކަމެއް ޔަޤީންކޮށްދޭން ބޭނުންވި ފަދައެވެ.
"އެނގެޔޭ... އައިރާ ނުޖެހޭނެ އެއްވެސް ކަމެއް އަހަންނަށް އެކްސްޕްލެއިންކޮށްދޭކަށް" ޒަހްރާން ބުނެލިއެވެ. "އެންޑް އައި ލަވް ޔޫ ޓޫ..."
*****
މެމޯ ހައްދައިގެން އައިސް ނަންބަރު ޖެހެންދެން ރިހާމްއާއި ދާނިޔާއާ ދެމީހުން ގޮނޑިބަރީގައި މަޑުކޮށްލިއެވެ. ޝުބާ ބަނޑުބޮޑުވި ފަހުން، ގޭތެރޭގެ ޙާލަތު އަދިވެސް ހަމައަކަށް ނޭޅެއެވެ. މަންމަ ޝުބާއާ އަދިވެސް ވާހަކައެއް ނުދައްކައެވެ. އެ ހުރިހައި ކަމަކާ އެކު ވެސް މިއަދު ރިހާމްމެން ޑޮކްޓަރަށް ދައްކަން އެ އައީ ދަރިމައިވުމާ ބެހޭ ޚާއްޞަ ރާއްޖޭން ބޭރުގެ ޑޮކްޓަރެއް އައުމުން އޭނާއަށް ދެއްކުމުގެ ގޮތުންނެވެ. ދާނިޔާ އަދިވެސް ދަރިއަކު ބޭނުންވެއެވެ. ރިހާމް ވެސް މެއެވެ. އެހެންކަމުން، އެ ފުރުޞަތު ނަގައިލާކަށް އެކަކު ވެސް ބޭނުމެއްނޫނެވެ.
ނަންބަރު އެރުމުން ދެމަފިރިން އެތެރެއަށް ވަނެވެ. އެ މީހުން ދަރިއަކު ހޯދުމަށްޓަކައި، ކުރި އެތަކެއް މަސައްކަތަކަށް ފަހު ވެސް އެ ނަސީބެއްނުލިބުނެވެ. ހުރިހާ ވާހަކައެއް ކިޔައިދިނުމުން ޑޮކްޓަރު ދިނީ ޓެސްޓްތަކެއް ހަދާށެވެ. އެއަށް ފަހު ދެން ހުރި "އޮޕްޝަންސް"ތައް ވެސް ކިޔައިދިނެވެ. އެންމެ ރަނގަޅު ގޮތަކަށް ފެނުނީ އައިވީއެފްއަށް ވީ ނަމަވެސް، އައިވީއެފްއަކަށް ދެވޭނީ ވެސް އެ ޓެސްޓްތަކުގެ ނަތީޖާއަށް ފަހުގައި ކަމުގައި ޑޮކްޓަރު ބުންޏެވެ. އެތަކެއް ވާހަކަތަކެއް ދެއްކުމަށް ފަހު ރިހާމްއާ ދާނިޔާއާ ނުކުމެގެން ދިޔައީ ކުޑަ ނަމަވެސް އުންމީދަކާ އެކުގައެވެ.
"ރިހާމް... ކިހިނެއްވެފަތަ ތި ހުންނަނީ؟ އެ އައިރާ ފެންނައިރަށް ތިވަރު ވާންޖެހޭތަ؟" ރިހާމް ހުރި ގޮތުން އެންމެ ފަހުން ދާނިޔާ ހިތްހަމަނުޖެހިއްޖެއެވެ. ރިހާމްއަށް އެ ހިމޭންކަން ވެރިވެގެން އެ އުޅެނީ އައިރާ ފެނުނުފަހުންކަން ގައިމެވެ.
"އެހެންވެގެންނެއް ނޫނޭ..." ރިހާމް ދެކޮޅު ހެދި ނަމަވެސް، ހަޤީޤަތަކީ އެއީއެވެ. އައިރާ ޒަހްރާންއާ އިނދެގެން ޒަހްރާންގެ ދަރިއަކަށް ބަލިވެ އިންތަން ފެނި މެއަށް ހަމަ ގައިމުވެސް ފާޑެއްގެ ގޮތެއް ވިއެވެ. ހަނދާނަށް އައީ އައިރާ އޭނާއާ އިނދެގެން އުޅުނުއިރު، ބަނޑުބޮޑުކަން އެނގުނު ދުވަސް މަތިންނެވެ. އެ ދުވަހު އޭނާ އައިރާގެ ބޮލުގައި އެޅުވި ތުޙުމަތު މަތިން ވެސް މެއެވެ. ވިސްނަން ބޭނުން ނޫނަސް ވިސްނެނީއެވެ. ހިތަށް އުނދަގޫ ވެސް ވަނީއެވެ.
"ދެން ކޮން ކަމަކާ؟" ދާނިޔާ ދެބުމަ ގާތްކޮށްލިއެވެ.
"ހަދަންދީފަ ހުރި ޓެސްޓްތަކާ ދޭތެރޭ..." ރިހާމްއަށް ބުނެވުނެވެ.
"ނެޗުރަލީ ނުލިބުނަސް އެ ބުނީނު އައިވީއެފް ހަދައިގެން ވެސް ހޯދޭނެޔޭ. ދެން ނުވިސްނަބަލަ." ދާނިޔާ ރިހާމްގެ އަތުގައި ހިފަހައްޓައިލަމުން ރިހާމްގެ އަތަށް ބާރުކޮށްލިއެވެ. ރިހާމް ވެސް ފުންނޭވާއެއް ދޫކޮށްލިއެވެ.
ދެމީހުން ގޮސް ކާރަށް އަރާ ގެއަށް ދާންވެގެން މިސްރާބުޖެހިއެވެ.
*****
"ރޭގަ ޕާޓީއިން ޝާފި ވަރަށް މިސްވި. ކީއްވެތަ ނައީ؟" ޝާފިޔާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލުމާއެކު އެންމެ ފުރަތަމަ ވެސް އިވުނީ ޝަކުވާއެވެ.
"ބިޒީކަމުން." ޝާފިޔާ ބުނެލިއެވެ. އޭނާ މިހާރު އެކުވެރިންނާ ވެސް ދުރުވެއްޖެއެވެ. ތަންތަނަށް ދިޔުން ވެސް މަދުކޮށްލައިފިއެވެ. ޝުބާއާ ހެދި އެންމެންގެ އަމާޒުފަތްގަނޑަކަށް އޭނާ ވެއްޖެއެވެ. މިހާރު ވެސް ގުޅައިގެން އެ އުޅެނީ އެކުވެރިއެކެވެ. ނޫމާ އެ ގުޅީ އޭނަގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް ޝާފިޔާ ނުދިޔުމުން އެކަމާއެވެ.
"އެނގޭ ބިޒީ ވާނެކަން މިހާރު. ނުސްރާ ބުންޏޭ ޝުބާ ބަލިވެ އިން ވާހަކަ." އެކުވެރިޔެއް ނަމަ ވެސް އެ އަޑުން މަލާމާތުގެ އަސަރު ފާޅުވެއެވެ.
"އަހަރެން ދާންވެއްޖެ." ޝާފިޔާ އުޅުނީ ފޯނު ބާއްވާށެވެ.
"މަޑުކޮށްބަލަ، މިހާރު އެންމެނަށް ވެސް އެނގިއްޖެ ތިކަން. އަހަރެމެންގެ ތެރޭގައި ތިކަން ނޭނގޭ އެކަކު ވެސް ނެތް." ނޫމާ ބުންޏެވެ. ނޫމާމެންނަށް ވެސް ޝާފިޔާ އުޅުނީ އެކަންތައް ސިއްރުކޮށްގެންނެވެ. އެހެން އުޅެނިކޮށް ޝުބާގެ އެކުވެރިއެއްގެ ފަރާތުން، އެމީހުންނަށް އެކަން އެނގުނީއެވެ. ވާނީ ވެސް އެހެންނޫން ހެއްޔެވެ؟ މަންމަމެންގެ އެކުވެރިކަމުގައި އެމީހުންގެ ދަރިންވެސް ވަނީ އެކަކު އަނެކަކާ ރަޙްމަތްތެރިވެ އެކުވެރިންނަށް ވެފައެވެ. ޝުބާ އެމީހުން އެންމެނާ ދުރުވި ހިސާބުން، އެންމެންގެ ފަރާތުން ޝަކުވާ ކުރިމަތިވިއެވެ. އެ ހުރިހާ ކަމެއް ޝުބާވެސް ހުރީ ސިއްރުކޮށްގެން ނަމަވެސް، ތަޤުދީރު އެކަމަށް ފުރުސަތެއް ނުދިނެވެ. ޝުބާ ޑޮކްޓަރަށް ދައްކަން ގޮސް އުޅެނިކޮށް އޭނާގެ އެކުވެރިއަކަށް ފެނިގެން އެންމެން ގާތު އެ ވާހަކަ ބުނީއެވެ. ފަތު އަޑު ކިޔާފައި އެންމެންގެ ތެރޭގައި އެ ވާހަކަ މިހާރު ވަނީ ފެތުރިގެން ގޮސްފައެވެ.
"ދައްކާނެ އިތުރު ވާހަކައެއް ނެތިއްޔާ ދެން ފޯނު ބާއްވަނީ." ޝާފިޔާއަށް ބުނެވުނެވެ.
"އާނ. އޯކޭ. ގައިމު ދަރި ވައްޓައިލި ނަމަ މި ހުރިހާ ލަދެއްގަ ބެދޭކަށް ޝާފިޔާއަކަށް ވެސް ނުޖެހުނީހެއްނު. ޝުބާ ބޭނުންނުވިޔަސް، ޝާފިޔާއަށް އެކަން ކުރެވުނީހެންނު. އޭރުން ހަމަ ގައިމު ވެސް...." ނޫމާ ވާހަކަ ދައްކަދައްކާ ހުއްޓައި ޝާފިޔާ ފޯނު ކަނޑައިލައިފިއެވެ. އެއީ އޭނާއަށް މިހާރު އަބަދުމެ އަޑު އިވޭ ބަސްތަކެކެވެ. ފޯނު ނުނަގައިފި ނަމަ އެކުވެރިން މެސެޖުވެސް ކުރާނެއެވެ. ޝާފިޔާއަށް އެމީހުންނާ އެމީހުންގެ ދަރިންނާ ބެހޭގޮތުން ދައްކާފައި ހުރި ވާހަކަތައް ހަނދާންކޮށްދޭނެއެވެ.
ސޯފާގައި އިށީނުމާއެކު ސޯފާ މައްޗަށް ފޯނުގަނޑު ހޫރައިލެވުނެވެ. ރުޅި އައިސް ރަތްވެގެން ގޮސް މީހާ ތުރުތުރު އަޅަން ފަށައިފިއެވެ. ދެއަތް މުށްކެވުމާ އެކު، ރުޅިއައިސްގެން ގޮސް ދެލޮލަށް ފެން ޖަމާވާން ފެށިއެވެ. އެހެން އިންދާ އެ ރުޅިގަނޑު ދެގުނަވެގެން ދިޔައީ ޝުބާގެ އަޑަށެވެ.
"މަންމާ..." ޝާފިޔާގެ ގާތަށް އައިސް ހުއްޓުނު ޝުބާ ހުރީ އޭނާގެ ބަނޑުގައި އަތް ޖައްސައިލައިގެންނެވެ. މިއަދު ކުޑަކޮށް އުނދަގޫވާ ދުވަހެކެވެ. އޭނާ ބޭނުންވަނީ މީހެއްގެ އެހީތެރިކަމެކެވެ. އެ ގެއިން އޭނާއަށް އެހީތެރިކަން ފޯރުކޮށްދެނީ ރިހާމްއާއި ދާނިޔާއެވެ. ދެން ރަޝީދެވެ. ޝާފިޔާ އަދިވެސް ހުރީ އޭނާގެ ގޮތުގައެވެ.
"ކިތަށް ފަހަރު ބުނަންވީ މަށަށް މަންމާއޭ ކިޔާފައި ނުގޮވާށޭ. އެންމެންގެ ތެރެއަށް މަ ފަޟީޙަތްވެ ނިމިއްޖެޔޭ..." ޝާފިޔާ ބުނެލިއެވެ. އެކުވެރިންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާއި މަލާމާތުގެ ސަބަބުން ހުރިހާ ރުޅިއެއް ބޭލެނީ ޝުބާއަށެވެ. "އޭރު ވެސް މަ ބުނި ގޮތަށް އިންޑިޔާއަށް ގޮސް ބަނޑުގަ ތި އޮތް ދަރި ވައްޓައިލި ނަމަ މި ހުރިހާ ބޭޒާރެއް ނުވީސް."
ޝާފިޔާ އިނީ ދެބުމަ ގޮށް ޖަހައިލައިގެންނެވެ. އަދި ވެސް އޭނާއަށް ވިސްނެނީ އެންމެންގެ ކުރިމަތީގައި ވަމުންދިޔަ ބޭޒާރާ މެދުގައެވެ. އޭނާގެ އަގު ވެއްޓި ނިމިއްޖެއެވެ. ރައްޓެހިންގެ ކުރިމަތީގައި ގެންގުޅުނު ޝަޚުސިއްޔަތު ވެއްޔާ މޮޑެވިއްޖެއެވެ. މީ ހުސް ޝުބާގެ ކަންތަކެވެ. ބަޔަކަށް ނޭނގި ގޮސް އެކަންތައް ނިންމައިލެވެން އޮށްވާ ހެޔޮބޮޑުވާންވެގެން އުޅުމުގެ ނަތީޖާއެވެ. ދުވަހެއް ދުވަހަކަށް ވާ ބޭޒާރު ދާނީ އިތުރުވަމުންނެވެ. އެ ވަރު ޝުބާއަށް ނުވިސްނެނީ ހެއްޔެވެ؟ ވިހެއުމުން ދެން އަދި މީހުން ކިޔާނެ އެއްޗެއް ވެސް ނޭނގޭނެއެވެ. ބައްޕަ ނެތް ދަރިއަކު ޝުބާގެ ހުންނަ ވާހަކަ އަޑު އަހަން ކެތްކުރާނީ ވެސް ކިހިނަކުން ހެއްޔެވެ؟ ކައިވެނިން ބޭރުން ހޯދި ދަރިއެކޭ ބުނެ މީހުން ކުރާ މަލާމާތާއި ފުރައްސާރަ އަޑު އަހާނީ ކިހިނަކުން ހެއްޔެވެ؟
"މަންމާ ދެން ތިހެން ނުހަދަބަލަ. އަހަރެން ވެސް ދެރަވެޔޭ ކުރެވުނު ކަމެއްގެ ސަބަބުން މިހެން ވީމަ، އެކަމަކު ދެވަނަ ފާފައެއް ކުރާނީ ކިހިނެއްތަ؟" ޝުބާއަށް ބުނެވުނެވެ. އޭނާ ސޯފާގައި އިށީންނަމުން ޝާފިޔާގެ އަތުގައި ހިފަހައްޓައިލަން ވެގެން އުޅުނެވެ. އެވަގުތު، ޝާފިޔާ ޝުބާގެ އަތް ފޮޅުވައިލައިފައި ކޮށްޕައިލި ގޮތުން، ޝުބާ ގޮސް ފަހަތަށް ވެއްޓުނެވެ. ބަނޑާ އުނަގަނޑަށް ތަދެއް އެރިއެވެ. އެވަގުތު ވީ ރިހާމްއާއި ދާނިޔާއާ ދެމީހުން ވެސް ދޮރު ހުޅުވައިލާފައި އެތެރެއަށް ވަތް ވަގުތަށެވެ. އެ މަންޒަރު ފެނުމާ އެކު ރިހާމް އަށް ދުވެފައި އާދެވުނެވެ. އޭނާ ޝުބާ ނަގާ ސޯފާގައި ބެއިންދިއެވެ.
"މަންމާ.. ކީއްތަ ތިކުރީ؟ އަނގައިން ކިޔާ އެއްޗެއް ކިޔާބަލަ. ތިހެން ޝުބާކޮށްޕާލާކަށް ނުވާނެ ދޯ." ރިހާމްއަށް ބުނެވުނީ ވެސް ތަންކޮޅެއް ބާރަށެވެ. ޝުބާގެ ފެންކަޅިވެފައިވާ ދެލޮލުން ކަރުނަތައް ފައިބައިގެން ދިޔައެވެ. އޭރު ވެސް އޭނާއަށް ހުރެވުނީ އުނަގަނޑުގައި އަތް ވިއްދައިލައިގެންނެވެ.
"ހިނގާ ހޮސްޕިޓަލަށް ދާން." ރިހާމްއަށް ބުނެވުނެވެ. ޝުބާއަށް ކަމެއް ވަނީ އޭ އޭނާއަށް ހީވީއެވެ.
"ނޫން. އޯކޭ..." ޝުބާ ބުނެލިއެވެ.
"މަންމަ ވިސްނާލަންވާނެ ދޯ އެހެން ކޮށްޕައިލާއިރު އެއީ މާ ބަނޑު އަންހެނެއްކަން. ބަނޑުގަ އޮތް ދަރިފުޅަށް ގޮތެއް ވެސް ވެދާނެކަން." ރިހާމް ޝާފިޔާއާ ދިމާލަށް އެނބުރުނެވެ.
"މަ ބުނެފަ އޮންނާނީ މަގޭ ކައިރިއަށް ނާންނާށޭ. ކީއްކުރަންތަ އިރުއިރުކޮޅުން އެ އަންނަނީ. މަ ބުނާ ގޮތް ނުހެދީމަ އޭ މިހުރިހާ ކަމެއް މި ވީ. ގައިމު ދަރި ވައްޓައިލި ނަމަ އެންމެންގެ ކުރިމަތީގައި މިހާ ފަޟީޙަތް ނުވީސް." ޝާފިޔާއަށް ބުނެވުނެވެ. ކަންފަތުގައި ގުގުމަނީ ރައްޓެހިންގެ ވާހަކަތަކެވެ. ލޮލަށް ސިފަވަނީ މިހާރަކަށް އައިސް އޭނާއަށް ނިސްބަތްކޮށް އެކި އެކި ވައިބަރ ގްރޫޕުތަކުގައި ޖަހާ ސްޓޭޓަސްތަކެވެ. މިވަރުން ރުޅި ނައިސް ހުންނާނީ ކިހިނަކުން ހެއްޔެވެ؟
"އެއީތަ ޙައްލު؟ އެން..." ރިހާމްއަށް ވެސް ހަޅޭއްލަވައިގަނެވުނެވެ. މަންމަގެ ކަންތައް ހުންނަ ގޮތުން އޭނާއަށް ކެތްނުވީއެވެ. ގޭތެރޭގެ ޙާލަތު ގޯހެވެ. އޮފީހުގެ ކަންތައްތަކާ ކުންފުނި ވެސް އޮތީ ބޮއްސުން ލާފައެވެ. "މޭޕަލް ހެރިޓޭޖް" ކުންފުނިން ހުރިހާ ޕްރިޖެކްޓްތަކެއް އަތުލާ އިތުރު ކޮންޓްރެކްޓެއް ނަހަދަން ނިންމުމުން ކުންފުންޏަށް ލިބުނު ގެއްލުންތައް ފޫ ނުބެއްދި އުޅެނިކޮށް އެހެން ދެ ކުންފުންޏަކުން އެގްރީމެންޓުތައް ބާތިލް ކުރުމުން، ކުންފުނި ހިންގަނީ އިހުނަށް ވުރެ ބޮޑަށް ގެއްލުމުގައެވެ. ބައްޕައަށް ވެސް މިހާރު އެއްވެސް ކަމަކާ އުޅެވޭ ގޮތެއް ނުވެއެވެ. ކުންފުނީގެ އިސްވެރިންގެ ތެރޭގައި ވެސް ތަފާތު ވާހަކަތައް އެމީހުންނާ ބެހޭ ގޮތުން ދިޔައީ ދެކެވެމުންނެވެ. ޝުބާގެ ސަބަބުން ލިބުނު ހިތްދަތިކަމުގައި ބައްޕަ ވެސް އޮފީހަށް ދަނީ ކޮންމެހެން ދާން ޖެހިގެންނެވެ. އެހެން ނޫނީ ބަލަނީ އޮފީހަށް ވަދެނުލާ ވޭތޯއެވެ. ހުރިހާ ކަމެއް އޮތީ އޭނާއާ ހަވާލުކޮށްފައެވެ. އެހެންނަމަވެސް، އަމިއްލަ ދިރިއުޅުމުގައި އުޅެން ޖެހޭ ޙާލަތުގެ ސަބަބުން އޭނާއަށް ވެސް އެކަށީގެންވާ ގޮތުގައި ކުންފުންޏަކަށް ވަގުތެއް ނުދެވެއެވެ. އަނެއްކޮޅުން ގޭތެރެއިން ވެސް އިވެނީ އަބަދު އަބަދު ޝާފިޔާގެ ނުރުހުމާއި ޒުވާބެވެ. އެކަމާ ހެދި އޭނާ ހުންނަނީ ބޯ ގޮވާފައެވެ.
"މަންމަ ވެސް މައިތިރިވެގެން ހުރޭ. މީގެ ފަހުން އެއްވެސް އެއްޗެއް ބުނެގެން ނުވާނެ. ދެން ޝުބާ. ބުނީމަ ބުނާ ގޮތް ހަދާނީ. މިބުނީނު ޑޮކްޓަރަށް ދައްކަން ހިނގާށޭ. ދެން މަށާ ޖަދަލުކުރާނީ އެއް ނޫން. ހިނގާ ހަމަ މިހާރު." ރިހާމް ރުޅި ގަދަވިއެވެ. އެ އަޑަށް ކޮޓަރީގައި ހުރި ރަޝީދު ވެސް ނުކުމެގެން އަތުވެއްޖެއެވެ. ރިހާމް އެގޮތަށް ރުޅި އައުމުން، ޝުބާ އަށް ވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ އާނއެކޭ ބުނެ ބޯ ޖަހައިލިއެވެ.
"އަދި އެއް ވާހަކަ މީގެ ފަހުން މިގޭ ތެރެއިން ދަރި ވައްޓާ ވާހަކަ އެކަކު ވެސްދައްކާކަށް ނުވާނެ. ދެނެއް އެކަމެއް ނުވެސް ކުރެވޭނެ. ޝުބާ އިރާދުކުރެއްވިއްޔާ އެ ދަރި ވިހާނެ. އަޑު އިވިއްޖެ. އާ. ދެން ދެރަވެއްޖެ ކަމެކޭ. އަދި ވެސް އެއްޗެއް ވިސްނޭކަށް ނޫޅެޔޭ އެކަކަށް ވެސް." ރިހާމްއަށް ބުނެވުނެވެ. އޭނާ އައިރާގެ ނަން ނުކިޔަސް ހަޤީޤަތުގައި ފަހު ޖުމްލަ ބުނި އިރު އޭނާގެ ހަނދާނުގައި ވަނީ އައިރާއެވެ.
*****
ރޭގަނޑު އައިރާގެ ރިޕޯޓުތައް ލިބުމުން، ޑޮކްޓަރަށް ދައްކަން ދިޔުމާއެކު އައިރާ އެޑްމިޓްކުރެވުނެވެ. ލޭ ކުޑަކޮށް މަދުވީތީ ލޭ އެޅުމަށްޓަކައެވެ. ޒަހްރާން ގޭގެ އެންމެންނަށް ގުޅައިފައި އައިރާ އެޑްމިޓްކުރެވުނު ޚަބަރު ދިނެވެ. ލޭ އެޅުމަށް ފަހު އިތުރު މައްސަލައެއް ނެތިއްޔާ ގިނަ އިރު ނުވެ ދޫކޮށްލާނެކަމަށް ބުނެފައިވީ ނަމަވެސް، އެވަގުތު ކޮޅު ވެސް އޭނާ، ޕްރައިވެޓް ކޮޓަރިއަކަށް އައިރާ ބަދަލުކުރިއެވެ. ހުރިހާ ގޮތަކުން ވެސް އައިރާއަށް ފަސޭހަވާން އޭނާ ބޭނުންވާތީއެވެ. ޒަހްރާން އައިރާގެ ގާތުން އެންމެ ހިނދުކޮޅަކު ވެސް ދުރަކަށްނުދެއެވެ.
އައިރާގެ އަތުގައި ފިރުމަމުން ދިޔަ ޒަހްރާނަށް ބަލަހައްޓައިގެން އައިރާ އިނީ ހިނިތުންވެފައެވެ.
"ކިހިނެއްވީ؟ ތިވަރަށް ބަލަންޏާ އަހަރެން ވެސް ލަދުގަނޭ އިނގޭ..." ޒަހްރާން ބުނެލިއެވެ. އޭނާ ސަމާސާ ކޮށްލީއެވެ.
"އަހަރެންގެ ފިރިމީހާއަށް ބޭނުންވަރަކަށް ބެލޭނެއެއް ނޫންތަ؟" އައިރާ ވެސް އެ ސަމާސާގައި ބައިވެރިވިއެވެ. ޒަހްރާން ވެސް ހީނލިއެވެ. އައިރާ ފެންފޮދެއް ބޭނުންވާ ވާހަކަ ބުނުމުން ޒަހްރާން ގޮނޑިން ތެދުވެލިއެވެ. އެއަށް ފަހު އޯވަރބެޑް ޓޭބަލް މަތީގައި ހުރި ފެންފުޅިން ތައްޓަށް ފެން އެޅުމަށް ފަހު، އައިރާގެ ތުމުގައި ޖައްސައިލަދިނެވެ.
"ތީ ފެން ބޯ ވަރަކީ؟" ފުރާލަ އެޅި ތަށީގެ މެދަށް ވެސް އައިރާ ފެނެއް ނުބޮއެވެ. ތައްޓަށް ބަލައިލުމަށް ފަހު ޒަހްރާން އަދި ފެންފޮދެއް ބުއިމަށް އެދުނެވެ. އައިރާ މަނާވެގަތެވެ. ފަހުން ކަމަށް ބުނެއެވެ. ތަށި ބެހެއްޓުމަށް ފަހު، ގޮނޑީގައި އިށީނުމުގެ ކުރިން ޒަހްރާން އައިރާގެ ނިތަށް ބޮސްދިނެވެ. އައިރާއަށް ހިނިތުންވެވުނެވެ. ޒަހްރާންގެ ފޯނު ރިންގުވުމާއެކު، ޖީބުގައި އޮތް ފޯނު ނަގާ އޭނާ ބަލައިލިއެވެ.
"މަންމަ..." ޒަހްރާން ބުންޏެވެ. އެއަށްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.
"ދަރިފުޅު. މަންމަމެން މި ތިބީ ތި ވާރޑްގަ. ކިތަށް ވަނަ ކޮޓަރިތަ؟" ބަސްމާގެ އަޑު އިވުނެވެ. ޒަހްރާން ކޮޓަރި ނަންބަރު ބުނެލުމަށް ފަހު، އައިރާ ގާތު ދޮރުން ބޭރަށް އެބަ ނުކުމެލަމޭ ބުނެލިއެވެ. އައިރާ ބޯ ޖަހައިލުމުން، ޒަހްރާން ގޮސް ދޮރު ހުޅުވައިލިއެވެ. އޭރު ބޭރުގައި ބަސްމާއާއި ލަޔާލީ ތިއްބެވެ.
"އައިރާ ރަނގަޅުތަ؟ ކީކޭ ޑޮކްޓަރު ބުނީ؟" ބަސްމާ ސުވާލުކޮށްލިއެވެ.
"ހަމައެކަނި ލޭ މަދު ވާހަކަ ބުނީ. ދެން ލޭ އަޅާފަ އިތުރު ކަމެއް ނެތިއްޔާ ދޫކޮށްލާނަމޯ." ޒަހްރާން ބުނެލިއެވެ.
"ދަރިފުޅު ރަނގަޅުތަ؟" އެތެރެއަށް ވަނުމާއެކު އައިރާގެ ގާތަށް ގޮސް ހުއްޓި ބަސްމާ ސުވާލުކޮށްލިއެވެ. އޭނާ އައިރާގެ ބޮލުގައި ފިރުމައިލިއެވެ.
"ހޫމް. ރަނގަޅު." އައިރާ ބުންޏެވެ.
"އެއްޗެއް ބޭނުންތަ؟ މަންމަ ބުނަންތަ އެއްޗެއް ތައްޔާރުކޮށްލަން؟" ބަސްމާ ސުވާލުކޮށްލިއެވެ.
"ދެންމެ ކައިގެނެއްނު މިއައީ. ދެން ފަހުން." އައިރާ ބުނެލިއެވެ. އެންމެންގެ ފަރާތުން އޭނާއަށް ލިބޭ ސަމާލުކަމުން އޭނާއަށް އިންތިހާ އުފާލިބެއެވެ. ޢާއިލާއެއްގެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި އޭނާއަށް މިއަދު އެބަ އިޙްސާސްކުރެވެއެވެ.
ގެއަށް ދޫކޮށްލުމުން ވެސް އެންމެން އޭނައާ ހެދި އުޅޭވަރު ފެނި އައިރާ އުފާވިއެވެ.
*****
ގޭގައި އޮންނަން ފޫހިވެގެން ޒަހްރާނާ އެކު ކާރު ދުއްވައިލަން ދިޔަ ރެއެކެވެ. ދުއްވަމުން ގޮސް އޭނަ ކުރިން އުޅުނު އެޕަރޓްމެންޓް ހުންނަ އިމާރާތާ އަރާ ހަމަވުމާއެކު އައިރާއަށް އެ ދިމާ ބަލައިލެވުނެވެ. އެހެން ނަމަވެސް ހިނދުކޮޅަކަށެވެ.
"އައިރާ.. " ޒަހްރާން ގޮވައިލިއެވެ.
"ކިތަންމެ ހިތްދަތި ހަނދާންތަކެއް ގުޅިފައި ވިޔަސް އަހަންނަށް އަހަރެންގެ އުފާތަކާ ބައަދަލުވި ތަނަކި އެއީ." އައިރާ ހިނިތުންވެލުމަށް ފަހު ޒަހްރާން ދެކެ ލޯބި ވާ ވާހަކަ ބުނެލިއެވެ. ޒަހްރާން ވެސް މެއެވެ.
*****
ދުވަސްތައް ފާއިތުވަމުން ގޮސް، އައިރާގެ ބަނޑަށް ނުވަ މަސް ފުރިއްޖެއެވެ. ބޮޑު ބަނޑާއެކު ހިނގާ ބިނގާވެ އުޅުން ވެސް އޭނާއަށް ދަތިވެއްޖެއެވެ. ޒަހްރާން ވެސް މިހާރު އޮފީހުން ޗުއްޓި ނަގައިފިއެވެ. އައިރާއަށް އަބަދު ވެސް މީހެއްގެ އެހީތެރިކަން ބޭނުންވެއެވެ. އޮށޯވެ އޮވެފައި ތެދުވުމަށާއި، އިށީނދެ އިނދެފައި ތެދުވުމަށް ވެސް އޭނާ މީހެއްގެ އެހީ ބޭނުންވެއެވެ. ގޭތެރެއިން އޭނާއަށް ލިބެމުންދާ ލޯބި ވެސް ހީވަނީ ދެގުނަވީހެންނެވެ. އޭނާ ކަމެއް ބޭނުންވޭތޯ ބަސްމާ ވެސް ހުންނަނީ އަބަދު ބަލައިލަބަލައިލައެވެ.
ފަތިހުގެ ވަގުތެވެ. ނިދިފައި އޮތް ޒަހްރާނަށް ހޭލެވުނީ، އޭނާގެ ގައިގައި މީހަކު ކޮއްޓާހެން ހީވުމުންނެވެ. ޒަހްރާން ބޭނުންވީ އަދިވެސް ނިދާލަން ނަމަވެސް، ލޮލާ ނިންގާ ވަގުތުން ދެ ތަން ކޮށްލީ އައިރާގެ އަޑެވެ.
"ރެން..."
(ނުނިމޭ)