ކައިވެނިކޮށްގެން އުޅުނުއިރު، އަނބިމީހާއަށް ބަނދެދިން ދޯނި އަތުލަން ކޯޓަށް

ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ކައިވެނިކޮށްގެން އުޅުނުއިރު، އަނބިމީހާއަށް ބަނދެދިން ދޯންޏެއް، ވަރިވުމަށް ފަހު އަނބުރާ ހޯދަން ދިވެހި ފިރިހެނަކު ކޯޓަށް ހިނގައްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއީ، މާލެއަށް ނިސްބަތްވާ އުމުރުން ދުވަސްވީ ދެ މީހެއްގެ މައްސަލައެވެ.

މި ދެ މީހުން އެކުގައި އުޅުނުއިރު، ފިރިމީހާ ވަނީ އަނބިމީހާއަށް ދޯންޏެއް ބަނދެ ދީފައެވެ. އެހެންނަމަވެސް ދެ މީހުންގެ ކައިވެނި ރޫޅުމުން، ފިރިމީހާ ބޭނުންވީ ދޯނީގެ 50 ޕަސެންޓަކީ އޭނާގެ މިލްކެއް ކަމުގައި ކަނޑައަޅާށެވެ. އަދި 50 ޕަސެންޓް މިލްކުވެރިކަން ނޫނީ އޭނާ ބޭނުންވީ އޭނާގެ ކުރީގެ އަނބިމީހާގެ އަތުން އަށް މިލިއަން ރުފިޔާއެވެ.

މި ފައިސާ ނުވަތަ، ދޯނީގެ މިލްކުވެރިކަމުގެ ހިއްސާ ހޯދުމަށް މި މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް، ކޯޓުން އެންގި ލިޔެކިޔުންތައް އެންގި މުއްދަތުގެ ތެރޭގައި ފިރިހެން މީހާގެ ފަރާތުން ކޯޓަށް ހުށަނޭޅުމުން މި މައްސަލަ ކޯޓުން ވަނީ މިހާރު ބޭރުކޮށްލާފައެވެ. ކޯޓުން ހުށަހަޅަން އެންގި ލިޔެކިޔުންތައް ފިރިހެން މީހާގެ ފަރާތުން ހުށަހަޅާފައިނުވާ ސަބަބު ސާފުވެފައެއް ނުވެއެވެ.

އާންމު އުޞޫލުން، ކައިވެނިކޮށްގެން އުޅުނު އިރު އަނބިމީހާއަށް ދީފައިވާ ހަދިޔާއެއް، ވަރިކުރުމަށްފަހު އަނބުރާ އަތެއް ނުލެވޭނެއެވެ.

ދީނީ ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި އިސްލާމީ ޝަރީޢަތުގެ ޙުކުމަކީ ވެސް މީހަކަށް ހަދިޔާއެއް ދީ، އެ އެއްޗަކާ އަނެކާ ހަވާލުވުމަށްފަހު އެ ހަދިޔާއެއް އަނބުރާ އަތުނުލެވޭނެ ކަމެވެ. ހަދިޔާއެއް ދީ، އެ އެއްޗަކާ އަނބިމީހާ ހަވާލުވުމުން އެ އެއްޗެއްގެ ފުރިހަމަ މިލްކުވެރިކަން ބަދަލުވަނީ އަނބިމީހާއަށެވެ. ކައިވެނި ރޫޅުނު ކަމުގައި ވިޔަސް އެއީ އޭނާގެ އަމިއްލަ މުދަލެކެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ އުޞޫލުގައިވާ ގޮތުން، ރާއްޖޭގެ ޢާއިލާއާ ބެހޭ ކޯޓުތަކުން ބަލަނީ ކައިވެނިމަތީގައި ދީފައިވާ ހަދިޔާއަކީ އެ ލިބުނު މީހެއްގެ އަމިއްލަ މިލްކެއްގެ ގޮތުގައެވެ.

ވަރިވުމަށްފަހު އެފަދަ ތަކެތި އަނބުރާ ދޭކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، އެއީ "ހަދިޔާއެއް" ގެ ގޮތުގައި ނޫން، ހަމައެކަނި ވަގުތީ ގޮތުން ބޭނުންކޮށްލަން ދިން އެއްޗެއްކަން ސާބިތުވާނަމަ ނުވަތަ އަނބުރާ ދޭގޮތަށް ދަރނީގެ ގޮތުގައި ދިން ފައިސާއެއް ނުވަތަ އެއްޗެއް ނަމަ އަނބުރާ އަތުލެވޭނެ އިސްތިސްނާ ހާލަތްތަކެއް ހުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު