ދުނިޔޭގެ ފުޓްބޯޅަ މައި އިދާރާ (ފީފާ) އިން ވޯލްޑް ކަޕުގެ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް ވިއްކާލުމަށް އެކުލަވާލާފައިވާ ހުށަހެޅުމާ ދެކޮޅުހެއްދެވުމުގެ ގޮތުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ސީނިއާ އެޑްވައިޒާ ކާލޯސް ކޯޑެއިރޯ ވަގުތުން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ދެހާސް އެކާވީސް ވަނަ އަހަރުން ފެށިގެން ފީފާގެ މުސްތަގުބަލު ބައްޓަންކުރުމުގެ މުހިންމު ދައުރެއް އަދާކުރެއްވި ކޯޑެއިރޯ ވިދާޅުވީ، މި ޕްލޭނުގެ ސަބަބުން މުޅި ފުޓްބޯޅައަށާއި އެ އިދާރާގެ މެންބަރު ގައުމުތަކަށް ލިބޭނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
ފީފާއިން ރާވަމުންދަނީ 20 ބިލިޔަން ޑޮލަރުގެ އަގުހުރި "ފީފާ ފޯވާޑް އެންޓަޕްރައިޒް (އެފްއެފްއީ)" ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، ވޯލްޑް ކަޕާއި އެހެނިހެން ބޮޑެތި މުބާރާތްތައް އެ ކުންފުނީގެ ދަށަށް ބަދަލުކުރުމަށެވެ. އަދި އެ ކުންފުނީގެ 20 އިންސައްތަ ހިއްސާ ބޭރުގެ އިންވެސްޓަރުންނަށް 4.2 ބިލިޔަން ޑޮލަރަށް ވިއްކާލުމަށް ވަނީ ހުށަހަޅާފައެވެ.

އިންފަންޓީނޯގެ ސީނިއަރ އެޑްވައިޒަރ ކާލޯސް ކޯޑެއިރޯ--
މި އިންވެސްޓަރުންގެ ގްރޫޕް އިސްވެ ހިންގުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނާގެ ކޮއްކޮ ޖޯޝުއާ ކުޝްނާގެ "ތުރައިވް ކެޕިޓަލް" އިންނެވެ.
ކުރީގެ ބޭންކަރެއްގެ އިތުރުން އެމެރިކާގެ ސޮކަރ ފެޑެރޭޝަނުގެ ކުރީގެ ނައިބު ރައީސްކަންވެސް ކުރެއްވި ކޯޑެއިރޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ފީފާގެ ރިޒާވްގައި ބިލިއަން ޑޮލަރު ހުރިއިރު އަދި އެއްވެސް ދަރަންޏެއް ނެތްއިރު، ފުޓްބޯޅައިގެ އެންމެ އަގުހުރި ވަސީލަތުގެ ހިއްސާ ވިއްކާލަން އުޅޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި މި ހުށަހެޅުން ތައްޔާރުކުރުމުގައި އޭނާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، މިއީ އެއްވެސް މަގުބޫލު ސަބަބެއް ނެތި ފުޓްބޯޅައިގެ މުސްތަގުބަލު ރަހުނުކުރުން ކަމަށްވެސް އޭނާ ސިފަކުރެއްވިއެވެ.
މި ހުށަހެޅުމާ ދެކޮޅަށް ދުނިޔޭގެ އެކި ސަރަހައްދުތަކުގެ ފުޓްބޯޅަ ކޮންފެޑެރޭޝަންތަކުން ވަނީ ވަރުގަދައަށް ތެދުވެފައެވެ.
ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާ (ޔުއެފާ) ގެ 55 މެންބަރު ގައުމުން ވަނީ ފީފާގެ މުބާރާތްތައް ބޮއިކޮޓް ކުރުމަށް އިއްތިފާގުން ފާސްކޮށްފައެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ ކޮންކާކަފް އާއި އޭޝިއާގެ ފުޓްބޯޅަ އިދާރާ (އޭއެފްސީ) އިންވެސް ވަނީ މި ހުށަހެޅުމާ ދެކޮޅަށް ޔުއެފާއާއެކު ސާބިތުވެ ތިބިކަން ހާމަކޮށް، ފީފާގެ ނިންމުންތަކަށް ފާޑުކިޔާފައެވެ.
ބޮޑެތި އިދިކޮޅު މުޒާހަރާތަކާއި ފާޑުކިޔުންތައް އަމާޒުވަމުން ދިޔަ ނަމަވެސް، ފީފާއިން ބުނީ މީޑިއާގައި ފެތުރިފައިވާ ނުބައި މައުލޫމާތުތަކުގެ ސަބަބުން މަޝްވަރާތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ.
ނަމަވެސް ފީފާގެ 211 މެންބަރު ގައުމަށް ސެޕްޓެމްބަރު 19 ގެ ކުރިން މި ހުށަހެޅުން ހުށަހަޅައި، ހަގީގަތުގެ މައްޗަށް ބިނާކޮށް ވޯޓުދިނުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.