މުޅި ރާއްޖެއަށް ވަރަށް ވިއްސާރަ ކުރަމުން ދާއިރު, ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް މިއަދު ޖައްސަން އޮތް ބައެއް ފްލައިޓްތައް ޑިލޭވެއްޖެއެވެ.
އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ބައެއް ފްލައިޓްތައް ޑިލޭވެފައި ވަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު ހެނދުނު 8:10 އާ ހަމައަށް އެ އެއާޕޯޓަށް ޖައްސަން އޮތް ފަސް ފްލައިޓެއް ވަނީ ޑިލޭވެފައެވެ.
ފްލައިޓްތައް ޓްރެކްކުރާ ވެބްސައިޓް “ފްލައިޓްރާޑާ” އިން ދައްކާ ގޮތުގައި، މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ފްލައިޓްތަކަށް ނުޖެއްސި، ވަރަށް ގިނައިރު ވަންދެން މަތީގައި ދުއްވާފައިވެއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ނުޖެއްސިގެން، އޭރޯފްލޮޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް، އިންޑިގޯ، އަދި ފިޓްސްއެއާ ވެސް މަތީގައި ގިނައިރުތަކެއް ވަންދެން ދުއްވަން ޖެހުނެވެ. ދުބާއީން މާލެއަށް އައި ފްލައި ދުބާއީގެ ފްލައިޓް މިހާރު ވަނީ ކޮލަމްބޯއަށް ޑައިވާޓްކޮށްފައެވެ.
ވީއާރްއެމްއެމްގެ މިހާރުގެ މީޓާއިން ދައްކާ ގޮތުގައި ދުރުފެންނަ މިންވަރު ދަށްވެފައިވާއިރު، 35 ނޮޓަށްވުރެ ބާރަށް ދަނީ ވައިޖެހެމުންނެވެ.
މީގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތަކަށާއި ދަތުރުވެރިންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ޚާއްސަކޮށް ކަނޑުމަގުން ރިސޯޓުތަކަށާއި ރަށްރަށަށް ދަތުރުކުރަން ތިބި ފަތުރުވެރިންނާއި އާންމުންނަށް މިކަމުގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ނެރެފައިވާ މޫސުމުގެ ލަފާކުރުންތަކަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، އެހެން ހިސާބުތަކަށް ވައި ޖެހޭނީ ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ.
މީގެ އިތުރުން، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. ރާޅުގެ އުސްމިން މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ފަސް ފޫޓާއި ހަތް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި ހަތަރު ފޫޓާއި ހަ ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅު އެރުމުގެ ފުރުސަތު އޮތުމާއެކު، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.