ޖަޕާނުގެ ކިއުޝޫ ޖަޒީރާގެ ކުމަމޯޓޯއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 34 އަށް އަރާފައިވާ ކަމަށް އެ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން މިއަދު ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު އައި 6.8 މެގްނިޓިއުޑްގެ މި ބިންހެލުމުގައި ގިނަ އަދަދެއްގެ އިމާރާތްތަކަށާއި ކަރަންޓު ވިއުގައަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ކަޝީމާގައި ހުންނަ އިއޯން މޯލްގެ ބައެއް ވެއްޓި، އޭގެ ގަޑިއިރެއްހާއިރު ފަހުން އެތަނުގައި އެއްޗެއް ގޮވުމުގެ ސަބަބުންވެސް ބަޔަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިއޯން ކުންފުނީގެ ރައީސް ވިދާޅުވި ގޮތުގައި، އެއީ ގޭސް ގޮވުމެއް ކަމަށް ބެލެވޭއިރު، އެ ހާދިސާ އަންނަނީ ތަހުގީގުކުރަމުންނެވެ.
ބިންހެލުމާ ގުޅިގެން 9،000 އެއްހާ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު، 30،000 އަށް ވުރެ ގިނަ ގޭބިސީން ވަނީ ކަރަންޓު ކެނޑިފައެވެ. މި ދުވަސްވަރު އެ ސަރަހައްދުގެ ހޫނުމިން 39 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ލަފާކުރެވޭތީ، ހީޓްސްޓްރޯކްގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ.
މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން، ކުމަމޯޓޯއަށް 300 އޭސީ ފޮނުވަން ނިންމާފައިވާ ކަމަށް ޖަޕާނުގެ ޑިފެންސް މިނިސްޓަރު ޝިންޖިރޯ ކޮއިޒުމީ ވަނީ އިއުލާންކުރައްވާފައެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އެތައް ހާސް ބަޔަކު ހަރަކާތްތެރިވަމުންދާއިރު، ޔަޓްސުޝިރޯ ސިޓީގައި ހުންނަ ނިޕޯން ޕޭޕަރ ކާރުޚާނާގެ ބައެއް ވެއްޓުމުގެ ސަބަބުން ފަސް މީހަކު ވަނީ މަރުވެފައެވެ. އެ ކާރުޚާނާގެ ތެރޭގައި ތާށިވި 11 މީހުންގެ ތެރެއިން ހަތް މީހަކު މިހާތަނަށް ސަލާމަތްކޮށްފައިވާ ކަމަށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޔަޓްސުޝިރޯގައި ރެސްޓޯރެންޓެއް ހިންގާ އުމުރުން 75 އަހަރުގެ ހިރޯކޯ އޮގާޓާ ބީބީސީއަށް މައުލޫމާތު ދިން ގޮތުގައި، އޭނާގެ ހަޔާތުގައިވެސް އެހާ ބާރުގަދަ ބިންހެލުމެއް ތަޖުރިބާކޮށްފައެއް ނުވެއެވެ. އަދި އޭނާ މަރުވެދާނެ ކަމަށް ހީކުރި ކަމަށްވެސް ބުނެފައިވެއެވެ. ބިންހެލުމަށްފަހު 100 އަށް ވުރެ ގިނަ އާފްޓާޝޮކް އައިސްފައިވާއިރު، އިތުރު ބިންހެލުމެއް އަތުވެދާނެ ކަމުގެ ބިރަށް ގިނަ ބަޔަކު ނިދަނީ ކާރުތަކުގައެވެ.