އިންޑިއާގައި ޕޭޕަރު ލީކުވި މައްސަލައިގައި 13 މީހަކަށް ދައުވާކޮށްފި

ޕޭޕަރު ލީކްވި މައްސަލާގައި އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން-- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ މެޑިކަލް ކޮލެޖުތަކަށް ވަނުމަށް ބާއްވާ ގައުމީ އިމްތިހާނުގެ ސުވާލު ކަރުދާސް ލީކުވި މައްސަލައިގައި 13 މީހެއްގެ މައްޗަށް އެ ގައުމުގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ދައުވާކޮށްފިއެވެ.

ސީބީއައިއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ނޭޝަނަލް ޓެސްޓިން އެޖެންސީގެ ތިން މާހިރުންނާއި، ސުވާލުތައް ހޯދައި ބެހި މެދުވެރިންގެ އިތުރުން ޓިއުޝަން ސެންޓަރުތަކާ ގުޅުން ހުރި ދެ މީހަކު ހިމެނެއެވެ. މި އެންމެންވެސް މިހާރު ތިބީ ފުލުހުންގެ ބަންދުގައެވެ.

އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި މަކަރުހެދުމާއި، އޮޅުވާލުމާއި، އިތުބާރު ކަނޑާލުމުގެ އިތުރުން ހެކި ނައްތާލުން ހިމެނޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ޒުވާނުން ކުރިއަށްގެންދިޔަ މުޒާހަރާތަކާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން ވަނީ މިދިޔަ ހޮނިހިރު ދުވަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު ނޭޅުމަށާއި، ހައްޔަރުކުރި 18 އަހަރުން ދަށުގެ ކުދިން ދޫކޮށްލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ވަނީ އަންގާފައެވެ.

މިދިޔަ މެއި މަހު ބޭއްވި ނޭޝަނަލް އެލިޖިބިލިޓީ ކަމް އެންޓްރެންސް ޓެސްޓް (ނީޓް) ގައި ދެ މިލިއަނެއްހާ ދަރިވަރުން ބައިވެރިވިއެވެ. ނަމަވެސް ކަރުދާސް ލީކުވިކަން ފަޅާއެރުމުން އެ އިމްތިހާނު ބާތިލުކޮށް، ޖޫން 21 ގައި ވަނީ އަލުން އިމްތިހާނު ބާއްވާފައެވެ.

މި މައްސަލައާ ގުޅިގެން، އިމްތިހާނުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އިންޑިއާ ސަރުކާރުން މިހާރު ވަނީ ގާނޫނުހަދާ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ. މި ބިލު ފާސްވެއްޖެނަމަ، ކުށް ސާބިތުވާ މީހުންނަށް ފަސް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމާއެކު، 50 މިލިއަން ރުޕީސްއާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

comment ކޮމެންޓް