އޮސްޓްރޭލިއާއިން ޓެލެގްރާމާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ފަށައިފި

މި ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން ޓެލެގްރާމް 38 މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކުރުމުގެ ފުރުސަތު އެބައޮތް ---

އޮސްޓްރޭލިއާގެ އިންޓަނެޓް ރެގިއުލޭޓަރުން، މަޝްހޫރު މެސެޖިން އެޕްލިކޭޝަން "ޓެލެގްރާމް" އާ ދެކޮޅަށް ގާނޫނީ ފިޔަޅު އަޅަން ފަށައިފިއެވެ.

އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނަރުގެ އޮފީހުން މި ފިޔަވަޅު އަޅާފައިވަނީ ނިރުބަވެރިކަމަށް ހިތްވަރުދޭ އަދި އިންސާނިއްޔަތާ ހިލާފު އަނިޔާވެރި އަމަލުތައް ދައްކުވައިދޭ ވީޑިއޯތައް އެ އެޕްލިކޭޝަނުން ނަގާފައިނުވާތީއެވެ.

އީ-ސޭފްޓީ ކޮމިޝަނަރު ޖޫލީ އިންމަން ގްރާންޓް ވިދާޅުވި ގޮތުގައި، މީގެ ތެރޭގައި ކްރައިސްޓްޗާޗް އަދި ބަފަލޯގައި ދިން ނިރުބަވެރި ހަމަލާތަކާ ގުޅުންހުރި ނުރައްކާތެރި މައުލޫމާތާއި ވީޑިއޯތައް ހިމެނެއެވެ. އަދި މިފަދަ މައުލޫމާތުތައް ނެގުމަށް ޓެލެގްރާމަށް އެންގުމުންވެސް، ގިނަ ދުވަސްތަކެއް ވަންދެން އެ މައުލޫމާތުތައް އެޕްލިކޭޝަނުން ފެންނަން ހުރި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/223477

އޮސްޓްރޭލިއާގެ ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް ނިރުބަވެރިކަމަށް ހިތްވަރުދޭ 12 ޕޯސްޓެއްގެ މައްސަލަ އާންމުންގެ ފަރާތުން ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، އޭގެ ތެރެއިން 10 ޕޯސްޓެއް ނުނަގާ ހުރުމުގެ އިތުރުން، އެ ތަކެތި ޕޯސްޓުކުރި އެކައުންޓްތައް ބްލޮކްކުރުމަށްވެސް ޓެލެގްރާމުން ފިޔަވަޅު އަޅާފައެއް ނުވެއެވެ.

މި ގަވާއިދުތަކާ ހިލާފުވުމުގެ ސަބަބުން ޓެލެގްރާމް 54.6 މިލިއަން އޮސްޓްރޭލިއަން ޑޮލަރު (38 މިލިއަން އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކުރުމުގެ ފުރުސަތު އެބައޮތެވެ. މިއީ އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮސްޓްރޭލިއާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ބޮޑު ފިޔަވަޅެކެވެ.

މި ތުހުމަތުތަކަށް ރައްދު ދެމުން ޓެލެގްރާމްގެ ތަރުޖަމާނަކު ބުނީ، އޮސްޓްރޭލިއާގެ އީ-ސޭފްޓީ ކޮމިޝަނުން ކުރާ ތުހުމަތުތައް ބަލައިނުގަންނަ ކަމަށާއި ކޯޓުގައި އެ މައްސަލައާ ދެކޮޅަށް ވަކާލާތު ކުރާނެ ކަމަށެވެ. އަދި ނިރުބަވެރިކަމާ ދެކޮޅަށް އެ ކުންފުނިން ކުރާ މަސައްކަތްތަކަކީ އެންމެންނަށްވެސް އެނގޭނެ ކަންކަން ކަމަށާއި، ހަމައެކަނި މިއަހަރުގެ ތެރޭގައިވެސް ނިރުބަވެރިކަމަށް ހިތްވަރުދޭ އެތައް ހާސް ގްރޫޕެއް ބަންދުކޮށްފައިވާނެ ކަމަށް ޓެލެގްރާމުން ބުންޏެވެ.

މި މައްސަލައަކީ އިންޓަނެޓްގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބޮޑެތި ކުންފުނިތަކުން އޮންލައިންކޮށް ފަތުރާ ނުރައްކާތެރި މައުލޫމާތުތައް ކޮންޓްރޯލްކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ފަށާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރެއިން ފެންމަތިވި މައްސަލައެކެވެ.

މީގެ ކުރިންވެސް އެ ގައުމުގެ އީ-ސޭފްޓީ ކޮމިޝަނުން ވަނީ އެކްސް (ކުރީގެ ޓްވިޓާ) އާއި މެޓާ ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ގުޅޭ މައުލޫމާތާއި ނަފްރަތު އުފައްދާ ވާހަކަތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާކަމަށް ބުނެ، އެ ކުންފުނިތަކާ ދެކޮޅަށްވެސް ގާނޫނީ ފިޔަވަޅުތައް އަޅައި ބޮޑެތި ޖޫރިމަނާތަކެއް ކޮށްފައެވެ. އަދި އޮސްޓްރޭލިއާއަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހުންނަ ނުރައްކާތެރި މާއްދާތައް ނައްތާނުލައިފިނަމަ، އެ ކުންފުނިތަކުގެ އިސްވެރިންނަށް ޖިނާއީ ދައުވާ ކުރެވޭގޮތަށް ގާނޫނުތައް ހަދައި، އޮންލައިން ރައްކާތެރިކަމަށް އެންމެ ބޮޑަށް ފިޔަވަޅު އަޅަމުންދާ އެއް ގައުމެވެ.

comment ކޮމެންޓް