ހަގީގީ މިނިވަންކަމަށް: ޝަކުވާ މަދުކޮށް ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭ

ރާއްޖޭގެ ނޫކުލައިގެ ރީތި ކަނޑުތަކާއި ހުދު ދޮންވެލި ގޮނޑުދޮށްތަކަކީ މުޅި ދުނިޔެއަށް މަޝްހޫރު، ދުނިޔެމަތީގެ ސުވަރުގެއެވެ. ފަތުރުވެރިކަމަކީ ދިވެހިންގެ އެންމެ ބޮޑު ނަސީބެވެ. ހަމަ އެއާއެކު އެހެން ދާއިރާތަކުން އާމްދަނީ ހޯދަން ވެސް މިއަދު މި ވަނީ ޖެހިފައެވެ. މި ހަފުތާގެ "އެޑިޓަރުންގެ ވަށްމޭޒު" ޕްރޮގްރާމްގައި ފާހަގަކުރި ގޮތުގައި، ހަގީގީ އިގުތިސާދީ މިނިވަންކަން ލިބޭނީ ޝަކުވާކުރުން މަދުކޮށް، ގުދުރަތުން ރާއްޖެއަށް ދީފައިވާ އެހެނިހެން ފުރުސަތުތަކުގެ ބޭނުން ހިފައިގެންނެވެ.

އިގުތިސާދު ސިންދަފާތުކުރުމަށް އޮތް އެންމެ ބޮޑު އެއް ފުރުސަތަކީ ރާއްޖޭގެ އުތުރުން، އިހަވަންދިއްޕޮޅު ކައިރިން އޮންނަ ބައިނަލްއަގުވާމީ ކަނޑުއޮޅިއެވެ. ދުވާލެއްގެ މައްޗަށް 200 އަށްވުރެ ގިނަ ބޯޓުފަހަރު އެ ސަރަހައްދުން ހުރަސްކުރާއިރު، އަހަރެއްގެ މައްޗަށް 20 މިލިއަނަށްވުރެ ގިނަ ކޮންޓޭނަރު އުފުލައެވެ. މި ސަރަހައްދުގައި ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، ބަންކަރިން އަދި ބޯޓުފަހަރު މަރާމާތުކުރުމުގެ ހިދުމަތް ފެށުމަކީ ބޮޑު އާމްދަނީއެއް ލިބޭނެ ކަމެއް ކަމަށް ޕްރޮގްރާމްގައި ބައިވެރިވި އެޑިޓަރުން ފާހަގަކުރިއެވެ.

މީގެ އިތުރުން، ކަނޑުމަގުން ގެންނަ މުދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެ މަގުން އެހެން ގައުމުތަކަށް ފޮނުވާ ސީ-ޓޫ-އެއާ ކާގޯ ހިދުމަތަކީވެސް އުންމީދީ ދާއިރާއެކެވެ. ކަމާބެހޭ އިދާރާތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 12 އަށްވުރެ ގިނަ އެއާލައިނާއެކު މަހެއްގެ މައްޗަށް 430 ޓަނަށްވުރެ ގިނަ މުދާ މިހާރުވެސް އަންނަނީ އުފުލަމުންނެވެ. މިއީ ފުޅާ ކުރެވޭނެ ވިޔަފާރިއެކެވެ.

ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު ކަމަށްވާއިރު، މެރިކަލްޗާ ނުވަތަ ކަނޑުގެ ދިރުންތައް އާލާކުރުމަކީވެސް ފުޅާކުރެވިދާނެ ސިނާއަތެކެވެ. ރިސޯޓުތަކަށް ބޭނުންވާ ގިނަ ސީފުޑް ބޭރުން އެތެރެކުރާއިރު، ފާނައާއި ސީ ކިއުކަމްބާ ފަދަ އަގުބޮޑު ބާވަތްތައް ރާއްޖޭގައި އާލާކޮށް އެކްސްޕޯޓްކުރުމަށް އިސްކަންދެވިދާނެ ކަމަށް އެޑިޓަރުން ފާހަގަ ކުރިއެވެ.

ހަމައެއާއެކު، ރާއްޖެއިން ތެޔޮ އެތެރެކުރުމަށް އަހަރަކު 800 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހޭދަކުރާއިރު، އަހަރުގެ ބޮޑުބައި އަވިދޭ މި ގައުމުގައި އިއާދަކުރެވިނިވި ހަކަތައިން ކަރަންޓު އުފައްދައިގެން އެ ހޭދަ ކުޑަކުރެވޭނެއެވެ.

މީހުން ދިރިނޫޅޭ ރަށްރަށުގައި ހާއްސަ އިގުތިސާދީ ޒޯންތައް މެދުވެރިކޮށް، ޒަމާނީ ދަނޑުވެރިކަން ފުޅާކުރުމަކީވެސް މުހިންމު ކަމެކެވެ. މީގެ ސަބަބުން ރިސޯޓުތަކަށް ބޭނުންވާ ކާބޯތަކެތި ރާއްޖޭގައި އުފައްދައި، މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ވަޒީފާގެ ފުރުސަތުތައް އުފެދިގެންދާނެއެވެ.

comment ކޮމެންޓް