ފުލުހުން މީގެ ހަތް އަހަރު ކުރިން ތަހުގީގުކުރަން ފެށި މައްސަލައެއްގައި އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންދިޔަ 30،000 ޑޮލަރު (463,500 ރުފިޔާ) ހަލާކުވި މައްސަލައިގައި، ފުލުހަކު ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ލަފާ ދީފިއެވެ.
އެ މައްސަލައިގެ މައުލޫމާތު މިދިޔަ އަހަރު އާންމުވީއިރު، ފުލުހުން އޭރު ބުނީ މައްސަލަ ފާހަގަވީ އެ އަހަރުގެ އޯގަސްޓު މަހުގެ 13ގައި ކަމަށެވެ.
އޭރު ފުލުހުން ބުނީ އެއީ ސެޕްޓެމްބަރު 15، 2019ގައި ހުށަހެޅި މައްސަލައަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާތަކެއް ކަމަށެވެ.
އެ ފައިސާގެ ޖުމްލަ ހިސާބުގެ ފަރަގަކާ ގުޅޭ މައްސަލައެއް ފުލުހުންގެ ކްރިިމިނަލް އިންވެސްޓިގޭޝަން ކޮމާންޑުން ތަހުގީގުކުރާ ކަމަށާއި، އެއީ 30،000 ޑޮލަރުގެ ފަރަގެއް ކަމަށް އެ މުއައްސަސާއިން އޭރު ހާމަކުރިއެވެ.
އޭރު ވެސް ފުލުހުން ވަނީ، ފައިސާ ބަހައްޓައިފައި ހުރި ތަނުން ހަލާކުވެފައިވާ ފައިސާތަކެއް ކޮތަޅެއްގެ ތެރެއިން ފެނިފައިވާތީ، އެ ކަން ފޮރެންސިކް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށް ބުނެފައެވެ.
ފުލުހުން މިއަދު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ މައްސަލައިގައި ހިމެނޭ ޑޮލަރުތައް ހުރީ މުއައްސަސާގެ ފައިނޭންސް ޑިޕާޓްމަންޓުގެ ބެލުމުގެ ދަށުގައެވެ. ނަމަވެސް، އެކަމާ ހަވާލުވެ ހުރި މުވައްޒަފެއްގެ އިހުމާލުން އެ ފައިސާ ހަލާކުވި މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ތަހުގީގުކުރުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅި ކަމަށް ފުލުހުން ބުންޏެވެ.
އެ ބޯޑުން މި މަހުގެ ހަތް ވަނަ ދުވަހު ލަފާ ދިނީ އެ މުވައްޒަފު ވަޒީފާއިން ވަކިކޮށް، އިސްތިއުނާފު މަރުހަލާ ނިމެންދެން ވަޒީފާއިން ސަސްޕެންޑްކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
އެ ފައިސާ ހިފަހައްޓައިފައިވާ މައްސަލައާ ގުޅުންހުރި އެއްވެސް ތަފުސީލެއް މިހާތަނަށް ފުލުހުން ހިއްސާކޮށްފައިނުވެއެވެ. އަދި ވަކިކުރަން ނިންމި ފުލުސް މީހާއާ ގުޅޭ އިތުރު މައުލޫމާތެއް ވެސް ދީފައިނުވެއެވެ.