ފުރަތަމަ ފަހަރަށް ރާއްޖޭގައި ރޮބޮޓިކް ސާޖަރީ ފަށަނީ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭނުންކުރުމަށް މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމެއް ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން ރޮބޮޓިކް ސާޖިކަލް ސިސްޓަމް ސަޕްލައިކޮށް، އިންސްޓޯލްކޮށް އަދި ޓެސްޓުކުރުމުގެ އިތުރުން، އެ ނިޒާމު ބޭނުންކުރާނެ ގޮތުގެ ތަމްރީނު ދިނުމާއި މެއިންޓަނަންސްގެ މަސައްކަތް ވެސް ބީލަން ކާމިޔާބުކުރާ ފަރާތަކުން ކުރަންޖެހޭނެއެވެ.

މިއީ ރާއްޖޭގެ ސިއްހީ ނިޒާމަށް ރޮބޮޓިކް ސާޖަރީ ތައާރަފުކުރުމަށް ފަށާ ފުރަތަމަ މަސައްކަތެވެ.

ދަރުމަވަންތަ ހޮސްޕިޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަޝްރޫއަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ބައިނަލްއަގުވާމީ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ، އޮޕަރޭޝަން ކުރާ ޑޮކްޓަރުންނަށް ކޮމްޕިއުޓަރު ކޮންސޯލެއް މެދުވެރިކޮށް ރޮބޮޓިކް އަތްތަކެއް ކޮންޓްރޯލްކޮށްގެން އޮޕަރޭޝަންތައް ކުރުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތެކެވެ. މި ނިޒާމުގައި އާންމުގޮތެއްގައި ކެމެރާއަކާއި، އޮޕަރޭޝަން ކުރުމަށް ބޭނުންކުރާ ތަފާތު އާލާތްތައް ހަރުކޮށްފައިވާ އެތައް ރޮބޮޓިކް އަތްތަކެއް ހިމެނެއެވެ. މަލްޓި-ޕޯޓް ސިސްޓަމްތަކުގައި ބަލިމީހާގެ ހަށިގަނޑުން ކުދިކުދި އެތައް ތަނެއް ކަނޑައިގެން، އެ ތަންތަނުން ރޮބޮޓިކް އަތްތައް އެތެރެކޮށްގެން އޮޕަރޭޝަން ކުރެވޭނެއެވެ.

ސިއްހީ ދާއިރާގެ މާހިރުން ފާހަގަކުރާ ގޮތުގައި، ރޮބޮޓިކް ސާޖަރީގެ ސަބަބުން އޮޕަރޭޝަންތަކުގައި ލިބޭ ގެއްލުން ކުޑަވެ، ބަލިމީހާގެ ހަށިގަނޑުން ކަނޑަންޖެހޭ ތަން ކުޑަވުމުގެ ސަބަބުން ލޭ ފައިބާ މިންވަރު މަދުވެއެވެ. އަދި އޮޕަރޭޝަނަށްފަހު ބަލިމީހާ އާންމު ހާލަތަށް ރުޖޫއަވުމަށް ނަގާ ވަގުތު އަވަސްވުމާއި، އިންފެކްޝަން އުފެދުމުގެ ފުރުސަތު ކުޑަވުމަކީ ވެސް މި ނިޒާމުގެ މައިގަނޑު ފައިދާތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން، އިންސާނެއްގެ އަތަށް ވުރެ ރޮބޮޓިކް އަތްތަކުގެ ހަރަކާތްތައް ފުރިހަމަވެފައި، ކެމެރާގެ ޒަރީއާއިން އެތެރެހަށީގެ ގުނަވަންތައް ތްރީޑީކޮށް އަދި ވަރަށް ސާފުކޮށް ފެންނަން ހުރުމުން، ނާޒުކު އޮޕަރޭޝަންތައް ކުރުމަށް ޑޮކްޓަރުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދެއެވެ. ހާއްސަކޮށް ކެންސަރުގެ ބައެއް އޮޕަރޭޝަންތަކާއި، ހިތުގެ އަދި ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގައި މި ނިޒާމު ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި މިހާރު އަންނަނީ ފުޅާ ދާއިރާއެއްގައި ބޭނުންކުރަމުންނެވެ.

comment ކޮމެންޓް