ވެމްކޯގެ ތިލަފުށީ ސައިޓުގައި ރޯވުމުގެ ސަބަބުން އެނދި ކުނިތައް ހދ. ކުނބުރުދުއަށް ގެންދިއުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑު އުފުއްލަވަމުން ގެންދަވަނިކޮށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ)ގެ ނަން އިއްވައި ތަޅުމުން ބޭރުކޮށްލައިފިއެވެ.
މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގައި ކުރިއަށް ގެންގޮސްފައިވަނީ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަށް ބަހުސްކުރުމެވެ.
ބިލުގެ ބަހުސް ތެރެއިން ޒިޔާދު ވިދާޅުވީ، ކުނބުރުދުއާ ޖެހިގެން އޮތީ ކުޅުދުއްފުށި ސިޓީ ކަމަށެވެ.
"މިއަދު ހުޅަނގު މި އޮތީ، މި އޮތް ގަދަ ވައިގައި ގޮސް ކުނިތައް އެޅީމާ ކުޅުދުއްފުށީ ނޮޅިވަރަން، ނޮޅިވަރަންފަރު، ހަނިމާދޫ، ހިރިމަރަދޫ އަދި ފަޅު ރަށެއްގެ ގޮތުގައި އޮތަސް މީހުން އެބަ އުޅޭ، އެ ރަށްރަށުގެ ރައްޔިތުންނާ މެދު ވިސްނާލަން މި ރައްޔިތުންގެ މަޖިލީހުގައި އަޅުގަނޑުމެން އެދުނީ، މިކަން ހުއްޓުވަން،" ޒިޔާދު ވިދާޅުވިއެވެ.

ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު --- ފޮޓޯ: މަޖިލިސް
މިއަދުގެ ޖަލްސާއަށް ޒިޔާދު ހުށަހެޅުއްވި ކުއްލި މައްސަލައަށް އިޝާރާތްކުރައްވައި އޭނާ ވިދާޅުވީ، ކުނބުރުދޫގައި ކުނި ނައްތައިލެވޭނެ ގޮތެއް ނެތް ކަމާއި ތަޅުންގަނޑެއް ވެސް ނެތް ކަން އެ މައްސަލައިގައި ފާހަގަކުރައްވައިފައިވާނެ ކަމަށެވެ.
އެ މައްސަލަ ބަލައިގަތުމާ ދެކޮޅަށް ހދ. އަތޮޅަށް ނިސްބަތްވާ ޕީއެންސީ މެންބަރުން ވޯޓުދެއްވީތީ ޒިޔާދު އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
"ސަރުކާރު ފަރާތުން މި އެދެނީ މި އާދޭސް ކުރަނީ ތިޔަ އަނދައިފައި ހުރި ވިހަ ކުނިތައް ހދ. އަތޮޅުގެ މެދަށް ޖަމާނުކުރާށޭ، މިކަން ހުއްޓުވުމަށް އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" އޭނާ ވިދާޅުވިއެވެ.
ބަހުސްކުރެއްވުމަށް ފަހު ޒިޔާދު ވަނީ ކުނބުރުދުއަށް ކުނިތައް ޖަމާކުރުމާ ދެކޮޅަށް އަޑު އުފުއްލަވައިފައެވެ. އެގޮތުން ރިޔާސަތު އިންނަވާ މޭޒު ކައިރީގައި ވެސް ޒިޔާދު ވަނީ އަޑު އުފުއްލަވައިފައެވެ.
ގަވައިދާ އެއްގޮތަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ޒިޔާދަށް ތަކުރާރުކޮށް އެންގެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް އެންމެ ފަހުން ވަނީ ޒިޔާދުގެ ނަން އިއްވަވައި ތަޅުމުން އޭނާ ބޭރުކުރައްވައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި ތިލަފުށީގެ ވެމްކޯ ސައިޓުގައި ރޯވެ ކުނބުރުދުއަށް ގެންދިއުމަށް ވެމްކޯއިން ނިންމި ނިންމުން ބަލައިނުގަނެވޭނެ ކަމަށް ވިދާޅުވެ، ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު ޢާޠިފް ވެސް ކަންބޮޑުވުން ފާޅުކުރައްވައިފައިވެއެވެ.
ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތުގައެވެ. އެ އަލިފާންގަޑު ނިއްވާލެވިފައިވަނީ އެ ރޭ ފަތިހެވެ.
ވެމްކޯއިން ވަނީ، އަލިފާނުގެ ހާދިސާގެ ސަބަބުން ތިލަފުށީ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހިފައިވާކަމަށާއި އޭގެ ސަބަބުން ބައެއް ޚިދުމަތްތަކަށް ބުރޫ އަރައިފައިވާ ކަމަށް ބުނެފައެވެ
ވެމްކޯގެ އެ ނިންމުމާ ގުޅޭ ގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޢާޠިފް ވަނީ، ތިލަފުށީގައި އެނދި ކުނިތައް ކުނބުރުދުއަށް ގެންދިއުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ، މާލެއާ ކައިރީގައި ގުޅީފަޅާއި އުތުރު ތިލަފަޅުގެ އިތުރުން ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ފުށި ދިއްގަރުފަޅު ފަދަ ބޮޑެތި ފަޅުތައް ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާފައި އޮތްކަން ފާހަގަކުރައްވައިފައެވެ.
''..ހދ. އަތޮޅު ފަދަ ފަޅު ރަށްތައް މަދު، އަތޮޅެއްގެ މެދުގައި އޮތް ގުދުރަތީ ރީތި ރަށަކަަށް މުޅި ގައުމުގައި އުފެދޭހާ ކުނި ޖަމާކުރުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން، އަދި މި ސަރަހައްދުގެ ކުނިވެސް ޖަމާކުރަން އެންމެ ރަނގަޅު ރަށަކީ ކުނބުރުދޫ ކަމަށް ނުދެކެން،" ޢާޠިފް ލިޔުއްވައިފައިވެއެވެ.
ތިލަފުށީ ވެމްކޯ ސައިޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، ދުވަހުން ދުވަހަށް ދެމުން އަންނަ ޚިދުމަތްތަކަށް ހުރަސް އެޅިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އޭގެ ސަބަބުން އެ ސައިޓުން ދެމުންދިޔަ ޚިދުމަތްތަކުގެ ތެރެއިން މާލެއާއި ވިލިމާލެއާއި ހުޅުމާލޭގެ ޓްރާންސްފާ ފެސިލިޓީގެ އޮޕަރޭޝަންތަކަށް އަސަރުކޮށްފައިވާކަން ވެމްކޯއިން ފާހަގަކޮށް ޓްރާންސްފާ ފެސިލިޓީން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރު ވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ނަމަވެސް ތިލަފުށީ ސައިޓް އާންމު ހާލަތަކަށް ގެނެސް ކުނި ނެގުމުގެ މަސައްކަތް ކުރިއެކޭ އެއް އުސޫލަކުން ހިންގުމަށް، މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން އޭރުވެސް ވަނީ ބުނެފައެވެ.